ނަތަންޔާހޫގެ ކޯލިޝަން ސަރުކާރު ސަލާމަތް ކުރެވޭތޯ ބަލަނީ
ނަތަންޔާހޫގެ ކޯލިޝަން ސަރުކާރު ސަލާމަތް ކުރެވޭތޯ ބަލަނީ

ތެލް އަވީވް (ނޮވެމްބަރު 16) - ޑިފެންސް މިނިސްޓަރު އަވިގްދޯ ލީބަމަން އިސްތިއުފާ ދިނުމާ ގުޅިގެން އިޒްރޭލގެ ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫގެ ސަރުކާރު ސަލާމަތް ކުރަން ދަތިވެއްޖެ އެވެ.

ލީބަމަންގެ ޕާޓީ ކޯލިޝަން ސަރުކާރުން ވަކިވުމުން ނަތަންޔާހޫ އަށް ޕާލަމެންޓުގައި އަޣުލަބިއްޔަތު އޮތީ އެއް ގޮނޑީގެ ތަފާތަކުންނެވެ. އެހެންވެ އަވަސް އިންތިޚާބެއް ބާއްވަން ޖެހުމުގެ ފުރުސަތު ބޮޑު ކަމަށް ބައެއް ފަރާތްތަކުން ބުނެ އެވެ.

ނަތަންޔާހޫ މިހާރު ގެންދަވަނީ ކަނާތު ފިޔައިގެ ހަރުކަށި ވިސްނުމުގެ ބޭފުޅުމެއް ކަމަށްވާ އެޑިއުކޭޝަން މިނިސްޓަރު ނަފްތަލީ ބެނެޓާ މަޝްވަރާ ކުރައްވަމުންނެވެ. ލީބަމަންގެ މަގާމު ނުދޭ ކަމަށް ވަންޏާ ބެނެޓާ ވަނީ އޭނާގެ ޖުއިޝް ހޯމް ޕާޓީ ސަރުކާރުން ވަކިވާނެ ކަމުގެ އިންޒާރު ދީފަ އެވެ. އެ ޕާޓީގެ އަށް މެންބަރުން ހިމެނޭ އިރު 10 މެންބަރުން ހިމެނޭ ފައިނޭންސް މިނިސްޓަރު މޯޝޭ ކަހްލޯންގެ ކުލަނު ޕާޓީން ވެސް ވަނީ އަވަސް އިންތިޚާބެއް ބޭއްވުމަށް ނަތަންޔާހޫ އަށް ގޮވާލައިފަ އެވެ.

ލީބަމަން އިސްތިއުފާ ދީފައި ވަނީ ގާޒާގައި ހަމާސްގެ އަމާޒުތަކަށް އިޒްރޭލުން ދޭ ހަމަލާތައް ހުއްޓާލަން އެއްބަސްވުމުންނެވެ.