ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް

"ހަމް ތުމް" އާއި "ފަނާ" ފަދަ ފިލްމުތައް ގެނެސް ދީފައިވާ ޑައިރެކްޓަރު ކުނާލް ކޯލީގެ އާ ފިލްމަކަށް ބެލުންތެރިން އިންތިޒާރުގައި ތިބޭތާ ވަރަށް ދުވަސްވެއްޖެ އެވެ. ދާދި ފަހުން ވަނީ، "ރާމް-ޔުގް" ގެ ނަމުގައި އޭނާ ބިޔަ ޕްރޮޖެކްޓެއް ވެސް އިއުލާންކޮށްފަ އެވެ.

ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް

އެހެންވެ އަދި މާ ބޮޑު ތަފުސީލެއް ނުލިބޭ ފިލްމަށް އިންތިޒާރު ކުރާ މީހުން މަޑުކޮށްލަން ޖެހެނީ އަންނަ އަހަރަށް ކަމަށް ވެދާނެ އެވެ. އެކަމަކު "ރާމް-ޔުގް" ގެ ކުރިން ކުނާލްގެ އެހެން ފިލްމެއް ބެލުންތެރިންނާ ހަމައަށް އަންނާނެ އެވެ. އެއީ އޭނާ ތެލެގޫ ބަހުން ހަދާފައިވާ ފުރަތަމަ ފިލްމު "ނެކްސް އެންޓި" އެވެ.

އަންނަ މަހުގެ ތެރޭގައި ރިލީޒްކުރަން ނިންމާފައިވާ ލޯބީގެ ފިލްމު "ނެކްސްޓް އެންޓި" ގެ ޓްރެއިލާ މިހާރު ވަނީ ދައްކާލައިފަ އެވެ. ތެލެގޫ ބަހުން ހަދާފައިވާ ފިލްމަކަށްވާތީ ހިންދީ ފިލްމު ބަލާ މީހުންނަނަށް ކުނާލްގެ މި ފިލްމު އެހާ ފަރިތަ ފިލްމަކަށް ނުވެދާނެ އެވެ.

އެކަމަކު "ނެކްސް އެންޓި" ގެ ޓްރެއިލާ އިން ފެންނަ ގޮތުގައި މިއީ "ހަމް ތުމް" އާއި ކުނާލްގެ އަލަތު ޑައިރެކްޝަން ކަމަށްވާ "މުޖްސޭ ދޯސްތީ ކަރޯގީ" ފަދަ ފިލްމުތަކުގައި ހުރި ކަހަލަ ގޮތްގަނޑު ހުންނާނެ ޒުވާނުންނާ ވަރަށް ކުޅޭ ކަހަލަ ފިލްމަކަށް ވާނެ އެވެ. މީގެ ސްކްރީންޕްލޭ ވެސް ލިޔެފައި ވަނީ ކުނާލެވެ.

ރިލީޒް ކުރާނެ ތާރީހެއް އަދި ކަށަވަރު ނުވާ "ނެކްސް އެންޓި" ގައި ލީޑް ރޯލް ކުޅެފައި ވަނީ ހިންދީ ފިލްމުތަކުން ވެސް ފެންނަ ސައުތުގެ ބަތަލާ ތަމަންނާ ބާޓިއާ އާއި ސުދީޕް ކިޝަން އެވެ.

ކުނާލް އެންމެ ފަހުން ބެލުންތެރިންނަށް ގެނެސް ދިނީ ޝާހިދު ކަޕޫރާއި ޕްރިޔަންކާ ޗޯޕްޅާ ލީޑް ރޯލް ކުޅުނު 2012 ގެ ފިލްމު "ތޭރީ މޭރީ ކަހާނީ" އެވެ.

މި އަހަރު ރިލީޒް ކުރި އަމީތާބް ބައްޗަން އާއި ރިޝީ ކަޕޫރުގެ ފިލްމު "102 ނޮޓް އައުޓް" ޗައިނާގައި ދައްކާ ގޮތަށް ހަމަޖެހިއްޖެ އެވެ.

އުމޭޝް ޝުކްލާ ޑައިރެކްޓްކޮށް މެއި މަހު ރިލީޒް ކުރި މި ފިލްމު ޗައިނާގެ ސިނަމާތަކުގައި ދައްކަން ފަށާނީ މި މަހުގެ 30 ވަނަ ދުވަހުން ފެށިގެންނެވެ. ފިލްމު ޕްރޮމޯޓް ކުރަން ޗައިނާ ބަހުން ތައްޔާރުކޮށްފައިވާ ޕޯސްޓަރުތަކެއް ވެސް މިހާރު ވަނީ ދައްކާލައިފަ އެވެ.

"102 ނޮޓް އައުޓް" އަކީ އުމުރުން ދުވަސްވީ ބަފަޔަކާއި އޭނާގެ އުމުރުން ދުވަސްވީ ފިރިހެން ދަރިއެއްގެ ވާހަކަ ކިޔައިދޭ ކޮމެޑީ ޑްރާމާއެކެވެ. ފިލްމުގައި އަމީތާބު ކުޅެފައި ވަނީ ރިޝީގެ ބައްޕަގެ ރޯލެވެ.

މެއި މަހުގެ 4 ގައި ރިލީޒް ކުރި އަދި މި އަހަރުގެ އެންމެ ވިޔަފާރި ރަނގަޅު ފިލްމުތަކުގެ ތެރޭގައި ހިމެނޭ "102 ނޮޓް އައުޓް" އަށް ބޮކްސް އޮފީހުގައި 76.68 ކްރޯޑް ރުޕީސްގެ އާމްދަނީއެއް ލިބިފައިވެ އެވެ. ފިލްމު ހަދަން ހަރަދު ކުރީ 35 ކްރޯޑެވެ.

އިންޑިއާގެ ތައުލީމީ ނިޒާމުގެ ތެރޭގައި ހުރި ދޯހަޅި ކަންތައްތަކުގެ މައްޗަށް ބިނާކޮށް ހަދާފައިވާ ފިލްމު "ޗީޓް އިންޑިއާ" ގެ ޓީޒާ ޓްރެެއިލާ ދައްކާލައިފި އެވެ.

މި ފިލްމުގެ ލީޑް ރޯލުން ފެނިގެން ދާނީ އިމްރާން ހާޝިމީ އާއި ޝްރެޔާ ދަންވަންތަރީ އެވެ. "ޗީޓް އިންޑިއާ" އަކީ ސޯމިކް ސެން ލިޔެ، ޑައިރެކްޓްކޮށްފައިވާ ފިލްމެކެވެ، އޭނާއަކީ 2014 ގައި ރިލީޒް ކުރި "ގުލާބް ގޭންގް" ގެ ޑައިރެކްޓަރެވެ.

ޓީ ސީރީޒްގެ ތައްގަނޑުގައި "ޗީޓް އިންޑިއާ" ސިނަމާތަކަށް އަންނާނީ އަންނަ ޖެނުއަރީ މަހުގެ 25 ވަނަ ދުވަހު އެވެ. މި ފިލްމުގެ ކުރިން އިމްރާންގެ ފުރަތަމަ އިންޓަނެޝަނަލް ފިލްމު "ޓައިގާސް" މި މަހުގެ 21 ގައި ބެލުންތެރިންނަށް ބަލައިލަން ލިބޭނެ އެވެ. އެއީ ޑިޖިޓަލް ޕްލެޓްފޯމް ޒީ5 އިންނެވެ.

އިމްރާން އެންމެ ފަހުން ބޮޑު ސްކްރީނުން ފެނިފައި ވަނީ މިދިޔަ އަހަރު ރިލީޒް ކުރި "ބާދުޝާހޯ" އިންނެވެ.

މިދިޔަ އަހަރު މަރުވި ކުރީގެ މަޝްހޫރު އެކްޓަރު ޝަޝީ ކަޕޫރު ކިތަންމެ މަޝްހޫރަސް އޭނާގެ ދަރިންނަކީ އެހާ މަޝްހޫރު ބައެއް ނޫނެވެ. އެކަމަކު ދޭތެރެ ދޭތެރެއިން ޝަޝީގެ ދޮށީ ފިރިހެން ދަރިފުޅު ކުނާލް ކަޕޫރު، 59، ފިލްމުތަކުގެ ސަޕޯޓިން ރޯލްތަކުން ފެނިގެން ދެ އެވެ.

އެގޮތުން އަނެއްކާ ވެސް އާ ފިލްމަކަށް ކުނާލް މިހާރު ވަނީ ސޮއިކޮށްފަ އެވެ. އެއީ ޝޫޓިން ފެށުމުގެ އެންމެ ފަހުގެ ތައްޔާރީތައް މިހާރު ވަމުން އަންނަ އަޝުތޯޝް ގޮވަރިކާގެ ތާރީހީ ފިލްމު "ޕާނިޕަޓް" އަށެވެ. މި ފިލްމުގެ ކާސްޓުންގެ ތެރޭގައި އަރުޖުން ކަޕޫރު، ސަންޖޭ ދަތު، ކިރިތީ ސެނަން، މޯނިޝް ބޭލް އަދި ކުރީގެ މަޝްހޫރު ބަތަލާ ޕަދުމިނީ ކޯލަޕޫރީ ހިމެނެ އެވެ.

"ޕާނިޕަޓް" ގައި ކުނާލް ފެނިގެން ދާނީ ޝުޖުއާތު ދައުލާ ކިޔާ ކެރެކްޓާއަކުންނެވެ. އޭނާ އެންމެ ފަހުން ފިލްމަކުން ފެނިފައި ވަނީ މީގެ ތިން އަހަރު ކުރިންނެވެ. އެއީ އަކްޝޭ ކުމާރުގެ 2015 ގެ ފިލްމު "ސިންގް އިން ބްލިންގް" އިންނެވެ. އެ ފިލްމުގައި ކުނާލް ކުޅެފައި ވަނީ އަކްޝޭގެ ބައްޕަގެ ރޯލެވެ.

"ޕާނިޕަޓް" ސިނަމާތަކަށް އަންނާނީ ޑިސެމްބަރު، 6، 2019 ގަ އެވެ.