ފިންލަންޑް އިންޓަނޭޝަނަލް ސްކޫލްގެ އޯޕަން ޑޭއެއް ބާއްވަނީ!
ފިންލަންޑް އިންޓަނޭޝަނަލް ސްކޫލްގެ އޯޕަން ޑޭއެއް ބާއްވަނީ!

އަންނަ އަހަރުގެ ދިރާސީ އާ އަހަރާ އެކު ރާއްޖޭގައި ހުޅުވުމަށް ހަމަޖެހިފައިވާ ފިންލަންޑް އިންޓަނޭޝަނަލް ސްކޫލަށް ވަނުމަށް ޝައުގުވެރިކަން ހުރި ބެލެނިވެރިންނަށް އަމާޒުކޮށް، އޯޕަންޑޭއެއް ބޭއްވުމަށް އެ ސްކޫލް ހިންގުމުގައި އިސްކޮށް ހަރަކާތްތެރިވާ އެޑިޔުކަނެކްޓްއިން ނިންމައިފި އެވެ.

އެ ކުންފުނިން ބުނި ގޮތުގައި މި ބައްދަލުވުން އޮންނާނީ 19 ނޮވެމްބަރު 2018 ވާ ހޯމަ ދުވަހުގެ ރޭގަނޑު 20:00 އިން 22:00 އަށް، ކެންގަރޫ ކިޑްސް ޑްރީމް ކެމްޕަހުގަ އެވެ.

ފިންލަންޑް އިންޓަނޭޝަނަލް ސްކޫލަށް މިހާރު ރަޖިސްޓްރީކޮށްފައިވާ ދަރިވަރުންގެ ބެލެނިވެރިންގެ އިތުރުން، އާންމުންގެ ތެރެއިން ސްކޫލްގައި ރަޖިސްޓްރީކުރުމަށް ޝައުގުވެރިވާ ބެލެނިވެރިންނަށް ވެސް މި އޯޕަންޑޭގައި ބައިވެރިވުމަށް ވަނީ ހުޅުވާލެވިފަ އެވެ.

މި ބައްދަލުވުމުގައި ކަރިކިއުލަމާ ބެހޭގޮތުން މައުލޫމާތު ފޯރުކޮށްދިނުމާއި، އެހެން ކަރިކިއުލަމްތަކާއި މި ކަރިކިއުލަމް ތަފާތުވާގޮތާއި، ފީ ނެގުމަށް ހަމަޖެހިފައިވާގޮތާއި، ސްކޫލްގައި ކިޔަވައިދޭނެ ފިންލަންޑްގެ މުދައްރިސުންނާ ބެހޭ މައުލޫމާތު ހިއްސާ ކުރުމަށް ވަނީ ހަމަޖެހިފަ އެވެ. އަދި ޓައިމްޓޭބަލް ރޭވިފައިވާ ގޮތާއި، އަންނަ އަހަރުގެ ސްކޫލް ކަލަންޑާ ރޭވިފައިވާ ގޮތާއި ޔުނިފޯމް، އަދި ފޮތްތައް ދައްކާލުމާއި، ސްކޫލާއި ބެހޭ މައުލޫމާތު ދިނުމަށް ވަނީ ހަމަޖެހިފައިވެ އެވެ. މީގެ އިތުރުން، އަލަށް ރަޖިސްޓްރީކުރުމަށް ބޭނުންވާ ބޭފުޅުންނަށް އެޑްމިޝަންއާ ބެހޭ މައުލޫމާތު ވެސް މި ބައްދަލުވުމުގައި ލިބޭނެ އެވެ.

މުޅި އޭޝިޔާގައި ވެސް އަލަށް ހުޅުވާ ފިންލަންޑް އިންޓަނޭޝަނަލް ސްކޫލް ހުޅުވުމުގެ އެންމެ ފަހުގެ ތައްޔާރީތައް ވަމުންދާއިރު، ފިންލަންޑަށް ނިސްބަތްވާ ސްކޫލްގެ ޕްރިންސިޕަލާއި، މުދައްރިސުން މިހާރު ވަނީ އައްޔަނު ކޮށްފަ އެވެ. އަދި އެ ސްކޫލްގައި މަސައްކަތްކުރާނެ ދިވެހި މުދައްރިސުން ފިނިޝް ކަރިކިއުލަމަށް އަހުލުވެރި ކުރުވުމުގެ ގޮތުން ދެ މަސްދުވަހުގެ މުއްދަތަށް ކުރިއަށް ގެންދިޔަ ތަމްރީން ޕްރޮގްރާމް ވެސް ވަނީ ނިމިފަ އެވެ. އެގޮތުން ސްކޫލްގެ ގްރޭޑް 2 ން 5 ގެ ގްރޭޑްތަކުގައި ހުރި މަދު ޖާގަތަކަށް މިހާރު ވެސް ރަޖިސްޓްރީ ކުރުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ. ރަޖިސްޓްރީ ކުރުމަށްޓަކައި އެޑިޔުކަނެކްޓްގެ ވެބްސައިޓުން އޮންލައިންކޮށް ރަޖިސްޓްރީ ކުރެވޭނެކަމަށް އެޑިޔުކަނެކްޓް އިން ބުންޏެވެ.

އޭގެ އިތުރުން މި ސްކޫލާ ބޭހޭގޮތުން މައުލޫމާތު އެ ކުންފުނީގެ ވެބްސައިޓުގައި ވެސް ވެ އެވެ.