16 ނޮވެމްބަރ 2018 - 23:52

ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހުމަދު މަހްލޫފަށް ޑިފެންޑާސް އޮފް ޑިމޮކްރަސީ އެވޯޑް 2018 އަރުވައިފި އެވެ.

އެ އެވޯޑަކީ ޑިމޮކްރަސީ އާއި ޑިމޮކްރަސީގެ އުސޫލުތައް ދިފާއު ކުރުމަށް މަސައްކަތް ކުރާ މީހުންނަށް ޕާލަމެންޓޭރިއަންސް ފޯ ގްލޯބަލް އެކްޝަން އިން ދޭ އެވޯޑެކެވެ.
ޔޫކްރެއިނުގެ ކީއެވްގައި ބޭއްވި ހަފްލާއެއްގައި އެވޯޑާ ހަވާލުވެވަޑައިގަތުމަށްފަހު މަހްލޫފް ވިދާޅުވީ ހުދުމުހްތާރު ކަމާއި އަނިޔާވެރިކަން އަބަދަށް ދެމިނޯންނާނެ ކަމަށެވެ. އަދި މެލޭޝިޔާ އާއި ރާއްޖެއަކީ އޭގެ މިސާލެއް ކަމަށް ވިދާޅުވި އެވެ.
"މި އެވޯޑާ ހަވާލުވާން ސްޓޭޖް މަތީ ހުންނައިރު އަޅުގަނޑުގެ ހިތުގައި ވަނީ ހުދުމުހުތާރު ސަރުކާރުތަކުން ކުށަކާ ނުލައި ހައްޔަރު ކޮށްފައިވާ މީހުން. އަޅުގަނޑު އެ ސަރުކާރުތަކަށް ގޮވާލަނީ ސިޔާސީ ހައްޔަރީންނާއި ޑިމޮކްރަސީ އަދި އިންސާނީ ހައްގުތަކުގެ ދިފާއުގައި މަސައްކަތް ކުރާ މީހުން ދޫކޮށްލުމަށް،" އެވޯޑާ ހަވާލުވެވަޑައިގަތުމަށްފަހު މަހްލޫފް ވިދާޅުވި އެވެ.
މީގެ ކުރިން މި އެވޯޑް ލިބިފައިވާ މީހުންގެ ތެރޭގައި ޔަޒީދީ ދަރިކޮޅުގެ އެތައް ހާސް މީހުން މަރަމުންދިޔަ ދިޔުމާ ދެކޮޅަށް އަޑުއުފުލާފައިވާ ލަމިޔާ ބަޝާރް ހިމެނެ އެވެ.
ރައީސް އަބްދުﷲ ޔާމިން ވެރިކަމަށް ގެނައުމަށް ޕީޕީއެމްގައި ހުންނަވައި މަހްލޫފް ތާއީދު ކުރެއްވި ނަމަވެސް ވެރިކަމުގެ ކުރީކޮޅު ވަނީ ޔާމީނާ ދެކޮޅަށް ތެދުވެވަޑައިގެންފަ އެވެ.
އޭގެ ފަހުން މަހްލޫފް ގެންދެވީ ރައީސް ޔާމީން އަދި ޕީޕީއެމް އަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުންނެވެ. އަދި ރައީސް ޔާމީނާ ދެކޮޅަށް އަޑުއުލުފުމުގެ ތެރޭގައި އޭނާ ވަނީ ދެ ފަހަރެއްގެ މަތިން ހައްޔަރުކޮށް ޖަލަށް ވެސް ލައިފަ އެވެ.
މިދިޔަ ފެބްރުއަރީ މަހު ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރިއިރު ވެސް މަހްލޫފް ވަނީ ހައްޔަރުކޮށްފަ އެވެ. ޓެރަރިޒަމްގެ ދައުވާގެ އިތުރުން އެހެން ދެ ދައުވާއެއް ވެސް މަހްލޫފްގެ މައްޗަށް ދައުލަތުން އުފުލި އެވެ. ނަމަވެސް އެ ދައުވާތައް ވަނީ ބާތިލްކޮށްފަ އެވެ.