ރަންވީރާއި ދީޕިކާގެ ކައިވެނީގެ ދެ ފޮޓޯ
ރަންވީރާއި ދީޕިކާގެ ކައިވެނީގެ ދެ ފޮޓޯ

ބޮލީވުޑްގެ މަޝްހޫރު ދެ ތަރިން ކަމަށްވާ ރަންވީރު ސިންގާއި ދީޕިކާ ޕަދްކޯންގެ ކައިވެނީގެ ދެ ފޮޓޯއެއް އެންމެ ފަހުން ދައްކާލައިފި އެވެ.

ބުދަ ދުވަހާއި ބުރާސްފަތި ދުވަހު އިޓަލީގެ ލޭކް ކޯމޯގައި ދެ ތަރިންގެ ކައިވެނީގެ ރަސްމިއްޔާތުތައް ވަރަށް ކުލަގަދަކޮށް ބޭއްވި އިރު، ގިނަ ބަޔަކު އެންމެ ބޮޑަށް މާޔޫސްވީ ކައިވެނީގެ ފޮޓޯތައް އާންމު ނުކޮށް ލަސްކުރުމުންވެ. އެހެންވެ މިކަމާ ގުޅިގެން ބޮލީވުޑްގެ ބައެއް ފަންނާނުންގެ އިތުރުން ދީޕިކާ އާއި ރަންވީރުގެ ފޭނުން ސޯޝަލް މީޑިއާގައި އެކި ކަހަލަ ޝުއޫރުތައް ވެސް ފާޅުކޮށްފައިވެ އެވެ.

އެ ދެ ތަރިން އިންސްޓަގްރާމާއި ޓްވިޓާގައި އާންމުކުރީ ކައިވެނީގެ ދެ ފޮޓޯއެކެވެ. އާންމުކުރި ދެ ފޮޓޯގައި ދެ ތަރިން ފެންނަނީ ކައިވެނީގެ ހެދުމުގައި ތިއްބަ އެވެ. ރަތާއި ހުދުގެ ކައިވެނީގެ ހެދުން ފަރުމާކޮށްފައި ވަނީ އިންޑިއާގެ މަޝްހޫރު ޑިޒައިނަރު ސަބިއާސާޗީ މުކަރްޖީ އެވެ.

ދެ ފަރާތުގެ އާއިލާގެ މީހުންނާއި ހަމައެކަނި ބޮލީވުޑުން ވެސް ހޮވައިލެވުނު ދެތިން ފަންނާނުންނަކަށް ދައުވަތު ދީގެން ލޭކް ކޯމޯގައި ބޭއްވި ރަންވީރާއި ދީޕިކާގެ ކައިވެނީގެ ހަފުލާގެ ސެކިއުރިޓީ އޮތީ ވަރަށް ބޮޑަށް ވަރުގަދަކޮށްފަ އެވެ. އަދި ހަފުލާތަކަށް ފޯނު ވެއްދުން ވެސް އޮތީ މަނާކޮށްފަ އެވެ. ކައިވެނީގެ ރަސްމީ ފޮޓޯތައް އާންމު ނުވެ ލަސްވެގެން ދިޔަ ސަބަބަކީ ވެސް އެއީ އެވެ.

މީގެ އަސްލު ބޭނުމަކީ އަވަސް އަރުވާލައިގެން ކަންކަން ކުރުމުގެ ބަދަލުގައި ވަރަށް ހަމަޖެހިލައިގެން ކައިވެނީގެ ރަސްމިއްޔާތުތައް ނިންމާލައި، ސީދާ ރަންވީރާއި ދީޕިކާ ފޮޓޯތައް ހިއްސާ ކުރަން ބޭނުންވުމެވެ.

ކައިވެނީގެ ފޮޓޯތައް ނަގާގައި ވަނީ އިންޑިއާގެ ވަރަށް ގިނަ ސެލެބްރިޓީންގެ ފޮޓޯތައް މިހާތަނަށް ނަގާފައިވާ ގްރީސްގެ މަޝްހޫރު ފޮޓޯގްރާގަރު އެރިކޯސް އެންޑްރޯ އެވެ.

އިންސްޓަގްރާމައި ދީޕިކާ އާއި ރަންވީރު ހިއްސާކުރި ފޮޓޯތަކަށް މިހާތަނަށް އެތައް މިލިއަން ވިިއުސްއެއް ލިބި، އެތަކެއް ކޮމެންޓްކޮށްފައިވާ އިރު، ޓްވީޓް ކުރި ފޮޓޯތައް ވެސް އެތައް ހާސް ބަޔަކު މިހާތަނަށް ރިޓްވީޓްކޮށްފައިވެ އެވެ.

އިޓަލީގައި ކައިވެނި ކުރި ނަމަވެސް މި މަހުގެ 28 ވަނަ ދުވަހު ދެ ތަރިން ބާއްވާ ހާއްސަ ރިސެޕްޝަނެއް މުމްބާއީގެ ގްރޭންޓް ހަޔަޓު ހޮޓެލްގައި އޮންނާނެ އެވެ. އެއީ ޔަގީނުން ވެސް މުޅި ބޮލީވުޑްހެން ޖަމާވާނެ ހަފުލާއަކަަށް ވާނެ އެވެ.

ދީޕިކާ އާއި ރަންވީރުގެ ބޮޑު ކައިވެންޏަށް ފަހު، ކުރިއަށް ދެން އޮތީ ޕްރިޔަންކާ ޗޯޕްޅާ އާއި އެމެރިކާގެ ލޯބިވެރިޔާ ނިކް ޖޯނަސްގެ ކައިވެންޏެވެ. ބެލެވޭ ގޮތުން އެއީ އަންނަ މަހުގެ ކުރީކޮޅު އެވެ. މި ވެސް ހަމަ ވަރަށް ޑްރާމާގަނޑު ބޮޑުވާނެ ހަފުލާއަކަށް ވާނެ އެވެ. ކުޅިބަލަން ކެތްމަދުވެފައި މިހާރު ވެސް އެތައް ހާސް ބަޔަކު އެބަ ތިއްބެވެ.