ނިކޯލް ކިޑްމަން އާއި ހިއު ގްރާންޓްގެ އެޗްބީއޯގެ ސީރީޒަކަށް
ނިކޯލް ކިޑްމަން އާއި ހިއު ގްރާންޓްގެ އެޗްބީއޯގެ ސީރީޒަކަށް

ހޮލީވުޑްގެ މަޝްހޫރު ދެ ތަރިން ކަމަށްވާ ނިކޯލް ކިޑްމަން އާއި ހިއު ގްރާންޓް އެޗްބީއޯގެ މިނީ ސީރީޒަކަށް ސޮއިކޮށްފި އެވެ.

ކިޑްމަން ޕްރޮޑިއުސަރެއްގެ ޒިންމާ ވެސް ނަގާ، ހަ އެޕިސޯޑްގެ ސީރީޒްގެ ނަމަކީ "ދި އަންޑުއިން" އެވެ. މިއީ ޖިއަން ހަންފް ކޮރެލިޒް 2014 ގައި ލިޔެފައިވާ ވާހަކަ "ޔޫ ޝުޑް ހޭވް ނޯން" އަށް ބިނާކޮށް ހަދާ އެއްޗެކެވެ. މީގައި ކިޔައިދެނީ ފިރިމީހާ އާއި ދަރިފުޅާ އެކު އުޅެމުން އަންނަ ތެރަޕިސްޓެއްގެ ފިރިމީހާ ކުއްލި ގޮތަށް ވީނުވީއެއް ނޭނގި ގެއްލި، ދިރިއުޅުން އެފުށްފުށަށް ޖެހޭ އަންބެއްގެ ވާހަކަ އެވެ.

ކިޑްމަން އާއި ގްރާންޓް "ދި އަންޑުއިން" ގައި ކުޅޭނީ ދެމަފިރިންގެ ރޯލެވެ. މިއީ މި ދެ ތަރިންގެ ޖޯޑު އެކުގައި ފެންނާނެ ފުރަތަމަ ފަހަރެވެ.

ކިޑްމަންގެ ފިލްމު ކުންފުނި ބްލޮސަމް ފިލްމްސް އިން ކޯ ޕްރޮޑިއުސްކޮށް، އޭނާ އެކްޒެކެޓިވް ޕްރިޑިއުސަރެއްގެ ރޯލު ވެސް އަދާ ކުރާ "ދި އަންޑުއިން" ޑައިރެކްޓް ކުރާނީ އަ ސެކެންޑް ޗާންސް (2014) އާއި ސެރީނާ (2014) އަދި ލަވް އިޒް އޯލް ޔޫ ނީޑް (2012) ފަދަ ފިލްމުތައް ގެނެސް ދިން ސޫޒަން ބަޔާ އެވެ.

"ބްރިޖެޓް ޖޯންސް ޑައިރީ" އާއި "ލަވް އެކްޗްލި" އަދި "ނޮޓިން ހިލް" ފަދަ ކާމިޔާބު އެތައް ފިލްމެއް ކުޅެފައިވާ ގްރާންޓް "ދި އަންޑުއިން" އަށް ސޮއި ކުރި އިރު އޭނާ ދާދި ފަހުން ވަނީ ގައި ރިޗީގެ ފިލްމު "ޓޮފް ގައިޒް" އަށް ވެސް ސޮއިކޮށްފަ އެވެ. އަދި އެމެޒޯން އިން މިހާރު ސްޓްރީމް ކުރާ ވެބް ސީރީޒް "އަ ވެރީ އިންގްލިޝް" ސްކޭންޑަލް" އިން ވެސް ގްރާންޓް ފެނިގެންދެ އެވެ.

ކިޑްމަން، 51، ގެ އެންމެ ފަހުގެ ފިލްމަކީ މި މަހު 2 ގައި ރިލީޒް ކުރި "ބޯއި އިރޭޒްޑް" އެވެ. އަދި އަންނަ މަހުގެ 26 ގައި ރިލީޒް ކުރާ "އެކްމޭން" އިން ވެސް އޭނާ ފެނިގެން ދާނެ އެވެ.

އެޗްބީއާ އެކު އާ ސިލްސިލާއެއްގެ މަސައްކަތް ފަށަން ކިޑްމިން ނިންމި އިރު، އޭނާ މުހިއްމު ރޯލެއް ކުޅެފައިވާ "ބިގް ލިޓްލް ލައިސް" އަކީ ވެސް އެޗްބީއޯ އިން ގެނެސް ދީފައިވާ އެއްޗެކެވެ. މީގެ ދެވަނަ ސީޒަން އަންނަ އަހަރު ގެނެސް ދޭނެ އެވެ.