16 ނޮވެމްބަރ 2018 - 13:55

އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ރައީސުލްޖުމްހޫރިއްޔާ ކަމުގެ ހުވާ ކުރެއްވުމުގެ ރަސްމިއްޔާތަށް މާލޭގެ ބައެއް މަގުތަކާއި ސިނަމާލެ ބްރިޖު ބައެއް ވަގުތުތަކުގައި ބަންދު ކުރަން ނިންމައިފި އެވެ.
ޓްރެފިކް ފުލުހުން ނެރެފައިވާ ބަޔާނެއްގައި ބުނެފައި ވަނީ މިއަދާއި ހުވާ ކުރާ ރަސްމިއްޔާތު އޮންނަ ދުވަހު (ހޮނިހިރު ދުވަހު) އެއް ނަންބަރު ޖެޓީ ހިމެނޭ ސަރަހައްދު އަދި ރަސްމިއްޔާތު ބާއްވާ ގަލޮޅު ރަސްމީ ބޯޅަ ދަނޑު ބަންދު ވާނެ ކަމަށެވެ.
ޓްރެފިކަށް ބަދަލު ގެނައުމަށް ހަމަޖެހިފައި ވަނީ މިއަދާއި މާދަމާގެ މެންދުރު 2:00 ފެށިގެން ރޭގަނޑު 7:00 ހަމައަށެވެ.
ސިނަމާލެ ބްރިޖާއި ބްރިޖުން ފެށިގެން ގަލޮޅު ބޯޅަ ދަނޑަށް އަދި އެއް ނަންބަރު ޖެޓީއާ ހަމައަށް ވެސް މަގުތައް ބައެއް ވަގުތުތަކުގައި ބަންދު ވާނެ ކަމަށް ޓްރެފިކް ފުލުހުން ބުނެފައިވެ އެވެ.
ބޯޅަ ދަނޑު ސަރަހައްދުން މަޖީދީ މަގު އިރަށް ވަން ވޭ ކުރުމަށް ވެސް ޓްރެފިކް ފުލުހުން ވަނީ ނިންމައިފަ އެވެ.
ރައީސުލްޖުމްހޫރިއްޔާ ކަމުގެ ހުވާ ކުރުމުގެ ރަސްމިއްޔާތު މާދަމާ ބޯޅަ ދަނޑުގައި ބޭއްވުމަށް ހަމަޖެހިފައިވާއިރު އެ ސަރަހައްދުގެ ސެކިއުރިޓީ ވެސް ވަނީ އިތުރު ކޮށްފަ އެވެ.
އެ ރަސްމިއްޔާތުގައި އިންޑިއާގެ ބޮޑުވަޒީރު ނަރިންދުރަ މޯދީ ބައިވެރިވެވަޑައިގަންނަވާތީ އެމަނިކުފާނުގެ ސެކިއުރިޓީއަށް ވެސް ހާއްސަ ތައްޔާރީތަކެއް ދަނީ ކުރިއަށެވެ.