ހުވާ ކުރުމުގެ ރަސްމިއްޔާތަށް ސިފައިންގެ ރިހާސަލްތައް ކުރިއަށްގެންދަނީ
ހުވާ ކުރުމުގެ ރަސްމިއްޔާތަށް ސިފައިންގެ ރިހާސަލްތައް ކުރިއަށްގެންދަނީ

އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ރައީސުލްޖުމްހޫރިއްޔާ ކަމުގެ ހުވާ ކުރެއްވުމަށް މާދަމާ ބާއްވާ ރަސްމިއްޔާތަށް ތައްޔާރުވުމުގެ ގޮތުން ސިފައިން ރިހާސަލް ކުރަން ފަށައިފި އެވެ.

މާލޭގެ އެކި ސަރަހައްދުތަކުގައި މިއަދު ސިފައިން އަންނަނީ ހަތިޔާރާއެކު ހަރަކާތްތެރިވަމުންނެވެ. އެގޮތުން ސިނަމާލެ ބްރިޖުން ފެށިގެން މަޖީދީމަގު ގަލޮޅު ރަސްމީ ބޯޅަދަނޑާ ހަމައަށް ސިފައިން ދަނީ ހަރަކާތްތެރިވަމުންނެވެ. އަދި ބޮޑުތަކުރުފާނު މަގު އެއް ނަންބަރު ޖެޓީ ސަރަހައްދުގައި ވެސް ސިފައިން ހަރަކާތްތެރިވަމުން އެބަ ދެ އެވެ.

އެމްއެންޑީއެފްގެ ތަރުޖަމާނު ކެޕްޓަން އިބްރާހިމް އާޒިމް ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ހުވާ ކުރެއްވުމުގެ ރަސްމިއްޔާތަށް ސިފައިން ވަރަށް ބޮޑަށް ތައްޔާރުވަމުން އަންނަ ކަމަށެވެ.

"ރައީސް ހުވާ ކުރެއްވުމުގެ ރަސްމިއްޔާތަކީ ވަރަށް ބޮޑު ހަފްލާއެއް. އަދި ބޭރުގެ އިއްޒަތްތެރިން ވެސް މި ރަސްމިއްޔާތަށް ވަޑައިގަންނަވާނެ. އެހެންކަމުން މިހާރު ސިފައިން މާލޭގައި ހަރަކާތްތެރިވަނީ އެ ރަސްމިއްޔާތަށް ތައްޔާރުވުމުގެ ގޮތުން އަދި ސަލާމަތީ ކަންކަމަށް އެންމެ ފުރިހަމައަށް ތައްޔާރުވުމުގެ ގޮތުން،" އޭނާ ވިދާޅުވި އެވެ.

ރައީސުލްޖުމްހޫރިއްޔާ ކަމުގެ ހުވާ އިބޫ ކުރައްވާ ރަސްމިއްޔާތު ބާއްވަނީ ގަލޮޅު ރަސްމީ ބޯޅަ ދަނޑުގަ އެވެ. އެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަންނަވާ ބޭރުގެ އިއްޒަތްތެރިން މިއަދު ވަނީ ރާއްޖެ ވަޑައިގަންނަވަން ފައްޓަވައިފަ އެވެ.

އިބޫ ހުވާ ކުރެއްވުމުގެ ރަސްމިއްޔާތަށް ސްރީ ލަންކާގެ ކުރީގެ ރައީސް ޗަންދްރިކާ ބަންޑާރަނައިކެ ވަނީ މިއަދު މެންދުރު ރާއްޖެ ވަޑައިގެންފަ އެވެ. އަދި އައްޑޫ ދިވެހި ދައުލަތާ ވަކިވިއިރު އިސްކޮށް ހުންނެވި އަބްދުﷲ އަފީފްގެ ދަރިކަލުން އަދި މިހާރު ސިޝެލްސްގެ ސެކްރެޓަރީ އޮފް ސްޓޭޓް، ކެބިނެޓް އެފެއާޒް، މުހައްމަދު އަފީފު ވެސް ވަނީ މިއަދު ރާއްޖެ ވަޑައިގެންފަ އެވެ.

އޭގެ އިތުރުން ހުވާ ކުރެއްވުމުގެ ރަސްމިއްޔާތަށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ވެސް ވަޑައިގަންނަވާ ގޮތަށް ވަނީ ހަމަޖެހިފަ އެވެ. އެމަނިކުފާނު ރާއްޖެ ވަޑައިގަންނަވާނީ މާދަމާގެ ވަގުތެއްގަ އެވެ.

މިދިޔަ ސެޕްޓެމްބަރު މަހު ބޭއްވި ރިޔާސީ އިންތިހާބުގައި އިބޫ ކާމިޔާބު ހޯއްދަވާފައި ވަނީ ވޯޓު ލީ މީހުންގެ 58 ޕަސެންޓް ވޯޓުންނެވެ. އެއީ 134،705 ވޯޓެވެ. އެމަނކިފާނާ ވާދަ ކުރައްވައި ރައީސް އަބްދުﷲ ޔާމީނަށް ލިބިވަޑައިގެންނެވީ 41 ޕަސެންޓް ވޯޓެވެ. އެއީ 96،052 ވޯޓެވެ.