17 ނޮވެމްބަރ 2018 - 15:26

ވޮޝިންޓަން (ނޮވެމްބަރު 17) - ނޫސްވެރިޔާ ޖަމާލް ޚާޝުގްޖީ މަރާލަން އެންގީ ސައުދީ ވަލީ އަހުދު މުހައްމަދު ބިން ސަލްމާން ކަމަށް ބެލެވޭ ކަމަށް އެމެރިކާގެ ސީއައިއޭ އިން ބުނެފި އެވެ.
ބައެއް ފަރާތްތަކުން ބުނާ ގޮތުގައި ސީއައިއޭ އިން ވަނީ ނޫސްވެރިޔާގެ މަރާ ގުޅޭ ހެކިތައް ދިރާސާކޮށްފަ އެވެ. އެމެރިކާގެ ބައެއް އޮފިޝަލުން ގަބޫލް ކުރަނީ އެފަދަ ބޮޑު އޮޕަރޭޝަނެއް ހިންގޭނީ ވަލީ އަހުދު ފަދަ ބޭފުޅެއްގެ އެހީތެރިކަން ލިބިގެން ކަމަށެވެ.
އަނެއްކޮޅުން އެމެރިކާގެ ނައިބް ރައީސް މައިކް ޕެންސް ވިދާޅުވެފައި ވަނީ ޚާޝުގްޖީ މަރާލުމުގައި ބައިވެރިވި މީހުންނަށް ހައްގު އަދަބު ދޭނެ ކަމަށެވެ.
ސައުދީ ސަރުކާރަށް ފާޑުކިޔަމުން ދިޔަ ނޫސްވެރިޔާ މަރާލީ މިދިޔަ މަހު 2 ވަނަ ދުވަހު ތުރުކީގެ އިސްތަންބޫލްގައި ހުންނަ ސައުދީ ކޮންސިއުލޭޓުގަ އެވެ.
ޚާޝުގްޖީ ކޮލަމް ލިޔަމުން ދިޔަ ވޮޝިންޓަން ޕޯސްޓުން ބުނީ ސީއައިއޭގެ އެސެސްމެންޓް ހަދާފައި ވަނީ ވަލީ އަހުދުގެ ބޭބެ އަދި ސައުދީން އެމެރިކާ އަށް ކަނޑައަޅާފައި ހުންނަ ސަފީރު ޚާލިދު ބިން ސަލްމާންގެ ފޯން ކޯލަކަށް ބިނާކޮށް ކަމަށެވެ.
ސީއައިއޭގެ ރިޕޯޓާ ގުޅިގެން ވައިޓް ހައުސް އަދި ސްޓޭޓް ޑިޕާޓްމަންޓުން ވެސް ވަކި އެއްޗެއް ބުނެފައެއް ނުވެ އެވެ.