އިސްލާހީ މަސައްކަތުގެ ޓެގް އަޅުވައިގެން އެހެން ބަޔަކު އެބައުޅޭ: ޖަމީލް
އިސްލާހީ މަސައްކަތުގެ ޓެގް އަޅުވައިގެން އެހެން ބަޔަކު އެބައުޅޭ: ޖަމީލް

އިސްލާހީ މަސައްކަތް ކުރާ ބަޔަަކަށް ވެގެން ބައެއް ފަރުދުން މިހާރު އެބަ އުޅޭ ކަމަށާއި އެހެން ނަމަވެސް ހަގީގަތުގައި އެ މަސައްކަތް ކުރި ބަަޔަކީ މަޝްހޫރު ނޫން ބަޔެއް ކަމަށް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވެއްޖެ އެވެ.

ފޭސްބުކްގައި ޖަމީލު ލިއުއްވި ދިގު ސްޓޭޓަސްއެއްގައި ވިދާޅުވީ ބައެއް މީހުން ކުއްލިއަކަށް އެންމެ ރެއަކުން އިސްލާހީ މަސައްކަތްތެރިންނަށް އަދި ހިމޭނުން ނުތިބެވޭ މުފައްކިރުންނަށް ވީގޮތް އެމަނިކުފާނަށް ވިސްނިވަޑައިނުގަންނަވާ ކަމަށެވެ. އެފަދަ މީހުން ފާއިތުވި ފަސް އަހަރު ދުވަހު ތިބީ ހިމޭނުން ކަމަށް ވިދާޅުވެ، އެފަދަ ފަރާތްތަަކަށް އެމަނިކުފާނު ފާޑުވިދާޅުވި އެވެ.

"...ގާނޫނު އަސާސީގެ ދިފާއުގައި ނުކުމެ ޝަރުއީ ގޮތުން ނުގަވައިދު ކަންތައްތަކާއި އިޖުތިމާއީ ބޭއިންސާފާ ދެކޮޅަށް ވާހަކަ ދައްކާއިރު ފާއިތުވި ފަސް އަހަރު އެ މީހުން ތިބީ ހިމޭނުންނެވެ. އަދި ޔާމީނުގެ ސަރުކާރުން މުޅި ނިޒާމުގެ ބޭނުން ނަހަމަގޮތުގައި ކުރަމުން ދިޔައިރު ކަމެއް ވާހެން ވެސް އެ މީހުންނަށް ހީނުވެ އެވެ،" ރަސޫލާގެ ހަދީސެއްގެ މާނައިން ފެއްޓެވި ސްޓޭޓަސްގައި ޖަމީލު ލިއުއްވާފައި ވެއެވެ.

ސްޓޭޓަސް ފައްޓަވަމުން ޖަމީލު ލިއުއްވާފައި ވަނީ ސަޙީހް މުސްލިމްގައިވާ ހަދީސެކެވެ. އެ ހަދީސްގެ މާނައަކީ:

"ނުބައިކަމެއް ކުރާތަން ތިޔަބައިމީހުންގެ ތެެރެއިން މީހަކަށް ފެނިއްޖެ ނަމަ އަތުން އެކަމެއް މަނާކުރާހުށި ކަމެވެ. އެކަމަށް ނުކުޅެދިއްޖެ ނަމަ ދުލުން އެކަމެއް މަނާކުރާ ހުށިކަމެވެ. އެކަމަށް ނުކުޅެދިއްޖެ ނަމަ ހިތުން އެކަމެއް މަނާކުރާހުށި ކަމެވެ. އަދި މިއީ އީމާންކަމުގެ އެންމެ ބަލިކަށި ބާވަތެވެ،"

ރައީސް ޔާމީނު ރިޔާސީ އިންތިހާބުން ބަލިވެވަޑައިގެންނެވި ފަހުން އެމަނިކުފާނުގެ ވެރިކަމުގައި ހިނގި ގޯސް ކަންތައްތަކުގެ ވާހަކަ އަލުން ދައްކަން ފެށި، ސިޔާސީ އިސް މީހުންނަށް ފާޑުވިދާޅުވަމުން ޖަމީލް ވިދާޅުވީ މުޅި ދައުލަތުގެ ފައިސާ ނަގައި އަނިޔާދެމުން ދިޔައިރު އެއިން ފަރާތެއްގެ އަޑު އެއްގޮތަކަށް ވެސް ނީވޭ ކަމަށެވެ.

"...ދަންމަރު އުފުލާ މީހުންގެ ގޮތުގައި އަދި އުންމީދުގެ ހުޅުކޮޅުތަކުގެ ގޮތުގައި މިއަދު އެ މީހުން ވަނީ ހޭލާފައެވެ. އެއީ ކޮންމެ މަގާމެއްގައި ތިބި ބަޔަކަސް އެކަހަލަ މީހުންގެ އިހުލާސްތެރިކަން އަމިއްލަ ނަފުސަށް ގަބޫލުކުރުވައިދޭން އަޅުގަނޑަށް ދައްޗެވެ،" ޖަމީލު ލިއުއްވާފައި ވެ އެވެ.

އިސްލާހީ މަސައްކަތް ކުރާ މީހުންނަަށް މިހާރު ވެގެން އުޅޭ ފަރާތްތަކަށް ފާޑުވިދާޅުވުމަށް ފަހު ޖަމީލު ދެން ލިއުއްވާފައި ވަނީ މުޒާހަރާކޮށް އަޑު އުފުލި އާންމު ރައްޔިތުންނަށް ކުރައްވާފައިވާ ތައުރީފުގެ ވާހަކަފުޅުތަކެކެވެ. ވިދާޅުވީ އެކި މަސައްކަތްތައް ކުރާ އާއްމުން އެ މީހުންނަކީ ތެދު ގަބޫލުކޮށް އަނިޔާވެރިކަމުގެ ކުރިމަތީގައި ތެދު ބުނަން ކެނު މީހުން ކަމަށެވެ. އަދި އެ މީހުންނަކީ ޔާމީނުގެ ސަރުކާރުން ބާރުތައް ނަހަމަ ގޮތުގައި ބޭނުންކުރަމުން ދިޔައިރު އެކަމާ ދެކޮޅަށް ތެދުވި މީހުން ކަަމަށް ވެސް ވިދާޅުވި އެވެ.

"...ރަނގަޅު ކަމަށް އެ މީހުން ގަބޫލުކުރި ކަންތައްތަކަށްޓަކައި އެ މީހުން ތެދުވި އެވެ. އެ މީހުންނަށް ފުރައްސާރަކުރެވި ކުށްވެރި ކުރެވުނު ކަމުގައި ވިޔަސް މެ އެވެ،"

ސްޓޭޓަސް ނިންމަވައިލައްވަމުން އެމަނިކުފާނު ވަނީ ރައްޔިތުންނަށް ޝުކުރު އަދާކުރައްވާފަ އެވެ.

ޑރ. ޖަމީލު މިމޭރުމުން ވާހަކަފުޅު ދެއްކެވި އިރު އެމަނިކުފާނު ނައިބު ރައީސްކަމުގެ މަގާމުން ދުރުކުރަން މަސައްކަތް ފެށުމާ އެކު ވަޑއިގެންނެވީ އިނގިރޭސިވިލާތަށެވެ. އެ ގައުމަށް ވަޑައިގެން ހިމާޔަތް ހޯއްދެވި ގޮތަށް އިންތިހާބުން ރައީސް ޔާމީނު ބަލިވެވަޑައިގެންނެވުމާ ހަމައަށް ހުންނެވީ އެ ގައުމުގަ އެވެ. އެތަނުގައި ހުންނަވައިގެން އެކި ވާހަކަފުޅުތައް ދެއްކެވި ނަމަވެސް ރާއްޖެ އަށް ވަޑައެއް ނުގަންނަވަ އެވެ. އެހެން ނަމަވެސް އޭރު ރާއްޖޭގައި އެތައް ބަޔަކު ދިޔައީ މުޒާހަރާތައް ކޮށް ހައްޔަރުވެ، އަނިޔާ ލިބެމުންނެވެ.