އިބޫގެ ސަރުކާރުގެ ކެބިނެޓް އިއުލާންކުރުން މިރޭ
އިބޫގެ ސަރުކާރުގެ ކެބިނެޓް އިއުލާންކުރުން މިރޭ

އިންތިޚާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) އާއި އިންތިޚާބީ ނައިބު ރައީސް ފައިސަލް ނަސީމް މަގާމުގެ ހުވާ ކުރެއްވުމަށް ފަހު، އާ ސަރުކާރުގެ ކެބިނެޓަށް ބޭފުޅުން އައްޔަން ކުރުން މިރޭ ކުރިއަށް ގެންދަން ނިންމަވައިފި އެވެ.

އެނގިފައިވާ ގޮތުގައި، އެޓާނީ ޖެނެރަލްގެ މަގާމުގެ އިތުރުން އާ ސަރުކާރުގައި އުފައްދާ 19 މިނިސްޓްރީއަށް ބޭފުޅުން އައްޔަން ކުރައްވައި މަގާމާ ހަވާލުވެވަޑައިގަތުން އޮންނާނީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޮދީއާ އެކު ރައީސް އޮފީހުގައި އިބޫ ބާއްވަވާ ބައްދަލުވުމަކަށް ފަހު އެވެ.

އިބޫ އާއި މޮދީގެ ބައްދަލުވުން ބާއްވަން ނިންމަވާފައި ވަނީ ބެލެވޭ ގޮތުގައި، ހުވާ ކުރެއްވުމުގެ ރަސްމިއްޔާތަށް ފަހު ހަވީރު 6:00 ގަ އެވެ. އޭގެ ފަހުން އޮންނާނީ ކެބިނެޓަށް ބޭފުޅުން އައްޔަން ކުރެއްވުމުގެ ރަސްމިއްޔާތެވެ.

އިބޫގެ ސަރުކާރުގައި، އަލަށް އުފައްދަނީ ހަޔަ އެޑިއުކޭޝަން މިނިސްޓްރީ އާއި މިނިސްޓްރީ އޮފް ޖެންޑާ، ފެމިލީ އެންޑް ސޯޝަލް ސާވިސް އާއި މިނިސްޓްރީ އޮފް ފިޝަރީޒް މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރާއި މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިން އެންޑް އިންފްރާސްޓްރަކްޗަރާއި މިނިސްޓްރީ އޮފް ހައުސިން އެންޑް އާބަން ޑިވެލޮޕްމަންޓާއި މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސް ކޮމިއުނިޓީ އެމްޕަވާމަންޓާއި މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން، މިނިސްޓްރީ އޮފް އާޓްސް، ކަލްޗާ އެންޑް ހެރިޓޭޖާއި މިނިސްޓްރީ އޮފް ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީ އެވެ.