ވަގުތީ ނެރުން ވަންނަނިކޮށް ދޯންޏެއް އަޑި އަށް ގޮސް، މިލިއަނެއްހާ ރުފިޔާގެ ގެއްލުން ލިބިއްޖެ
ވަގުތީ ނެރުން ވަންނަނިކޮށް ދޯންޏެއް އަޑި އަށް ގޮސް، މިލިއަނެއްހާ ރުފިޔާގެ ގެއްލުން ލިބިއްޖެ

ސިނާއީ ސަރަހައްދު ހަދާތީ މާލޭގެ ދެކުނު ފަރާތުގައި ކެނޑި ވަގުތީ ނެރުން ދޯންޏެއް ވަންނަނިކޮށް މިއަދު އަޑި އަށް ގޮސް މިލިއަނެއްހާ ރުފިޔާގެ ގެއްލުން ލިބިއްޖެ އެވެ.

މެންދުރު ފަހު ހިނގި މި ހާދިސާގައި، "މަޑިހާ 6" ނަމަކަށް ކިޔާ ދޯނި ފައިކަށީގައި ޖެހުމާ ގުޅިގެން ދޯނި ދިޔަވެ ވަނީ އެއްކޮށް އަޑި އަށް ގޮސްފަ އެވެ. އޭގައި ހުރި ގިނަ އަދަދެއްގެ އާފަލާއި އޮރެންޖު ކޭސްތައް މޫދަށް އެޅިފައި ވާތީ ފުލުހުންނާއި އާއްމުން ގުޅިގެން އެ އެއްޗެހި ނެގުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ.

އެ ދޯނިން ވާހަކަ ދެއްކި މީހަކު ބުނި ގޮތުގައި ދޯނީގައި ހުރީ މަޑިހާ ފިހާރަ އަށް ވިއްކަން ގެނައި އެއްޗިއްސެވެ.

"މިލިއަނެއްހާ ރުފިޔާގެ ބޮޑު ގެއްލުމެއް މިއީ،" އެ މީހާ ބުންޏެވެ.

ދެކުނު ފަރާތު ނެރުން ދޯނިފަހަރު ވަނުމުގެ ތެރޭގައި މީގެ ކުރިން ވެސް ބައެއް ހާދިސާތައް ހިނގާފައިވެ އެވެ. އެކަމާ ގުޅިގެން ހައުސިން މިނިސްޓްރީން ބުނީ އެ މައްސަލަ ދިމާވަނީ އެ ތަނުގެ މަސައްކަތް އެއްކޮށް ނުނިމޭތީ ކަމަށެވެ.