އެންމެ ބޮޑު ރަސްމިއްޔާތު، އެންމެ ވަރުގަދަ ތަގުރީރު
އެންމެ ބޮޑު ރަސްމިއްޔާތު، އެންމެ ވަރުގަދަ ތަގުރީރު

ރައީސް ކަމުގެ ހުވާ ކުރައްވާ ރަސްމިއްޔާތު އިންތިޒާމްކޮށްފައި އޮތް ގަލޮޅު ދަނޑަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) އާއި އަނބިކަނބަލުން ފަޒްނާ އަހްމަދު (ފަޒޫ) ވަދެވަޑައިގަތީ، ހިނިތުންވުމާ އެކުގަ އެވެ. އެއާ އެކު، ގަލޮޅު ދަނޑަށް ޖަމާވެފައި ތިބި އެންމެން ކޮޅަށް ތެދުވެ، ހޫނު މަރުހަބާއެއް ކި އެވެ. މަޖިލީހުގެ ރައީސް ގާސިމް އިބްރާހިމާ އެކު ރަތް ދޫލައިން ހިންގަވާފައި މަޖިލީހުގެ ޖަލްސާ އަށް ވަޑައިގެންނެވިއިރު، އެއްވެފައި ތިބި އާއްމުންނަށް އަތްޕުޅުގެ އިޝާރާތުން ސަލާމް ކުރެއްވި އެވެ.

އެންމެ ބޮޑު ރަސްމިއްޔާތު، އެންމެ ވަރުގަދަ ތަގުރީރު
އެންމެ ބޮޑު ރަސްމިއްޔާތު، އެންމެ ވަރުގަދަ ތަގުރީރު

އޭރު، އެމަނިކުފާނު ހުވާކުރައްވާ މަންޒަރު ދެކެން ކެތް މަދުވެފައި އެތައް ހާސް ބަޔަކު ތިއްބެވެ. އޭގެ ތެރޭގައި މެންދުރުފަހު 2 ޖެހިއިރު، ކިޔޫ ޖެހިގެން ވަދެ ތިބި މީހުން ވެސް ހިމެނެ އެވެ. އެއީ އެތައް ހާސް ރައްޔިތުންގެ އުއްމީދާ ގުޅިފައިވާ ރަސްމިއްޔާތަކަށް ވާތީ އެވެ.

އެންމެ ބޮޑު ރަސްމިއްޔާތު، އެންމެ ވަރުގަދަ ތަގުރީރު
އެންމެ ބޮޑު ރަސްމިއްޔާތު، އެންމެ ވަރުގަދަ ތަގުރީރު

ހަވީރު، 5:00 ގައި ފަށަން އޮތް ރަސްމިއްޔާތަށް ގިނަ ބަޔަކު ގޮސް ތިބީ ގައުމީ ހެދުމުގަ އެވެ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ހުންނެވީ، ހުދު ގަމީސްކޮޅެއްގެ މަތިް ކަޅު ކޯޓެއް ތުރުކުރައްވައި، ރަތް ކުލައިގެ ޓައީއެއް އަޅުއްވައިގެންނެވެ. އެމަނިކުފާނުގެ ޕާޓީ ކުލައަކީ ރީނދޫ ކުލަ ނަމަވެސް އިޚްތިޔާރު ކުރެއްވީ ރަތް ކުލައިގެ ޓައީއެކެވެ. އެއީ، ގައުމީ ކުލަ އެވެ. އަނބިކަނބަލުން ފަޒްނާ ތުރުކުރައްވައިގެން ހުންނެވީ މަޑު ނޫ ކުލައިގެ ދިގު ހެދުމެކެވެ.

އެންމެ ބޮޑު ރަސްމިއްޔާތު، އެންމެ ވަރުގަދަ ތަގުރީރު
އެންމެ ބޮޑު ރަސްމިއްޔާތު، އެންމެ ވަރުގަދަ ތަގުރީރު

ރާއްޖޭގެ ހަތް ވަނަ ރައީސްގެ ގޮތުގައި އިބޫ ހުވާކުރައްވަން ބޭއްވި ރަސްމިއްޔާތު ހުރިހާ ގޮތަކުން ވެސް ތަފާތުވެފައި، އުފާވެރި އެވެ. އެއީ، އުއްމީދުން ފުރިގެންވި އެއް ގަޑިއިރެވެ.

"ވަރަށް ތާރީޚީ ކަމެއް މިއީ. އެންމެ ޚާއްސަ ކަމަކީ، ރައްޔިތުންނާ ގުޅިފައިވާ އުއްމީދުތައް. ގިނަ އަދަދެއްގެ ބަޔަކު ބައިވެރިކޮށްގެން ބޭއްވި ރަސްމިއްޔާތަކާ އަޅާބަލާއިރު އިންތިޒާމްތައް ވެސް ފުރިހަމަ. ރައީސް ހުވާކުރައްވާއިރު، މިހާ ގިނަ އަދަދެއްގެ މީހުން ބައިވެރިކުރި ފުރަތަމަ ފަހަރަށް ވުން ވެސް ވަރަށް ޚާއްސަ،" ރަސްމިއްޔާތުގައި ބައިވެރިވި ހަސަން އިސްމާއިލް ބުންޏެވެ.

ތެދެކެވެ؛ އާ ގާނޫނުއަސާސީގެ ދަށުން، ތިން ރައީސަކު ހުވާކުރެއްވިއިރު ވެސް އާއްމުންނަށް ހުޅުވާލައިގެން ނުވަތަ މިހާ ގިނަ އަދަދެއްގެ ބަޔަކު ބައިވެރިކޮށްގެން ހުވާކުރެއްވި ރަސްމިއްޔާތެއް ބާއްވާފައެއް ނުވެ އެވެ. މި ރަސްމިއްޔާތުގައި، 11،000 މީހުންނަށް ދައުވަތު ދޭން އޮތީ ނިންމައިފަ އެވެ.

އެހެންކަމުން މިއީ، ރާއްޖޭގެ ރައީސަކު ހުވާކުރެއްވުމަށް މިހާތަނަށް ބޭއްވި އެންމެ ބޮޑު ރަސްމިއްޔާތެވެ. އެހެންކަމުން އެ ޝަރަފު ވެސް އެންމެ ގިނަ ވޯޓު ހޯއްދަވައިގެން ވެރިކަމަށް ވަޑައިގަތުމާއި ފުރަތަމަ "ރާއްޖެތެރޭ"ގެ ރައީސެއްގެ ގޮތުގައި ވެރިކަމާ ހަވާލުވެވަޑައިގެންނެވި އިބޫ މިވަނީ ހޯއްދަވައިފަ އެވެ.

އެތައް ގޮތަކުން ޚާއްސަ އެ ރަސްމިއްޔާތުގެ ވިދުން ގަދަކޮށްލީ، ދުނިޔޭގެ ފެންވަރުގެ ލީޑަރެއް ކަމަށްވާ އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ބައިވެރިވެވަޑައިގަތުމެވެ. އޭނާ ބައިވެރިވެޑައިގަތުމާ އެކު، ދުނިޔޭގެ ސަމާލުކަން އެ ރަސްމިއްޔާތަށް ލިބުނެވެ.

ގަލޮޅު ދަނޑަށް މޯދީ ވަޑައިގަތުމާ އެކު، މަރުހަބާ ދެންނެވީ، ރައްޔިތުންގެ މަޖިލީހުގެ ރައީސް ގާސިމް އިބްރާހީމެވެ.

ކުރީގެ ރައީސުންނާ އެކު މޯދީ އިށީނދެވަޑައިގަތުމަށް ޚާއްސަކޮށްފައިވާ ގޮނޑިކޮޅާ ހަމައިން ފުރަތަމަ ކޮނޑާ، ކޮނޑު ޖައްސައި ސަލާމް ކުރެއްވީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާ އެވެ. އޭގެ ފަހުން، ކުރީގެ ރައީސް މުހައްމަދު ނަޝީދާ ސަލާމްކުރެއްވުމާ އެކު، ގަލޮޅު ދަނޑު މަރުހަބާގެ އަޑުން ގުގުމާލި އެވެ. އެ ސަލާމުގައި މޯދީ، ދެއްކެވި ގާތްކަމުގެ ސަބަބުން ކަމަށް ވެދާނެ އެވެ. މޯދީ، ނަޝީދުގެ ބުރަކަށިކޮޅުގައި ފިރުމާލެއްވި އެވެ.

ގޮނޑިކޮޅުގައި އިށީނދެވަޑައިގަތުމަށް ފަހު ވެސް، މޯދީ އާއި ކުރީގެ ރައީސް ނަޝީދާއި މައުމޫނާ ދެ ބޭފުޅުންނާ ވާހަކަފުޅު ދައްކަވައި ހިނިފުޅުވެޑުވި އެވެ. އެ ބޭފުޅުންނާ އެކު ސްރީ ލަންކާގެ ކުރީގެ ރައީސާ ޗަންދުރިކާ ކުމާރަތުންގާ ބައިވެރިވެވަޑައިގަތެވެ. އޭގެ އިތުރުން، ސައުދި އަރަބިއްޔާ އާއި ޔުއޭއީ ފަދަ އަރަބި ބައެއް ގައުމުތަކުގެ މަންދޫބުން ވެސް ބައިވެރިވެވަޑައިގަތެވެ.

ގިނަ ބަޔަކަށް، މުޅި ރަސްމިއްޔާތުގައި ވެސް އެންމެ ބޮޑު ހިތްހަމަޖެހުމެއް ލިބުނީ ރައީސްގެ ތަގުރީރުންނެވެ. އާ ގާނޫނުއަސާސީއާ އެކު ޑިމޮކްރަސީއަކަށް ފޮނި ހުވަފެންތައް ދިވެހިން ދުށް ނަމަވެސް ދިވެހިން ތަޖުރިބާ ކުރި މާޔޫސްކަމަށް އަލިއަޅުއްވާލެއްވި އެވެ.

ވޭތުވެދިޔަ ދައުރުގައި ރާއްޖޭގައި އިންސާފާއި ހަމަހަމަކަން ނެތް މިންވަރާއި ހައްގުތަކަށް އަރައިގަނެ އަނިޔާވެރިވީ މިންވަރުގެ މައްޗަށް ވާހަކަފުޅު ދައްކަވައި އެމަނިކުފާނުގެ ސަރުކާރުގައި އިންސާފު ހޯއްދަވައި ދެއްވަން ވައުދުވެވަޑައިގަތެވެ.

ކުރެއްވި ހުވާގެ މަތީގައި ދެމިހުންނަވާނެ ކަމުގެ ޔަގީންކަމާ އެކު، އެއްވެސް ދިވެހި ރައްޔިތަކު ބާކީނުކޮށް، ހަމަހަމަ ފުރުސަތު ހޯއްދަވައި ދެއްވާނެ ކަމަށް ވިދާޅުވި އެވެ. ވެރިކަމުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި، އެމަނިކުފާނު ފުއްދަވައި ދެއްވާނެ ބައެއް ކަންކަން ވެސް ވިދާޅުވި އެވެ.

ކޮންމެ ވައުދެއް ވިދާޅުވެ ނިމުމާ އެކު، އެމަނިކުފާނަށް ސާބަސް ރައްދުކޮށް މަރުހަބާ އިން ދަނޑު ގުގުމާލި އެވެ. ޚާއްސަކޮށް، ޝަރުއީ ދާއިރާ އިސްލާހުކުރައްވައި، ޖަވާބު ދާރީކުރުވަން ވެވަޑައިގަތް ވައުދުން އެތައް ބަޔަކަށް އުފާވެރިކަން ލިބުނެވެ.

"ރައީސްގެ ތަގުރީރުގައި އޯގާތެރި ސަރުކާރަކަށް އެމަނިކުފާނު ގެންގުޅުއްވާ ތަސައްވުރު ރައްޔިތުންނާ ހިއްސާކޮށް ދެއްވި. ހުރި މައްސަލަތަކާއި ހައްލުތައް ހޯއްދަވައި ދެއްވާނެ ކަމަށް ވިދާޅުވި،" ގަލޮޅު ދަނޑަށް ދިޔަ ޒުވާނެއް ކަމަށްވާ އަހުމަދު މުނައްވަރު ބުންޏެވެ.