ހައި ކޯޓު ފަނޑިޔާރުކަމުގެ ދެ މަގާމަށް ކުރިމަތިލީ ވެސް ދެ ބޭފުޅުން
ހައި ކޯޓު ފަނޑިޔާރުކަމުގެ ދެ މަގާމަށް ކުރިމަތިލީ ވެސް ދެ ބޭފުޅުން

ހައި ކޯޓު ފަނޑިޔާރުންގެ ބެންޗުން ހުސްވެފައިވާ ދެ މަގާމަށް ކުރިމަތިލާން ހުޅުވާލުމުން އެ ދެ މަގާމަށް ކުރިމަތިލީ ވެސް ދެ ބޭފުޅުން ކަމަށް ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން މިއަދު ބުނެފި އެވެ.

ހައި ކޯޓުގެ ފަނޑިޔާރު ކަމަށް ދެ ބޭފުޅަކު އައްޔަންކުރަން އެ ދެ މަގާމަށް ކުރިމަތިލާން ޖޭއެސްސީން ހުޅުވާލި މުއްދަތު އިއްޔެ ވަނީ ހަމަވެފަ އެވެ. ޖޭއެސްސީގެ މީޑިއާ އޮފިޝަލް ވިދާޅުވި ގޮތުގައި އެ ދެ މަގާމަށް ކުރިމަތިލާފައި ވަނީ ދެ ބޭފުޅުންނެވެ. އެކަމަކު ކުރިމަތިލި ބޭފުޅުންގެ ނަންތައް ވަނީ ސާފުވާ ގޮތް ނުވެފަ އެވެ.

ނުވަ ފަނޑިޔާރުން ތިބެންޖެހޭ ހައި ކޯޓުގެ ފަނޑިޔާރުންގެ ބެންޗުން ދެ މަގާމު ހުސްވީ އެ ކޯޓުގެ ފަނޑިޔާރަކަށް ހުންނެވި ޑރ. އަޒްމިރަލްދާ ޒާހިރު އިސްތިއުފާ ދެއްވުމުންނާއި އެ ކޯޓުގެ ފަނޑިޔާރަކަށް ހުންނެވި އައްބާސް ޝަރީފް އަމިއްލަ އަށް ފަނޑިޔާރުކަމުން ރިޓަޔާވެ ވަޑައިގަތުމުންނެވެ.

މާލޭގެ ހައި ކޯޓުގައި މިހާރު ތިއްބެވީ އިސް ފަނޑިޔާރު އަބްދުﷲ ދީދީ އާއި ފަނޑިޔާރު އަބްދުﷲ ހަމީދާއި ފަނޑިޔާރު އަލީ ސަމީރު އަދި ފަނޑިޔާރު އަބްދުއްރައޫފް އިބްރާހިމެވެ. ހދ. ކުޅުދުއްފުށީގައި ގާއިމްކުރާ ހައި ކޯޓުގެ އުތުރު ގޮފި ގާއިމް ކުރެވެން އަންނަނީ ވެސް ހުސްވެފައިވާ ދެ މަގާމަށް ބޭފުޅުން އައްޔަން ކުރުމުންނެވެ.

ހައި ކޯޓުގެ ފަނޑިޔާރަކަށް މުސާރަ އާއި އިނާޔަތްތަކާ އެކު މަހަކު 54،000ރ. ލިބޭއިރު ރައްޔިތުންގެ މަޖިލީހުުން ކަނޑައަޅާ ގޮތެއްގެ މަތިން މެޑިކަލް އިންޝުއަރެންސް ވެސް ލިބެ އެވެ.