ނޫސްވެރިޔާގެ މައްޗަށް ދެ ހަރަމްގައި ޣައިބަށް ކަށުނަމާދު ކޮށްފި
ނޫސްވެރިޔާގެ މައްޗަށް ދެ ހަރަމްގައި ޣައިބަށް ކަށުނަމާދު ކޮށްފި

ރިޔާޒް (ނޮވެމްބަރު 16) - ތުރުކީގެ އިސްތަންބޫލްގައި ހުންނަ ސައުދީ ކޮންސިއުލޭޓް ތެރޭ މަރާލި ނޫސްވެރިޔާ ޖަމާލް ޚާޝުގްޖީގެ މައްޗަށް މައްކާ އާއި މަދީނާގެ މާތްވެގެންވާ ދެ ހަރަމްފުޅުގައި މިއަދު ކަށުނަމާދު ކޮށްފި އެވެ.

މަދީނާގެ މާތްވެގެންވާ ނަބަވީ މިސްކިތުގައި ޚާޝުގްޖީގެ މައްޗަށް ޣައިބަށް ކަށުނަމާދު ކޮށްފައި ވަނީ މިއަދުގެ ފަތިސް ނަމާދަށް ފަހު އެވެ. ކަށުނަމާދުގައި ވަނީ ޚާޝުގްޖީގެ ފިރިހެން ދަރިފުޅު ސަލާހް ވެސް ބައިވެރިވެފަ އެވެ. މައްކާގެ މަސްޖިދުލް ހަރަމްގައި ޚާޝުގްޖީގެ މައްޗަށް ކަށުނަމާދު ކުރުން އޮތީ މިއަދުގެ ހުކުރު ނަމާދަށް ފަހު އެވެ. ދެ ހަރަމްގައި ކުރި ކަށުނަމާދުގެ ވީޑިއޯތައް ބައެއް މީހުން ދަނީ ސޯޝަލް މީޑިއާގައި ޝެއާ ކުރަމުންނެވެ.

އިސްތަންބޫލްގެ ފާތިހް މިސްކިތުގައި ވެސް މިއަދު ވަނީ ޚާޝުގްޖީގެ މައްޗަށް ކަށުނަމާދު ކޮށްފަ އެވެ. އަދި ލަންޑަނުގެ ފިންސްބަރީ ޕާކް މިސްކިތުގައި ވެސް ކަށުނަމާދު މިއަދު ކުރާ ގޮތަށް އޮތީ ހަމަޖެހިފަ އެވެ.

އިސްތަންބޫލްގައި ހުންނަ ސައުދީ ކޮންސިއުލޭޓުގައި ޚާޝުގްޖީ މަރާލީ ކޮން ބައެއްކަން ސައުދީން ވަނީ ބުރާސްފަތި ދުވަހު ހާމަކޮށްފަ އެވެ. އެކަމުގައި އިސްކޮށް އުޅުނީ ޚާޝުގްޖީ ސައުދީ އަށް ގެންދިއުމާ ގުޅޭ ގޮތުން މަޝްވަރާ ކުރަން ތުރުކީ އަށް ފޮނުވި ޓީމުގެ އިސް މެންބަރުން ކަމަށް ސައުދީން ވަނީ ބުނެފަ އެވެ.