16 ނޮވެމްބަރ 2018 - 10:19

ޒަގްރެބް، ކްރޮއޭޝިއާ (ނޮވެމްބަރު 16) - ޔުއެފާ ނޭޝަންސް ލީގުގައި ރޭ 3-2 އިން ސްޕެއިން ބަލިކޮށް މިދިޔަ ސެޕްޓެމްބަރު މަހު އެ ޓީމު އަތުން ބަލިވި ބަލިވުމުގެ ބަދަލު ކްރޮއޭޝިއާ އިން ހިފައިފި އެވެ.

މި ފަހަރުގެ ވޯލްޑް ކަޕްގެ ރަނަރަޕް ހޯދި ކްރޮއޭޝިއާ އަށް އެ މުބާރާތަށް ފަހު، އެންމެ ރަނގަޅު ނަތީޖާތައް ނެރެން ވަނީ އުނދަގޫވެފަ އެވެ. ނޭޝަންސް ލީގުގައި ކްރޮއޭޝިއާ ކުޅުނު ފުރަތަމަ މެޗުން ސެޕްޓެމްބަރު މަހު ސްޕެއިން އަތުން ވަނީ 6-0 އިން ބަލިވެފަ އެވެ. ދެ ވަނަ މެޗުގައި އަމިއްލަ ދަނޑުގައި އިންގްލެންޑާ އެއްވަރުވުމުން ރޭގެ މެޗަށް ނުކުތްއިރު ކްރޮއޭޝިއާ އަށް އޮތީ މުބާރާތުގައި ކުރިއަށްދާނަމަ މޮޅުވުން މަޖުބޫރުވެފަ އެވެ.
ރޭގެ މޮޅާ އެކު ކްރޮއޭޝިއާ ވަނީ އަންނަ އަހަރު އޮންނަ ނޭޝަންސް ލީގުގެ ފަހު ބުރަށް ދިއުމުގެ ފުރުސަތު ވެސް ފަހިކޮށްފަ އެވެ. ފުރަތަމަ ކެޓަގަރީގެ ގްރޫޕް ހަތަރެއްގެ އެއް ވަނައިގައި ސްޕެއިން އޮތީ ހަތަރު މެޗުން ހަ ޕޮއިންޓް ހޯދައިގެންނެވެ. ގްރޫޕްގެ ދެ ވަނައިގައި އޮތް އިންގްލެންޑާއި ތިން ވަނައިގައި އޮތް ކްރޮއޭޝިއާ އަށް ތިން މެޗުން ލިބުނީ ހަތަރު ޕޮއިންޓެވެ. މި ގްރޫޕުގައި ދެން ބާކީ އޮތީ އާދިއްތަ ދުވަހު އިންގްލެންޑާއި ކްރޮއޭޝިއާ ބައްދަލުކުރާ މެޗެވެ. އެ މެޗުން މޮޅުވާ ޓީމަކަށް ފަހު ބުރުގެ ޖާގަ ލިބޭއިރު، ބަލިވާ ޓީމެއް ދެ ވަނަ ކެޓަގަރީ އަށް ރެލިގޭޓްވާނެ އެވެ.
ސިޔާސީ ނިޝާނެއް ދަނޑުގައި ބަހައްޓައިގެން ޔުއެފާ އިން ކްރޮއޭޝިއާ އަށް ދިން އަދަބުގެ މުއްދަތު ހަމަވުމުން ރޭގެ މެޗު ބަލަން ކްރޮއޭޝިއާ ސަޕޯޓަރުންނަށް ވަދެވުނެވެ. މި މެޗުގެ 54 ވަަނަ މިނިޓްގައި ކްރޮއޭޝިއާ އަށް ލީޑުނަގައިދިނީ އަންދްރޭ ކްރަމަރިޗް އެވެ. އޭގެ ދެ މިނިޓް ފަހުން ސްޕެއިނަށް ނަތީޖާ ހަމަހަމަ ކޮށްދިނީ ރެއާލް މެޑްރިޑްގެ މިޑްފީލްޑަރު ޑެނީ ސަބާޔޯސް އެވެ.
ކްރޮއޭޝިއާ އަށް ދެ ވަނަ ފަހަރަށް ލީޑުނަގައިދިނީ މެޗުގެ 69 ވަނަ މިނިޓްގައި ޓިން ޖެޑްވާއި އެވެ. އެކަމަކު އޭގެ 10 މިނިޓް ފަހުން ސާޖިއޯ ރާމޮސް ވަނީ ޕެނަލްޓީ އަކުން ސްޕެއިނަށް އަލުން އެއްވަރުކޮށްދީފަ އެވެ. ކްރޮއޭޝިއާ މޮޅުކޮށްދިން ލަނޑު ޖެހީ އިތުރު ވަގުތުގައި ޖެޑްވާއި އެވެ. މިއީ އުމުރުން 22 އަހަރުގެ ޖަރުމަނުގެ ބަޔާ ލެވަކޫސަން އަށް ކުޅޭ ޖެޑްވާއި ގައުމީ ޓީމަށް ޖަހައިދިން ފުރަތަމަ ލަނޑުތަކެވެ.
ސްޕެއިންގެ ކޯޗު ލުއިސް އެންރީކޭ ބުނީ ޖެހިޖެހިގެން ދެ މެޗުން ބަލިވިޔަސް އުއްމީދުތައް ދޫކޮށްލާނެ ކަމަށާއި މިހާރު ހާލަތު އޮތްގޮތުން ފުޓްބޯޅައިގެ ކަންތައް އެ ޓީމަށް ދަނީ އިންސާފުވެރިކޮށް ކަމަށް ނުދެކޭ ކަމަށެވެ. އެއީ އުނދަގޫ ވޯލްޑް ކަޕަށް ފަހު ހުރިހާ ކަމެއް ރަނގަޅު ކުރަން މަސައްކަތްކުރާއިރު ވެސް ކުރެވޭ މަސައްކަތާ ބަލާއިރު ރަނގަޅު ނަތީޖާ ނުނެރެވޭތީ އެވެ.
ދެ އަަހަރަށް ފަހު އިންގްލެންޑްގެ ފޯވާޑް ވޭން ރޫނީ އެނބުރި އައިއިރު، އެ ޓީމު ވަނީ ރޭ އެކުވެރިކަމުގެ މެޗެއްގައި އެމެރިކާ އަތުން 3-0 އިން މޮޅުވެފަ އެވެ. މި މެޗަކީ އިންގްލެންޑަށް އެންމެ ގިނަ ލަނޑު ޖަހައިދިން ރޫނީ އަށް ޝަރަފްވެރިކަމާ އެކު ރިޓަޔާކުރުމުގެ ގޮތުން އޭނާ އަށް އެ ފުރުސަތުދޭން ހާއްސަކުރި މެޗެކެވެ. އިންގްލެންޑްގެ ގޯލުތައް ޖަހައިދިނީ ޖެސޭ ލިންގާޑާއި ޓްރެންޓް އަލެކްސަންޑަ އާނޯލްޑް އަދި ކަލުމް ވިލްސަން އެވެ.
އުނދަގޫ ފައްތަރެއްގައި އޮތް ޖަރުމަނު ވެސް ވަނީ ރޭ ކުޅުނު އެކުވެރިކަމުގެ މެޗުން ރަޝިއާގެ މައްޗަށް 3-0 އިން ކުރިހޯދައިފަ އެވެ. ޖަރުމަނުގެ ގޯލުތައް ކާމިޔާބުކުރީ ލިރޯއީ ސާނޭ، ނިކްލަސް ޝޫލާ އަދި ސާޖް ނަބްރީ އެވެ.