17 ނޮވެމްބަރ 2018 - 11:05

ލަންޑަން (ނޮވެމްބަރު 17) – ނޭމާ ވައްދާލި ޕެނަލްޓީއާ އެކު ބްރެޒިލުން އެކުވެރިކަމުގެ މެޗެއްގައި ރޭ ވާދަވެރި އުރުގުއޭ އަތުން 1-0 އިން މޮޅުވެއްޖެ އެވެ.
ލަންޑަންގެ އެމިރޭޓްސް ސްޓޭޑިއަމުގައި ކުޅުނު މި މެޗު ދިޔައީ ވަރަށް ހޫނުކޮށެވެ. އެގޮތުން ނޭމާ އަށް އުރުގުއޭ ކުޅުންތެރިންގެ ތެރޭގައި ވަރަށް ގިނަ ފައުލްތަކާ ކުރިމަތިލާން ޖެހުނެވެ. އެކަމަކު ބްރެޒިލަށް ލިބުނު ޕެނަލްޓީއާ މެދު ވަރަށް ބޮޑަށް ސުވާލު އުފެދުނެވެ. ބްރެޒިލްގެ ޑަނީލޯ އަށް އުރުގުއޭގެ ޑިއެގޯ ލަޝާލްޓް ފައުލްކުރި ކަމަށް ބުނެ ރެފްރީ ދިން ޕެނަލްޓީ ރަނގަޅު ނޫން ކަމަށް ބުނެ އުރުގުއޭ ކުޅުންތެރިން ވަރަށް ބޮޑަށް މައްސަލަ ޖެއްސި އެވެ. މި ޕެނަލްޓީ ކާމިޔާބުކޮށް ނޭމާ ބްރެޒިލަށް ލީޑު ނަގައިދިނީ 76 ވަނަ މިނެޓުގަ އެވެ.
މި މޮޅާ އެކު ބްރެޒިލް މި ވަނީ އުރުގުއޭ އަތުން ބަލިނުވެ 10 މެޗު ފުރިހަމަކޮށްފަ އެވެ. އުރުގުއޭ އިން އެންމެ ފަހުން ބްރެޒިލް އަތުން މޮޅުވެވުނީ 2001 ގަ އެވެ.
"މިއީ ދެކުނު އެމެރިކާގެ ޑާބީ މެޗެއް. އަހަރެމެން އުރުގުއޭ އަށް އިހުތިރާމްކުރަން. ނުރައްކާތެރި ކުޅުންތެރިން ތިބި ޓީމެއް އެއީ. އަހަރެމެންނަށް އެ ޓީމުގެ މައްޗަށް ކޮންޓްރޯލް ހޯދުނު،" ބްރެޒިލްގެ ކޯޗު ޓީޓޭ ބުންޏެވެ.
އަންނަ އަހަރު އަމިއްލަ ގައުމުގައި ބާއްވާ ކޮޕާ އެމެރިކާ އަށް ތައްޔާރުވަމުން އަންނަ ބްރެޒިލުން އަންގާރަ ދުވަހުގެރޭ ކެމަރޫނާ ދެކޮޅަށް ވެސް އެކުވެރިކަމުގެ މެޗެއް ކުޅޭނެ އެވެ. މި އަހަރުގެ ވޯލްޑް ކަޕުގެ ކުއާޓާ ފައިނަލުން ބެލްޖިއަމް އަތުން ބަލިވެ ކެޓި ފަހުން ބްރެޒިލް ވަނީ ކުޅުނު ފަސް މެޗު ވެސް ކާމިޔާބުކޮށްފަ އެވެ.