17 ނޮވެމްބަރ 2018 - 06:39

ޑެސްޕެރޭޓް ހައުސްވައިވްސް އާއި ޑެވިއަސް މެއިޑްސް ފަދަ ސިލްސިލާތައް ކުޅެފައިވާ މަޝްހޫރު ބަތަލާ އީވާ ލޮންގޯރިއާ ޑައިރެކްޝަނަށް ނުކުންނަން ތައްޔާރުވެއްޖެ އެވެ.

އޭނާ މުހިއްމު ރޯލަކުން ވެސް ފެނިގެންދާ ގޮތަށް ޑައިރެކްޓްކުރަން ހަމަޖެހިފައި ވަނީ ޔުނިވާސަލްގެ ކޮމެޑީ "7-24" އެވެ. މީގެ ކާސްޓުން އީވާ އެކު ސިލްސިލާ "ސްކޭންޑަލް" ގެ ބަތަލާ ކެރީ ވޮޝިންޓަން ވެސް ފެނިގެން ދާނެ އެވެ.
ވެރައިޓީން ބުނި ގޮތުގައި އީވާގެ އަލަތު ޑައިރެކްޝަންގެ ސްކްރީންޕްލޭ ލިޔެފައި ވަނީ ސާރާ ރޮތުސްޗައިލްޑެވެ. "7-24" ގައި ކިޔައި ދޭނީ އޮފީހެއްގައި އެކައުންޓެންޓުންގެ ގޮތުގައި މަސައްކަތް ކުރާ އަންހެނުންގެ ޓީމަކާއި ހަމަ އެކަހަލަ ފިރިހެން ޓީމެއް ގުޅިގެން، މަކަރާއި ހީލަތުގެ މައްސަލައެއް ބަލަން ކުރާ މަސައްކަތުގެ ތެރޭގައި ދިމާވާ ހެއްވާ މަޖާ ހާދިސާތަކެކެވެ.
"7-24" މައި ޕްރޮޑިއުސަރަކީ "ގޯސްޓްބަސްޓާޒް" ފަދަ ފިލްމުތައް ޑައިރެކްޓްކޮށްފައިވާ ޕޯލް ފެއިގް އެވެ. އަދި މީގެ ޕްރޮޑަކްޝަނުގައި އީވާގެ ފިލްމު ކުންފުނި އަންބިލީވަބަލް އެންޓަޓައިންމަންޓާއި ކެރީގެ ފިލްމު ކުންފުނި ސިމްޕްސަން ސްޓްރީޓް ކޮމްޕެނީ ވެސް ހިއްސާ ވާނެ އެވެ.
"7-24" ގެ މަސައްކަތް ފަށާނެ އިރަކާއި ބެލުންތެރިންނަށް ފިލްމު ގެނެސް ދޭނެ އިރެއް އަދި އިއުލާނެއް ނުކުރެ އެވެ.
ހަތަރު މަހުގެ ދަރިއެއް އޮތް އީވާ، 43، ދާދި ފަހުން ވަނީ "ޑޯރާ ދި އެކްސްޕްލޯރާ" ގެ ލައިވް-އެކްޝަން ފިލްމުގެ މަސައްކަތް ނިންމާލައިފަ އެވެ. އޭގައި އޭނާ ފެނިގެން ދާނީ ޑޯރާގެ މަންމަގެ ރޯލުންނެވެ. ޖޭމްސް ބޮބިން ޑައިރެކްޓް ކުރާ ފިލްމު ސަނަމާތަކަށް އަންނާނީ އޮގަސްޓް، 2، 2019 ގަ އެވެ.