17 ނޮވެމްބަރ 2018 - 15:21

އާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެކުލަވާ މި ލެއްވީ ރާއްޖޭގެ ތާރީޚުގެ އެންމެ ބޮޑު ކެބިނެޓް. ރައީސް އާއި ނައިބު ރައީސް ފައިސަލް ނަސީމާއި އެޓާނީ ޖެނެރަލްއާ އެކު ކެބިނެޓްގެ މެމްބަރުންގެ އަދަދަކީ 22. ކުރީގެ ރައީސް ޔާމީން، މި އަހަރުގެ ރިޔާސީ އިންތިހާބުގައި ބަލިކުރަން އިދިކޮޅު އެކުލަވާލި، ހަތަރު ލީޑަރުންގެ މައްޗަށް އެކުލެވޭ ކޯލިޝަނުން ސިޔާސީ މަގާމުތައް ބަހާލަން އެއްބަސްވެފައި އޮތީ، އެމްޑީޕީއަށް 40 ޕަސެންޓް، ޖުމްހޫރީ ޕާޓީއަށް 25 ޕަސެންޓް، ކުރީގެ ރައީސް މައުމޫންގެ ރިފޯމް މޫވްމަންޓަށް 20 ޕަސެންޓް އަދި އަދާލަތު ޕާޓީއަށް 15 ޕަސެންޓް ދޭ ގޮތަށް.

ހުސައިން އާމިރު- ކޯޕަރޭޓް ސެކްރެޓަރީ

ސަބްރާ ނޫރައްދީން- ފޮރިން ރިލޭޝަންސް

ހަސަން އިސްމާއިލް- ކޮމިއުނިކޭޝަން ސެކްރެޓަރީ

އަހުމަދު އަބްދުﷲ އަފީފް- ލީގަލް ކައުންސިލް ޓު ދަ ޕްރެޒިޑެންޓް

އައިމިނަތު ޝައުނާ- ޕޮލިސީ ސެކްރެޓަރީ ކަމަށް.

ކެބިނެޓް ސެކްރެޓަރީ ކަމަށް އަހުމަދު ހަސަން ދީދީ

ކެބިނެޓަށް ބޭފުޅުން އައްޔަން ކުރެއްވުމުގެ ރަސްމިއްޔާތު ނިމިއްޖެ.

ރައީސް އޮފީހުގެ މިނިސްޓަރުގެ މަގާމަށް- ތްރީއޭ އަލީ ޝިޔާމް

ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފްގެ މަގާމަށް- އަލީ ޒާހިރު (އަދާލަތު ޕާޓީގެ ނައިބު ރައީސް)

ބަންޑާރަ ނައިބު- އިބްރާހިމް ރިފްއަތު

މިނިސްޓަ އޮފް އެންވަޔަރުމެންޓް- ޑރ. ހުސައިން ރަޝީދު ހަސަން

މިނިސްޓަ އޮފް ޖެންޑާ، ފެމިލީ އެންޑް ސޯޝަލް ސާވިސް- ޝިދާތާ ޝަރީފް

މިނިސްޓަ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަމަންޓް- އަހުމަދު މަހްލޫފް

މިނިސްޓަ އޮފް ހައުސިން އެންޑް އާބަން ޑިވެލޮޕްމަންޓް- އައިމިނަތު އާތިފާ

މިނިސްޓަ އޮފް އިސްލާމިކް އެފެއާޒް- ޑރ. އަހުމަދު ޒާހިރު

މިނިސްޓަ އޮފް ފިޝަރީޒް، މެރިސް ރިސޯސަސް އެންޑް އެގްރިކަލްޗަރު- ޒަހާ ވަހީދު

މިނިސްޓަ އޮފް އިކޮނޮމިކް އެންޑް ޑިވެލޮޕްމަންޓް- ފައްޔާޒް އިސްމާއިލް

މިނިސްޓަ އޮފް ޓޫރިޒަމް- އަލީ ވަހީދު

މިނިސްޓަ އޮފް ހެރިޓޭޖް- ޔުމްނާ މައުމޫން

މިނިސްޓަ އޮފް ޓްރާންސްޕޯޓް- އާއިޝަތު ނަހުލާ
މިނިސްޓަ އޮފް އެޑިއުކޭޝަން- ޑރ. އާއިޝަތު އަލީ
މިނިސްޓަ އޮފް ކޮމިއުނިކޭޝަން ސައިންސް އެންޑް ޓެކްނޮކޮލޮޖީ- މުހައްމަދު މަލީހް ޖަމީލް
މިނިސްޓަ އޮފް ހެލްތު- އަބްދުﷲ އަމީން
މިނިސްޓަ އޮފް ހަޔާ އެޑިއުކޭޝަން- ޑރ. އިބްރާހިމް ހަސަން.
މިނިސްޓަ އޮފް ނޭޝަނަލް ޕްލޭނިން އެންޑް އިންފްރާސްޓްރަކްޗަރު- މުހައްމަދު އަސްލަމް
މިނިސްޓަ އޮފް ފިނޭންސް- އިބްރާހިމް އަމީރު
މިނިސްޓަ އޮފް ހޯމް އެފެއާޒް- އިމްރާން އަބްދުﷲ
މިނިސްޓަ އޮފް ޑިފެންސް- މާރިޔާ އަހުމަދު ދީދީ
މިނިސްޓަ އޮފް ފޮރިން އެފެއާޒް- އަބްދުﷲ ޝާހިދު
އާ ކެބިނެޓުގެ ބޭފުޅުން ހުވާކުރައްވަން ފައްޓަވައިފި. ހުވާލަައި ދެއްވަނީ އުއްތަމަ ފަނޑިޔާރު
އިބްރާހިމް މުހައްމަދު ސޯލިހްގެ ކެބިނެޓަށް ބޭފުޅުން އައްޔަން ކުރެއްވުމުގެ ރަސްމިއްޔާތު ފަށައިފި.
އާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުގެ އާ ކެބިނެޓްގެ ބޭފުޅުން މަގާމުގެ ހުވާކުރައްވަން ތައްޔާރުވެއްޖެ. ކެބިނެޓަށް އައްޔަން ކުރައްވާ ބޭފުޅުން މިހާރު ތިއްބެވީ ރައީސް އޮފީހުގައި.
އިންޑިޔާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ރައީސް އޮފީހަށް ވަޑައިގެން އާ ރައީސާ ބައްދަލު ކުރައްވައިފި. މޯދީ އަކީ، އިބްރާހިމް މުހަންމަދު ސޯލިހާ އެންމެ ފުރަތަމަ ބައްދަލު ކުރައްވާ، ދުނިޔޭގެ އެންމެ ލީޑަރު. މޯދީ ރައިސް އޮފީހަށް ވަޑައިގެން މެހުމާނުން ސޮއިކުރައްވާ ފޮތުގައި ވަނީ ސޮއިކުރައްވައިފައި.
ރައީސް އިބްރާހިމް މުހަންމަދު ސޯލިހު ފުރަތަމަ ފަހަރަށް ރައީސް އޮފީހަށް ވަޑައިގެންފި. އެމަނިކުފާނަށް މަރުހަބާ ވިދާޅުވީ ރައީސް އޮފީހުގެ އިސް ބޭފުޅުން. ރައީސް އޮފީހުް އެންމެ ފުރަތަމަ މަރުހަބާ ވިދާޅުވީ ރައީސް އޮފީހުގައި ރައީސްގެ ސެކްރެޓަރީ ފާތުމަތު މުހަންމަދު ސޯލިހު (ފާތޭ). ފާތޭ އަަކީ ރައީސް މައުމޫން އަބްދުލްގައްޔޫމާއި ރައީސް އަބްދުﷲ ޔާމީންގެ ވެސް ސެކްރެޓަރީ.
ސަލާމް ކުރައްވާ ނިމުމަށް ފަހު ރައީސް ގަލޮޅު ދަނޑުން ވަޑައިގެންފި. ދެން އެމަނިކުފާނު ވަޑައިގަންނަވާނީ ރައީސް އޮފީހަށް. އޭގެ ފަހުން އިންޑިޔާގެ ބޮޑުވަޒީރު މޯދީ އާ ބައްދަލު ކުރައްވައި، ދެ ގައުމުގެ މެދުގައި ބައެއް އެއްބަސްވުންތަކުގައި ސޮއިކުރައްވާނެ. އާ ސަރުކާރުގެ ކެބިނެޓް އިރުކޮޅެއްގެ ތެރޭގައި އިއުލާންކުރާނެ.
ގާސިމް ވިދާޅުވީ ރާއްޖެ ކުރިއަށް ގެންދިއުމުގެ މަގަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ކުރައްވާ ހުރިހާ މަސައްކަތްޕުޅުގައި، އެމަނިކުފާނުގެ އަރިހުގައި ސާބިތުކަމާ އެކު ތިއްބަވާނެކަމުގެ ޔަގީންކަން ދެއްވާ ކަމަށް. އަދި ގުޅިގެން އެކުގައި މަސައްކަތްކުރާނެކަމުގެ ކަށަވަރުކަން ވެސް ދެން،" ގާސިމް ވިދާޅުވި.
ރައްޔިތުންގެ މަޖިލިހުގެ ރައީސް އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ކޯލިޝަންގެ މުހިންމު އެއް ބައިވެރިޔާ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް، ރައްޔިތުންގެ މަޖިލިހުގެ މި ޖަލްސާ ނިންމަވާލައްވަމުން ވިދާޅުވީ ރައީސްގެ ތަގުރީރުން "ހިތްތައް ތާޒާވެއްޖެ" ކަމަށް. "އުއްމީދާ"އި "އަޒުމް އާވެއްޖެ" ކަމަށް.
ރައީސާއި ނައިބު ރައީސް ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނާ ވަކިވަކިން ސަލާމް ކުރައްވަމުން އެބަ ގެންދަވާ
ހުވާ ކުރުމުގެ ޖަލްސާ ނިންމާލައިފި
ރާއްޖޭގެ ވެރިކަމުގެ ހުވާކުރެއްވުމަށް ފަހު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ދެއްވި ތަގުރީރަކީ، މި ފަހުން ރައީސެއްގެ އެންމެ ވަރުގަދަ ވާހަކަފުޅު. ރާއްޖޭގެ ރަައްޔިތުންގެ ހައްގުތައް ހިމާޔަތްކުރައްވަން ވެވަޑައިގެންނެވި ވައުދުން ފެށިގެން ފުރަތަމަ 100 ދުވަހު ކުރަަން ނިންމަވާފައި ހުރި ކޮންމެ ކަމަކީ، މިވަގުތު ވެސް ދިވެހި ރައްޔިތުން އެދިއެދި ތިބި މުހިންމު ބައިތަކެއް. އަދި ޝަރުއީ ނިޒާމް ހަރުދަނާކުރައްވާނެ ކަމަށް ވިދާޅުވި ވިދާޅުވުމާއި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ހިންގާފައި ހުރި ހިޔާނާތުގެ މައްސަލަތައް ބަލައި، ދައުލަތަށް ގެއްލުނު ފައިސާ ހޯދަން މަސައްކަތްކުރައްވާނެ ކަމަށް ވިދާޅުވުމުން، ގަލޮޅު ދަނޑުގައި ތިބި އެތައް ހާސް ބަޔަކު، ހޫނު އަތްތިލަބަޑިއަކުން މަރުހަބާ ދެންނެވި.
ރައީސް އިބްރާހިމް މުހަންމަދު ސޯލިހު: އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން އުފައްދާ މި ސަރުކާރު ވެގެންދާނީ ހުރިހާ ގޮތަކުން ވެސް ކާމިޔާބު ސަރުކާރަކަށް. ރައްޔިތުންނަށް ހެޔޮ ވެރިކަން ކުރާ ސަރުކާރަކަށް.
ރައީސް އިބްރާހިމް މުހަންމަދު ސޯލިހު: އަޅުގަނޑުގެ ސަރުކާރުގައި ފުލުހުންނާއި ސިފައިންނަކީ ގަދަރުވެރި ދެ މުއައްސަސާ އަށް ވެގެންދާނެ.
ރައީސް އިބްރާހިމް މުހަންމަދު ސޯލިހު: ވޭތުވެދިޔަ ފަސް އަހަރު އޮތީ ބައިނަލް އަގުވާމީ ގޮތުން ފެއަށް ޖެހިފައި. ހާރިޖީ ސިޔާސަތުގައި އިސްކުރާނީ ރާއްޖޭގެ އެންމެ މަތީ މަސްލަހަތު. އިންޑިޔާ އާއި އަވައްޓެރި ގައުމުތަކާ އެކު އޮތް ގުޅުން ބަދަހިކުރާނަން، އަދި ތަރައްގީގެ ގޮތުން ގުޅުން ބަދަހި ކުރަން ބޭނުންވާ ހުރިހާ ގައުމުތަކާ އަޅުގަނޑު ގުޅުން ބަދަހި ކުރާނަން.
ރައީސް އިބްރާހިމް މުހަންމަދު ސޯލިހު: މިވަގުތުން ފެށިގެން އަންނަ 100 ދުވަހުގެ ތެރޭގައި އަޅުގަނޑުގެ ސަރުކާރުން ކުރަން ރާވާފައިވާ ކަންކަން އެބަހުރި. ފުރަތަމަ 100 ދުވަހުގެ ތެރޭގައި ކަރަންޓް އަގުހެޔޮ ކުރެވޭނެ. ފުރަތަމަ ޑިގްރީއަށް ހިލޭ ކިޔެވެން ފެށޭނެ. ސްކޫލުތަކުގައި ހެނދުނުގެ ނާސްތާ ފެށޭނެ. ހައްޖުގެ އަޅުކަން ޕެންޝަން ފައިސާ އިން ކުރެވޭނެ. މަސްކަނޑުތައް ބޭރު ފަރާތްތަކަށް ދިނުން ހުއްޓާލެވޭނެ. ދަނޑުވެރިކަމަށް ގެންނަ އެއްޗެހިން އިމްޕޯޓް ޑިއުޓީ ކަނޑާލާނެ. ގްރީން ޓެކްސްގެ ފައިސާ ހަމައެކަނި ހޭދަކުރެވޭނީ ތިމާވެށީގެ މަސައްކަތްތައް. ބޯހިޔާވަހިކަން ހުރިހާ ރައްޔިތުންނަށް ދިނުމުގެ މަޝްރޫއު ފެށޭނެ. މުޅި ރާއްޖެއަށް އެއާ އެމްބިއުލާންސްގެ މަސައްކަތް ފެށޭނެ. ނަފުސާނީ ބަލީގެ ފަރުވާ ފެށޭނެ. ކައުންސިލްތައް ބާރުވެރި ކުރުވައި އެ ބާރުތައް އަލުން ލިބިގެން ދާނެ. މިއީ އަޅުގަނޑު 100 ދުވަހުގެ ތެރޭގައި ކުރަން ހުރި ރާވާފައިވާ ބައެއް ކަންކަން.
އިބޫ: ރާއްޖޭގެ އިގްތިސާދު ހަރުދަނާކުރުމަށް ޓަކައި މި ފަސް އަހަރުގެ ތެރޭގައި އަޅުގަނޑު މަސައްކަތްތަކެއް ކުރާނަން
އިބޫ: ޒުވާނުންގެ ކުރިމަގު އުޖާލާ ކުރުމަށް ޓަކައި ދޭން ޖެހޭ އެއްބާރުލުން ދޭނެ
އިބޫ: މަދަނީ ޖަމާއަތްތައް ބާރުވެރި ކުރުމަށް ދައުލަތުން ދޭން ޖެހޭ އެއްބާރުލުން މި ސަރުކާރުން ދޭނެ.
އިބޫ: ލާމަރުކަޒީ ނިޒާމު ހަރުދަނާކޮށް ކައުންސިލްތައް ބާރުގަދަ ތަންތަން ގޮތުގައި އަޅުގަނޑު ހަދާނަން.
އިބޫ: ސަރުކާރުގެ ކަންކަމާ ގުޅޭ ގޮތުން ޝަކުވާ ކުރަން ބޭނުންވާ މީހުންނަށް އެކަމަށް މަގު ފަހިކޮށްދޭނަން. އެކަމަށް ރައިސް އޮފީހުގައި އަޅުގަނޑު އިންތިޒާމުތަކެއް ހަމަޖައްސައިދޭނަން. ރައްޔިތުންނަށް ޓަކައި އަޅުގަނޑު ކޮށްދޭން ފަސް ޖެހޭނެ އެއްވެސް ކަމެއް ނޯންނާނެ.
އިބޫ: އިންސާފުން ކަންކަން ކުރުމަށް ޓަކައި ކުރަން ޖެހޭ އެންމެ މުހިންމު ކަމަކީ މުއައްސާސަތަކާއި ދައުލަތުގެ އިދާރާތަކުގައި އޮތް ކޮރަޕްޝަން ނައްތާލުން. އެކަމާ ދެކޮޅަށް މަސައްކަތް ކުރާ މީހުންނަށް ދޭން ޖެހޭ ގާނޫނީ ރައްކާތެރިކަން އަޅުގަނޑު ކަށަވަރު ކޮށްދޭނެ.
އިބޫ: ދިވެހި ދައުލަތުން ގެއްލިފައިވާ ފައިސާ އަނބުރާ ހޯދަން ޖެހޭ. ގޮތް ނޭނގޭ މަރުތަކާއި ގެއްލިފައިވާ މީހުންގެ ހަގީގަތް ރައްޔިތުންނަށް ހާމަކޮށްދޭން ޖެހޭ. އަޅުގަނޑުމެން ގައުމެއްގެ ގޮތުގައި އެކަތިގަނޑެއްގެ ގޮތުގައި ކުރިއަށް ދިއުމަށް ޓަކައި މިއީ ކޮންމެހެން ކުރަން ޖެހޭ ކަމެއް.
އިބޫ: މި ފައިސާ ހޯދަން ދުނިޔޭގެ ގައުމުތަކާއި ޖަމާއަތްތަކުގެ އެހީތެރިކަން އަޅުގަނޑު ބޭނުންވޭ.
އިބޫ: އަޅުގަނޑު ރައީސްކަމާ ހަވާލުވާއިރު ދައުލަތުގެ މާލީ ހާލަތު މި ވަނީ ވަރަށް ބޮޑަށް ދަށަށް ގޮސްފައި. ދައުލަތަށް ގެއްލުންވާ ގޮތަށް ހިންގާފައިވާ މަޝްރޫއުތަކުން ދައުލަތަށް ލިިބިފައިވާ ގެެއްލުން ވަރަށް ބޮޑު. ކޮރަޕްޝަންގެ ސަބަބުން އެތަކެއް ބިލިއަން ރުފިޔާ ވަނީ ގެއްލިފައި. އެއީ ކިހާ އަދަދެއްކަން ވެސް އަދި ސާފެއް ނުވޭ.
އިބޫ: ރާއްޖޭގައި އަދުލު އިންސާފު ގާއިމް ކުރެވިގެންދާތަން ދެން ފެނިގެންދާނެ. ވޭތުވެދިޔަ 10 ވަރަކަށް އަހަރުގެ ތެރޭގައި ފެނިގެން ދިޔައީ ފަނޑިޔާރުންގެ ރައްޔިތުންނަށް ޖަވާބުދާރީވާން ޖެހޭ ތަނަކަށް ވާން ޖެހޭކަން. އެއްވެސް ނުފޫޒެއް ނެތި އިންސާފުން ޝަރީއަތް ކުރެވޭ ތަނަކަށް ވާން ޖެހޭކަން. ނަޒާހަތްތެރި ފަނޑިޔާރުގެއެއް ގާއިމް ކުރަން ޖެހިފައިވާކަން.
އިބޫ: ގައުމުގެ ހާލަތު ކުރިއަށް ގެންދެވޭނީ އަޅުގަނޑުމެން އެކަކު އަނެކެއްގެ ހިތްވަރުން ކުރެވޭ މަސައްކަތް
އިބޫ: (ދެން ކުރިއަށް އޮތީ) އިސްލާމް ދީނުގެ އުސޫލުތައް ދަމަހައްޓާ ސަރުކާރެއްގެ މަންޒަރު
އިބޫ: މިހާރު އޮތް ގާނޫނުއަސާސީއަކީ ކުރިން ލިބިފައި ނުވާ އެތައް ހައްގެއް ކަށަވަރު ވެފައިވާ ގާނޫނުއަސާސީއެއް. ހަގީގަތަކީ އެ ގާނޫނުއަސާސީ ގެނެސްދިން ނިޒާމު ހަރާބުވެ ވިއްސިވިހާލިވެފައިވާކަން. އެހެންވެ، މިހާރު ކުރަން އޮތް މަސައްކަތަކީ އެ ގާނޫނުއަސާސީގެ ހައްގުތައް ކަށަވަރުކޮށްދިނުން. އިންސާފު ގެނެސްދިނުން.
އިބޫ: ރައްޔިތުން ވޯޓު ދެއްވީ އިންސާފުގެ މަގަށް. ބޯހިޔާވަހިކަމާއި ނަރުދަމާ އާއި ފެނަށް އަޅުގަނޑު ވީ ވައުދުތަކުގެ މައްޗަށް. އެއީ އެންމެ ހިނދުކޮޅަކަށް ވެސް ހަނދާން ނައްތާލާނެ ކަމެއް ނޫން.
އިބޫ: ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް އަޅުގަނޑު މި ޔަގީންކޮށް މި އަރުވަނީ އެއްވެސް ރައްޔިތަކު ތަފާތު ނުކޮށް ހިދުމަތް ދޭނެކަމުގެ. ރައްޔިތުން ވޯޓު ދެއްވި ގޮތް އެންމެ ހިނދުކޮޅަކަށް ވެސް ހަނދާނެއް ނުނެތޭނެ. އަޅުގަނޑަށް ވޯޓު ދެއްވީ ގުޅިފައިވާ ކޯލިޝަނަކަށް ކަން އަޅުގަނޑު ހަނދާން ބަހައްޓާނަން.
އިބޫ: މާތްﷲ ގަންދީ ދެންމެ މި ކުރީ ހުވާ. ގާނޫނުއަސާސީ އާއި ދިވެހި ރައްޔިތުންގެ ހައްގުތައް ރައްކާތެރި ކުރުމުގެ ހުވާ. ރައީސުލްޖުމްހޫރިއްޔާގެ ވާޖިބުތައް ތެދުވެރިކަމާ އެކު އަދާކުރުމުގެ ހުވާ. އަޅުގަނޑު ކަށަވަރު ކޮށް މި އަރުވަނީ އަޅުގަނޑު ކުރި ހުވަޔާ އެކު ދެމިހުންނާނެ ކަމުގެ.
ދެން އޮތީ އިބޫ މަޖިލީހުގެ މެމްބަރުންނާ ވާހަކަފުޅު ދެއްކެވުން
ރައީސްގެ ނައިބު ހުވާގެ އިގުރާރުގައި ސޮއި ކުރައްވައިފި
ފައިސަލް ނަސީމް ނައިބު ރައީސް ކަމުގެ ހުވާ ކުރައްވައިފި
އިބްރާހިމް މުހައްމަދު ސޯލިހަކީ ރާއްޖޭގެ ހަތް ވަނަ ރައީސް. ޖެނުއަރީ 1، 1953 ގައި މުހައްމަދު އަމީން ރާއްޖޭގެ ފުރަތަމަ ރައީސަކަށް ވެވަޑައިގެންނެވި އިރު ނައިބު ރައީސަކީ ވެލާނާގޭ އިބްރާހިމް މުހައްމަދު ދީދީ. އަމީންގެ ވެރިކަން ނިމުނީ އޮގަސްޓް 21، 1953 ގައި، ގުޅަކުޅޭ ފަސްގަނޑަށް މާލޭގެ ރައްޔިތުން އެއްވެ، ގެނައި އިންގިލާބެއްގައި. އޭގެ ފަހުން އަނެއްކާ ރާއްޖޭގެ ވެރިކަން ރަސްކަމަކަށް ބަދަލުވެ، ދެ ވަނަ ޖުމްހޫރިއްޔާ އުފެދުނީ އޭގެ 15 އަހަރު ފަހުން 1968 ގައި. ދެ ވަނަ ޖުމްހޫރިއްޔާގައި މިހާތަނަށް ރައީސްގެ ޒިންމާ ނަންގަވާފައި ވަނީ ރައީސް އިބްރާހިމް ނާސިރު (10 އަހަރު)، ރައީސް މައުމޫން އަބްދުލްގައްޔޫމް (30 އަހަރު)، ރައީސް މުހައްމަދު ނަޝީދު (ތިން އަހަރާއި ބައި)، ރައީސް މުހައްމަދު ވަހީދު (ދޮޅު އަހަރު) އަދި ރައީސް އަބްދުﷲ ޔާމީން (ފަސް އަހަރު).
ފައިސަލް ނަސީމް، ނައިބު ރައީސް ކަމުގެ ހުވާ ކުރައްވަނީ
ދެން އޮތީ ރައީސްގެ ނައިބު ކަމުގެ ހުވާ ފައިސަލް ނަސީމް ކުރެއްވުން
ހުވާގެ ލިޔުމުގައި އިބޫ އިބޫ ސޮއިކުރައްވައިފި
21 ބަޑީގެ ސަލާމަކާ އެކު ގައުމީ ސަލާމް ކުޅެފި
ހުވާ ކުރެއްވުމާ އެކު ސިފައިންގެ 21 ބަޑީގެ ސަލާމެއް އަރުވައިފި
އިބޫ ހުވާ ކުރައްވައިފި
އިބްރާހިމް މުހަންމަދު ސޯލިހު ރައީސް ކަމުގެ ހުވާ ކުރައްވަން ފައްޓަވައިފި
މަޖިލީހުގެ ރިޔާސަތުގައި އިންނެވީ މަޖިލީހުގެ ރައީސް ގާސިމް އިބްރާހިމް. ހުވާ ލައިދެއްވަނީ އުއްތަމަ ފަނޑިޔާރު އަބްދުﷲ ދީދީ
ރައީސާއި ނައިބު ރައީސްގެ ހުވާ: "އަހުރެން.......(މީހާގެ ނަން)....... އިސްލާމްދީނަށް ހުރުމަތްތެރިކޮށް ހިތުމަށާއި، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީ އާއި ރައްޔިތުންގެ ހައްގުތަކަށް ރައްކާތެރިކުރުމަށާއި، ދިވެހި ގައުމަށް އިހުލާސްތެރިވުމަށާއި، ދިވެހި ޖުމްހޫރިއްޔާގެ ގާނޫނުއަސާސީ އާއި ގާނޫނާ އެއްގޮތްވާ ގޮތުގެ މަތީން، ރައީސުލްޖުމްހޫރިއްޔާގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް، ތެދުވެރިކަމާއި އަމާނާތްތެރިކަމާ އެކު، އަދާކުރުންމަތީ ދެމިހުރުމަށް މާތް ﷲ ގަންދީ ހުވާކުރަމެވެ."
ހުވާ ކުރުމުގެ ރަސްމިއްޔާތު ފަށައިފި. ޖަލްސާ އަށް ވަޑައިގެންނެވީ 66 މެމްބަރުން. އެންމެ ފުރަތަމަ ވެސް އޮތީ އިބޫ އާއި ފައިސަލް ހުވާ ކުރެއްވުން.
ގުރުއާންގެ ބަރަކާތުން ރަސްމިއްޔާތު ފަށައިފި.
އިބްރާހިމް މުހައްމަދު ސޯލިހާއި ފައިސަލް ނަސީމް ހުވާކުރައްވާ ތަން ހަދާފައި ވަނީ ރައްޔިތުންގެ މަޖިލިހުގެ ރިޔާސަތުގެ މޭޒު ހުންނަ ސަރަހައްދާ އެއްގޮތަށް. ރައީސްކަމުގެ ހުވާކުރުން އޮންނަން ޖެހެނީ ރައްޔިތުންގެ މަޖިލިހުގެ ރަސްމީ ޖަލްސާއެއްގައި، އެހެންކަމުން ގަލޮޅު ދަނޑުގައި އެ ބާއްވަނީ ރައްޔިތުންގެ މަޖިލިހުގެ ޖަލްސާއެއް.
އިބޫ އާއި ފައިސަލް މަގާމުގެ ހުވާކުރައްވާ ރަސްމިއްޔާތު ފަށައިފި. ގައުމީ ސަލާމް ކުޅެމުން އަންނައިރު ހުރިހާ ބޭފުޅުން މިހާރު ތިއްބެވީ ކޮޅަށް. އިބޫ އާއި ފައިސަލަށް މަގާމުގެ ހުވާލައި ދެއްވާނީ އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ.
ރިޔާސީ ހުވާކުރެއްވުމުގެ ރަސްމިއްޔާތަށް ގަލޮޅު ދަނޑު ތައްޔާރުކޮށްފައި ވަނީ ވަރަށް ހިތްގައިމު ގޮތަކަށް، ދަނޑުގައި، ރަތާއި ފެއްސާއި ހުދު ކުލައިގެ ގޮނޑިތައް ދަނޑުގައި އަތުރާފައި ހުރީ ވައް ބުރެއްގެ ސިފާގައި. ގޮނޑީތަކުގެ އިތުރުން ސިޑި ބަރީގައި ވެސް އެތައް ހާސް ބަޔަކު މަންޒަރު ބަލަން އެބަ ތިބި. މިއީ ރައީސް ހުވާކުރެއްވުމުގެ ރަސްމިއްޔާތެއްގައި ރާއްޖޭގައި މިހާ ގިނަ ބަޔަކު ބައިވެރިވި ފުރަތަމަ ފަހަރު. ކުރިން ނަމަ ހުވާކުރުން އޮންނަނީ ރައްޔިތުންގެ މަޖިލިހުގައި، އޭގެ ފަހުން ދަރުބާރުގޭގައި.
ގަލޮޅު ދަނޑުން އިބޫއަށް އިސްވެ މަރުހަބާ ދެންނެވީ ރައްޔިތުންގެ މަޖިލިހުގެ ރައީސް ގާސިމް އިބްރާހީމް. އިބޫގެ ޝަރަފުގައި އެމްއެންޑީއެފުން ދަނީ ގާޑް އޮފް އަޮނާއެއް އަރުވަމުން.
އިންތިޚާބީ ރައީސް އިބޫ، ހުވާކުރެއްވުމުގެ ރަސްމިއްޔާތަށް ވަޑައިގެންފި.
ރައީސުލްޖުމްހޫރިއްޔާ އާއި ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ ހުވާ "އަހުރެން.......(މީހާގެ ނަން)....... އިސްލާމްދީނަށް ހުރުމަތްތެރިކޮށް ހިތުމަށާއި، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީ އާއި ރައްޔިތުންގެ ހައްގުތަކަށް ރައްކާތެރިކުރުމަށާއި، ދިވެހި ގައުމަށް އިހުލާސްތެރިވުމަށާއި، ދިވެހި ޖުމްހޫރިއްޔާގެ ގާނޫނުއަސާސީ އާއި ގާނޫނާ އެއްގޮތްވާ ގޮތުގެ މަތީން، ރައީސުލްޖުމްހޫރިއްޔާގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް، ތެދުވެރިކަމާއި އަމާނާތްތެރިކަމާ އެކު، އަދާކުރުންމަތީ ދެމިހުރުމަށް މާތް ﷲ ގަންދީ ހުވާކުރަމެވެ."
އިންތިޚާބީ ނައިބު ރައީސް ފައިސަލް ނަސީމް ގަލޮޅު ދަނޑަށް ވަޑައިގެންފި.
އިންޑިއާގެ ބޮޑުވަޒީރު މޮދީ މިހާރު ގަލޮޅު ދަނޑަށް ވަޑައިގެންފި.
އިބޫ އާއި ފައިސަލް މަގާމުގެ ހުވާކުރައްވާ ރަސްމިއްޔާތަށް ގަލޮޅު ދަނޑަށް މިހާރު ވަނީ އެތައް ހާސް ބަޔަކު ވަދެ ފުރާލާފައި. އަދި އިބޫ މިހާރު ވަނީ ހުވާކުރައްވާ ރަސްމިއްޔާތަށް ގެކޮޅުން ގަލޮޅު ދަނޑަށް ވަޑައިގަތުމަށް ދަތުރުފުޅު ފައްޓަވާފައި.
މޯދީ ރާއްޖެ މި ވަޑައިގަތީ ރައީސް ޔާމީންގެ ދައުރުގައި އިންޑިއާ އާއި ރާއްޖެއާ ދެމެދު އޮތް ގުޅުން ވަރަށް ބޮޑަށް ހީނަރުވެފައި އޮތް ދަނޑިވަޅެއްގައި. ރައީސް ޔާމީން އިންޑިއާއަށް ވުރެ ބޮޑަށް ޖެހިވަޑައިގަތީ ޗައިނާ ކޮޅަށް. އޭގެ ސަބަބުން ސަރުކާރުން ބޭނުންވި ތަރައްގީގެ ބޮޑެތި މަޝްރޫއުތަކަށް ޗައިނާ އިން ލޯނު ލިބިފައިވޭ.
މޯދީ އަށް އެއާޕޯޓުން މަރުހަބާ ދެންނެވީ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް އާއި ޓްރާންސިޝަން ކޮމެޓީގެ ޗެއާމަން އަބްދުﷲ ޝާހިދު
އާ ގާނޫނު އަސާސީގެ ދަށުން ބޭއްވި ތިން ވަނަ ރިޔާސީ އިންތިހާބަށް ފަހު ރައްޔިތުންގެ ބޮޑު އަގުލަބިއްޔަތަކުން އިބޫ ރައީސަކަށް ހޮވުމުން އެނގުނީ، ރައީސް ޔާމީންގެ ސަރުކާރުން ގެންގުޅުނު އަނިޔާވެރި ސިޔާސަތުތަކަށް ގިނަ ދިވެހިން ދެކޮޅުކަން. އަދި މިދިއަަ ފަސް އަހަރު ރާއްޖެ އިން ފެނުނު އަނިޔާ އާއި ނާއިންސާފާއި ހިޔާނާތާއި މިނިވަން މުއައްސަސާތައް "ކުޅޭކުޅޭ" އެއްޗަކަށް ހެދުން ފަދަ ކަންކަން ބަދަލުވާނެ ކަމަށް ރައްޔިތުން އުއްމީދުކުރޭ.
ހުވާ ކުރެއްވުމުގެ އެންމެ ލީޑަރެއްގެ ގޮތުން އިންޑިޔާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ދެންމެ ރާއްޖެ ވަޑައިގެންފި. މޯދީ ރާއްޖެ ވަޑައިގަތީ، ނިމިގެން ދިޔަ ސަރުކާރުގައި އިންޑިޔާ އާއި ރާއްޖެއާ ދެމެދު ވަރަށް ބޮޑަށް ގުޅުން ގޯސްފެފައި އޮއްވައި. އެކަމަކު އިބޫގެ ވެރިކަމުގައި އެ ގުޅުން ރަނގަޅުވާނެ ކަމަށް އިންޑިޔާ އިން އުންމީދު ކުރޭ. މޯދީގެ ވެރިކަމުގައި އޭނާ މީގެ ކުރިން ރާއްޖެ ވަޑައިގެންފައެއް ނުވޭ
ރައީސް ކަމުގެ ހުވާ ކުރައްވާ އިބްރާހިމް މުހަންމަދު ސޯލިހަކީ ޅ. ނައިފަރަށް އުފަން ބޭފުޅެއް. އެމަނިކުފާނަކީ ރާއްޖޭގެ ސިޔާސީ ދާއިރާގައި، ރައްޔިތުންގެ މަޖިލީހުގެ މެމްބަރެއްގެ ގޮތުންް 25 އަހަރު ހިދުމަތް ކުރައްވާފައިވާ ބޭފުޅެއް. އޭގެ ތެރޭގައި ހިމެނެނީ ޅ. އަތޮޅުގެ މެމްބަރު ކަމާއި ހިންނަވަރު ދާއިރާގެ މެމްބަރުކަން ހިމެނޭ. އުމުރުން 10 އަހަރުން ފެށިގެން މާލެ އަށް ބަދަލުވެ ވަޑައިގަތް އިބޫ އަކީ އެމްޑީޕީ އުފެދި، ވޭތުވެދިޔަ 10 ވަރަކަށް އަހަރު ދުވަހު އެމަނިކުފާނު ވަނީ އެ ޕާޓީގެ އިސް ސަފުގައި ހަރަކާތްތެރިވެ ވަޑައިގެންފައި. ރައީސްކަން ލިބިވަޑައިގަތް އިރު އެމަނިކުފާނަކީ އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރު ވެސް މެ.
ރިިޔާސީ އާ ދައުރެއް ފެށިގެން މިދަނީ މިދިއަ ފަސް އަހަރު ސިޔާސީ ގޮތުން ވަރަށް ބޮޑު ހަމަނުޖެހުމެއް ދިވެހިން ތަޖުރިބާކުރުމަށް ފަހު. ރައީސް އަަބްދުﷲ ޔާމީންގެ ވެރިކަމުގައި އިދިކޮޅު ލީޑަރުން ޖަލަށް ލުމާއި، އިދިކޮޅު ހަރަކާތްތަކަށް ހުރަސް އެޅުން ފަދަ ކަންކަމުން އުފެދުނު އުދާސްތަކަށް މިއަަދު ނިމުން އަންނާނެ ކަމަށް، ވަރަށް ގިނަ ބަޔަކު ގަބޫލުކުރޭ.
ކުރިއަށް އޮތް ފަސް އަހަރަށް ރައްޔިތުން އިންތިހާބުކޮށްފައިވާ ރައީސް އިބްރާހިމް މުހަންމަދު ސޯލިހު (އިބޫ) އާއި ނައިބު ރައީސް ފައިސަލް ނަސީމް މަގާމުގެ ހުވާ ކުރެއްވުމުގެ ރަސްްމިއްޔާތަށް ދައުވަތު ދީފައިވާ މީހުން ގަލޮޅު ދަނޑަށް ވަންނަން ފަށައިފި އެވެ.
މި ރަސްމިއްޔާތުގައި 46 ގައުމެއްގެ އޮފިޝަލުން ބައިވެރިވެ ވަޑައިގަންނަވާއިރު، އެންމެ އިސް ލީޑަރެއްގެ ގޮތުން ބައިވެރިވެ ވަޑައިގަންނަވާނީ އިންޑިޔާގެ ބޮޑުވަޒީރު ނަރެންދުރަ މޯޑީ އެވެ. މީގެ އިތުރުން އަވައްޓެރި ލަންކާގެ ކުރީގެ ބޮޑުވަޒީރު ޗަންދުރިކާ ބަންޑާރަނައިކަ އާއި ކުރީގެ ރައީސް މަހިންދަ ރާޖަޕަކްސާގެ ދަރިކަލުން އަދި ޕާލަމެންޓް މެމްބަރު ނަމަލް ރާޖަޕަކްސާ ވެސް މި ރަސްމިއްޔާތަށް ރާއްޖެ ވަޑައިގެންފަ އެވެ.
ގަލޮޅު ދަނޑުގައި މިއަދު ބާއްވާ ތާރީހީ މި ބޮޑު ޖަލްްސާއަކީ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެކެވެ. އެހެންވެ، އެ ތަން ޑިޒައިންކޮށްފައި ވަނީ ވެސް ރައްޔިތުންގެ މަޖިލީހުގެ ގޮނޑިތައް އަތުރާފައި ހުރި ގޮތަށެވެ. ގަލޮޅު ދަނޑުގެ ވަށައިގެން ހުރި ސިޑިބަރިތައް ވެސް ފުރޭ ވަރަށް މި ރަސްމިއްޔާތަށް ވަނީ ދައުވަތު ދީފަ އެވެ. ޖުމްލަ 13000 މީހުންނަށް ދައުވަތު ދީފައިވާއިރު އޭގެ ތެރޭގައި ކުރީގެ ރައީސުންނާއި ވަޒީރުންނާއި ދައުލަތަށް ގިނަ ދުވަހު ހިދުމަތް ކުރައްވާފައިވާ ބޭފުޅުންނާއި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރުންނާއި ކައުންސެލަރުންނާއި އާންމު ބައެއް މީހުން ވެސް ހިމެނެ އެވެ.
ހުވާ ކުރެއްވުމުގެ ރަސްމިއްޔާތު ފަށާނީ ހަވީރު 5:00 ގަ އެވެ.
ރާއްޖޭގެ 7 ވަނަ ރައީސްގެ ގޮތުގައި އިބްރާހިމް މުހަންމަދު ސޯލިހު ވެރިކަމަށް މި ވަޑައިގަންނަވަނީ ރާއްޖޭގެ އިދިކޮޅު ފަރާތްތައް ގުޅިގެން، ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމާ ދެކޮޅަށް ނުކުމެ 23 ސެޕްޓެމްބަރުގައި ބޭއްވި ރިޔާސީ އިންތިހާބުގެ ވޯޓުން އެމަނިކުފާނު ބަލި ކުރެއްވުމަށް ފަހު އެވެ. މިއަދުގެ ރަސްމިއްޔާތުގައި ރާއްޖޭގެ ކުރީގެ ރައީސުންގެ ތެރެއިން ދުނިޔޭގައި ތިއްބެވި ހުރިހާ ބޭފުޅުން ބައިވެރިވަޑައިގަންނަވާއިރު އަބްދުﷲ ޔާމީން ބައިވެރިވެ ވަޑައެއް ނުގަންނަވަ އެވެ.
ހުވާ ކުރެއްވުމުގެ ރަސްމިއްޔާތަށް ފަހު މިރެއާއި މާދަމާ އުފާ ފާޅު ކުރުމުގެ ހަރަކާތްތަކެއް ވެސް ކުރިއަށް ގެންދާ ގޮތަށް ވަނީ ހަމަޖައްސައިފަ އެވެ.