16 ނޮވެމްބަރ 2018 - 20:24

މީގެ ކުރިން އދ. މަހިބަދޫ ފުޓްބޯޅަ ދަނޑުގެ ގޯލުގައި އިމްރާން މުހައްމަދު ހުންނައިރު ކުރިމަތިން ފެންނަނީ ހަރު ހިލަ ވެލި ދަނޑެކެވެ. އެ ވެލި ދަނޑުގައި ކުޅެ އޭނާ އާއި އަހުމަދު ތޯރިގް (ޓޮމް) ފަދަ ކުޅުންތެރިން ހުނަރު ތަރައްގީކޮށް ސަރަހައްދީ ފެންވަރުގެ ކާމިޔާބީތަކެއް ރާއްޖެ އަށް ހޯދައިދިނެވެ. މިއަދު އޭނާ އެ ގޯލުގައި ހުރިއިރު ކުރިމަތިން ފެންނަނީ ފެހި ވިނައިގެ ޓާފް ދަނޑެކެވެ. އެއީ އިމްރާނާއި ޓޮމް ހޯދި ކާމިޔާބީތައް ތަކުރާރުކުރާނެ ކުޅުންތެރިންތަކެއް އެ ރަށުން އުފެއްދުމަށް، ދިން ހަދިޔާއެކެވެ.

ޓީސީ ސްޕޯޓްސް ކްލަބާއި މަހިބަދޫން ހޮވާލެވުނު ޓީމަކާ ކުޅުނު އެކުވެރިކަމުގެ މެޗަކުން މިއަދު ހަވީރު ރަސްމީކޮށް ހުޅުވި އެ ދަނޑަކީ އިމްރާނާއި ޓޮމްގެ މުއައްސިސްކަމުގެ ދަށުން އުފައްދާފައިވާ މަހިބަދޫ ސްޕޯޓްސް ކްލަބުގެ އިސް ނެގުމެކެވެ. ސަރުކާރާއި ޓޫރިޒަމް ދާއިރާގެ އެހީގައި އެޅި މި ދަނޑަކީ ބައިނަލްއަގްވާމީ މެޗުތައް ވެސް ކުޅެވޭނެ ފެންވަރުގެ ދަނޑެކެވެ.

ދަނޑު ހުޅުވައި ކުޅުނު ފުރަތަމަ މެޗުން ވެސް ފެނުނީ ޕޮޒިޓިވް ކަންތައްތަކެކެވެ. ރާއްޖޭގެ ޕްރިމިއާ ލީގުގެ އެއް ވަނައިގައި އޮތް ޓީސީ މި މެޗުން 6-0 އިން މޮޅުވި ނަމަވެސް މަހިބަދޫގެ ޒުވާން ކުޅުންތެރިން ދެއްކި ރަނގަޅު ކުޅުމުގެ ސިއްރަކީ ވެސް ފެންވަރު ރަނގަޅު ޕިޗް ކަމަށް ޓީސީގެ ކޯޗު މުހައްމަދު ނިޒާމް (ނިޒާމްބެ) ދެކެ އެވެ.

"މަހިބަދޫގެ ކުޅުންތެރިން މުޅިން އަލަށް މި ދަނޑުގައި ކުޅުނުއިރު ވެސް ފެނުނީ ހަމަޖެހިލައިގެން ބޯޅަ ގެންއުޅެ ގޭމް ކުޅުނުތަން. އެއީ ވަރަށް ބޮޑު ކުރިއެރުވުމެއް،" ނިޒާމްބެ ބުންޏެވެ.

މި ދަނޑު ހުޅުވައިދެއްވީ އެފްއޭއެމްގެ ކުރީގެ ރައީސް އަލީ އާޒިމާއި އެފްއޭއެމްގެ އިންޓަރިމް ކޮމިޓީގެ ކުރީގެ ޗެއާމަން އަހުމަދު ޝާހިރެވެ. މީގެ އިތުރުން ރާއްޖޭގެ މަޝްހޫރު ކޯޗުން ކަމަށްވާ އަލީ ސުޒޭނާއި ހީނާ އަހުމަދު ސަލީމާއި މުހައްމަދު ޝިޔާޒް (މޯހަން) އަދި ފުރަތަމަ ޑިވިޝަނުގެ ކްލަބްތަކުގެ އިސް މަންދޫބުން ރަސްމިއްޔާތުގައި ބައިވެރިވި އެވެ.

މިއަދުގެ މެޗުގައި ޓީސީގެ ކެޕްޓަންކަން ކުރީ މަހިބަދޫ އަށް އުފަން މުހައްމަދު ސާމިރެވެ. މަހިބަދޫ ޓީމުގެ ކެޕްޓަންކަން އިމްރާން ކުރިއިރު އެ ރަށަށް ނިސްބަތްވާ ފުރަތަމަ ޑިވިޝަން ފެންވަރުގެ ގިނަ ކުޅުންތެރިން ކުޅުނެވެ. އޭގެ ތެރޭގައި މުހައްމަދު ހުސެއިން ނިޔާޒް (ބޮކުރީ) އާއި މިދުހަތު ފަހުމީ (ބިޗަޑް) އާއި ގޯލްކީޕަރު މުހައްމަދު ޖަޒްލާން (ބަބޭ) އަދި އަހުމަދު ނުހާދު (ގުއްޕެ) ހިމެނެ އެވެ. މަހިބަދޫގެ ކުޅުންތެރިންގެ ތެރެއިން ދާދި ފަހުން ސާފް ސުޒުކީ ކަޕް ކާމިޔާބުކުރި ގައުމީ ޓީމުގައި ހިމެނުނު އަސަދުﷲ އަބްދުﷲ އާއި ސަމޫހު އަލީ (ސަމުއްޓެ) އަށް މާޒިޔާ އިން ރިލީޒް ނުލިބުމުން ކުޅެވޭ ގޮތެއް ނުވި އެވެ.
އޭއެފްސީ އެލީޓް ރެފްރީ އަހުމަދު ޖާވިޒް ރެފްރީކަންކުރި މި މެޗުގައި ޓީސީގެ އިބްރާހިމް މަހުދީ ހަސަން (ފޭދު އިއްބެ) ހެޓްރިކެއް ހެދިއިރު އަލީ އަޝްފާގް (ދަގަނޑޭ) އާއި އިބްރާހިމް ވަހީދު ހަސަން (އިއްބެ) ގޯލް ޖެހި އެވެ. މީގެ ތެރެއިން ވެސް ދަގަނޑޭ އޭނާގެ ގާތް އެކުވެރިޔާ އިމްރާންގެ ބޯމަތިން ގޯލުގެ މަތީ ކަނަށް އޮއްސާލި ގޯލަށް ބޮޑު ތަރުހީބެއް ލިބުނެވެ. ދެ ވަނަ ހާފުގައި މަހިބަދޫގެ ޒުވާން ކީޕަރު ބަބޭ އަރައި ރަނގަޅު ކުޅުމެއް ދެއްކި އެވެ އެކަމަކު އޭނާ އަށް ބޮޑަށް މަތަކުރަން ޖެހުނީ، މެޗުގެ ފަހުކޮޅު ކުޅެން އެރި ޓީސީގެ ކޯޗު ނިޒާމްބެގެ ހަމަލާތަކެވެ.
ވަރުގަދަ ޓީމެއް ނެގޭ ވަރަށް މަހިބަދޫ ކުޅުންތެރިން މިހާރު ވެސް ފުރަތަމަ ޑިވިޝަނުގައި އަންނަނީ ކުޅެމުންނެވެ. ރާއްޖޭގެ ބްރެޒިލްގެ ގޮތުގައި މި ރަށަށް ސިފަކުރެއްވި މި ދާއިރާގެ ރައްޔިތުންގެ މަޖިލިސް މެމްބަރު ޓޮމް ދެކެވަޑައިގަންނަވާ ގޮތުގައި މި ދަނޑު ވެގެންދާނީ އެފަދަ އެތައް ކުޅުންތެރިންތަކެއް އުފެއްދުމަށް ކޮށޭ މަގެއް ކަމަށެވެ. އެކަމަށްޓަކައި އެންމެ އިސްކަންދޭން ރާވާފައިވަނީ 80 އެއްހާ ކުދިން ތަމްރީން ދެމުން އަންނަ މަހިބަދޫ ސްޕޯޓްސް ކްލަބުގެ އެކެޑެމީ އަށް ދަނޑު ދޫކުރުމަށެވެ. މީގެ އިތުރުން ރަސްމީ މުބާރާތްތަކުގައި ވާދަކުރާ މި ރަށުގެ ޓީމުގެ ޓީމު ތަމްރީން ހަދަން ވެސް މި ދަނޑު ދޫކުރަން ވަނީ ނިންމައިފަ އެވެ.
"އަޅުގަނޑުމެން ފުރަތަމަ ޑިވިޝަނުގައި ވާދަކުރިއިރު ވެސް އެންމެ ބޮޑަށް ދިމާވި އެއް މައްސަލައަކީ ޕްރެކްޓިސްކުރާނެ ތަނެއް ރަށުގައި ނެތުމުގެ މައްސަލަ. އެހެންވެ ރަށު ޓީމަށް މިތަން އޮންނާނީ ހުޅުވިފައި ޕްރެކްޓިސްތައް ކުރަން،" މިހާރު ދެ ވަނަ ޑިވިޝަނުގައި ވާދަކުރަމުން އަންނަ ކްލަބުގެ ރައީސް އިސްމާއިލް ފާއިޒް ވިދާޅުވި އެވެ.
ޓޮމްއާ އެކު ގައުމީ ޓީމަށް ކުޅެ 2008 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕުގެ ތަށި ރާއްޖެ އަށް ކާމިޔާބުކޮށްދިން ކުޅަދާނަ ގޯލްކީޕަރު އިމްރާން ބުނީ މި ދަނޑަކީ އެފަދަ ކަންކަމަށް ވަރަށް ދުރާލާ ވިސްނައިގެން ކުރި މަސައްކަތެއް ކަމަށެވެ. އަދި މި ދަނޑު އޮންނާނީ ޒުވާނުންނަށް "ހުޅުވާލެވިފައި" ކަމަށާއި ބޭނުން ވަރަކަށް ކުޅެން އަންނަންވީ ކަމަށާއި މުސްތަގުބަލުގައި ކޯޗުން ތަމްރީންކޮށް ރަށުގައި ޑިވެލޮޕްމަންޓް މަސައްކަތް ފަށާނެ ކަމަށް ވެސް އޭނާ ބުންޏެވެ.
"އަޅުގަނޑާއި ޓޮމްގެ ޓާގެޓެއް އެއީ އަބަދުވެސް ގައުމީ ޓީމުގައި މަހިބަދޫގެ ފަސް ކުޅުންތެރިން މަދުވެގެން ތިބުން،" އިމްރާން ބުންޏެވެ.
ވެލި ދަނޑެއްގައި ކުޅެގެން އޭނާ އާއި ޓޮމް އަދި އަސަދުﷲ ފަދަ ކުޅުންތެރިން ހޯދި ކާމިޔާބީތަކަށް ބަލާއިރު މި ފެންވަރުގެ ވަސީލަތަކާ އެކު މަހިބަދޫން އުފެދޭ ކުޅުންތެރިންގެ އަދަދު ދެގުނަ ވާނެ ކަމަށް އިމްރާން އުއްމީދުކުރެ އެވެ.
މި ދަނޑަކީ މަހިބަދޫގެ އިތުރުން މުޅި ރާއްޖެ އަށް ވެސް ލިބުނު ހަދިޔާއެއްގެ ގޮތުގައި މަޝްހޫރު ފުޓްބޯޅަ ކޯޗު އަލީ ސުޒޭން ފާހަގަކުރީ އެފަދަ ސަބަބަކުތަކާ ހެދި އެވެ. އިމްރާނާ އެކު ކުޅެ އަދި އޭނާ ކޯޗުކޮށްދިން ސުޒޭން ބުނީ މި ދަނޑުގެ ސަބަބުން މުޅި ރާއްޖޭގެ ފުޓްބޯޅަ އަށް ފައިދާކުރާނެ ކަމަށާއި މީގެ ސަބަބުން އެތައް ކުޅުންތެރިންނަށް އުފެދޭނެ ކަމަށް ގަބޫލުކުރާ ކަމަށެވެ.
މި މެޗު ކުޅުމަށް ފަހު ޓީސީން ރާވާފައިވަނީ މި ރަށުގައި ދެ ތިން މަޑުކޮށް ތަމްރީން ހެދުމަށެވެ. މާލޭގައި ދަނޑުގެ އެއްބައިގައި ތަމްރީން ހަދަން ޖެހޭއިރު ފުލް ސައިޒުގެ ޕިޗެއްގައި ތަމްރީން ހެދުމަކީ ކޯޗުން އަބަދުވެސް އެދޭ ގޮތެވެ. ޓީސީގެ ކޯޗު ނިޒާމްބެ ބުނީ މާލެއާ ކައިރި އަދި ފުޓްބޯޅައިގެ ފޯރި އޮތް ރަށެއްގައި މި ފެންވަރުގެ ދަނޑެއް އޮތުމަކީ ކުރިމަގުގައި ފުރަތަމަ ޑިވިޝަނުގެ ޓީމުތަކަށް ކުރު ކޭމްޕްތައް ޖަހާލަން ވެސް ލިބޭނެ ރަނުގެ ފުރުސަތެއް ކަމަށެވެ.
އދ. އަތޮޅުގެ ވެރިކަންކުރާ މަހިބަދޫ އަކީ މި ސަރަހައްދުގެ އެންމެ ތަރައްގީ އެއް ރަށެވެ. ދާދި ފަހުން ގާއަޅައި މަގުތައް ރަނގަޅު ފެންވަރަކަށް ހަދާފައިވާއިރު ތައުލީމީ ފުރުސަތުތަކާއި ވިޔަފާރިގެ ފުރުސަތުތައް ވެސް ތަނަވަހެވެ. އަދި ބޭންކިން އާއި ދަތުރުފަތުރުގެ ހިދުމަތް ވެސް ރަނގަޅު ފެންވަރަކަށް ލިބެ އެވެ. މި ދަނޑަކީ ދެހާހެއްހާ މީހުންގެ އާބާދީ އޮތް މި ރަށުގެ ތަރައްގީގެ ސިލްސިލާ އަށް އިތުރުވި ބޮޅެކެވެ. އެއާ އެކު މި ދަނޑު ވެގެންދާނީ ކުޅިވަރުން ކުރިއަށް ދިއުމަށް ކުޑަކުދިންނާއި ޒުވާނުންނަށް ހުޅުވުނު ދޮރެއްގެ އިތުރުން ކުޅިވަރުގެ ތެރެއިން އިޖްތިމާއި ހާލަތު އިތުރަށް ރަނގަޅުކުރަން ލިބުނު ފަހި ފުރުސަތެއްގެ ގޮތުގައި ރަށުގެ ބައެއް ފަރާތްތަކުން ދެކެ އެވެ.