16 ނޮވެމްބަރ 2018 - 17:31

ކޮލަމްބޯ (ނޮވެމްބަރު 16)- ސްރީ ލަންކާ ޕާލަމެންޓް ތެރޭ ހަމަނުޖެހުން ބޮޑުވެ ވާދަވެރި ދެ ޕާޓީގެ މެންބަރުން ގޮނޑިތައް އުކައި، އެންމެ ފަހުން ޕާލަމެންޓް ތެރޭ މެންބަރުން ގަޔަށް މިރުސް ފެން ޖަހައިފި އެވެ.
މިއަދުގެ ބައްދަލުވުމަށް ޕާލަމެންޓުގެ ރައީސް ކަރޫ ޖަޔަސޫރިއާ ވަޑައިގެންނެވީ ވެސް ފުލުހުންގެ ހިމާޔަތުގަ އެވެ. އެކަމަކު ރިޔާސަތުގައި ޖަޔަސޫރިއާ އިށީނދެވަޑައިގަތުމަށް ބައެއް މެންބަރުން ވަނީ ހުރަސް އަޅައިފަ އެވެ. ބޮޑު ވަޒީރު ކަމަށް ހަމަޖެއްސި މަހިންދާ ރާޖަޕަކްސާ ޕާޓީގެ ސަޕޯޓަރުން ރިޔާސަތަށް ފޮތާއި ގަލަން ފަދަ ތަކެތި އުކަން ފެށުމުން ފުލުހުންނާއި ޕާލަމެންޓަރީ ސްޓާފުން ވަނީ ޖަޔަސޫރިއާ އަށް ހިމާޔަތް ދީފަ އެވެ. އެކަމަކު މެންބަރުން ވަނީ ފަރުނީޗަރުތައް ނަގައި އޮފިސަރުންނާ ދިމާލަށް އުކަން ފަށައިފަ އެވެ. ރާޖަޕަކްސާ އަށް ތާއިދު ކުރާ މެންބަރުން ވަނީ އިދިކޮޅު މެންބަރުންނާއި ފުލުހުން ގަޔަށް މިރުސް ފެން އުކައިފަ އެވެ.
ބޮޑު ވަޒީރު ކަމުން ދުރުކުރި ރަނިލް ވިކްރަމަސިންހަގެ ޕާޓީ އަށް ނިސްބަތްވާ މެންބަރެއް ކަމަށްވާ ގާމިނީ ޖަޔަވިކްރަމަ ޕެރާރާ ވިދާޅުވީ އޭނާގެ މޫނަށް މިރުސް ފެން ޖެހި ކަމަށާއި އެކަމާ ގުޅިގެން ޕާލަމަންޓުގެ މެޑިކަލް ސެންޓަރުން ފަރުވާ ހޯދަން ޖެހުނު ކަމަށެވެ.
ލަންކާ ޕާލަމެންޓް ތެރޭ އިއްޔެ ވެސް ވަނީ ހަމަނުޖެހުން ހިންގައިފަ އެވެ. ޕާލަމެންޓުގެ ބައްދަލުވުމެއް ދެން އޮންނާނީ ހޯމަ ދުވަހު އެވެ.