16 ނޮވެމްބަރ 2018 - 12:37

ޓޯކިޔޯ (ނޮވެމްބަރު 16) - ޖަޕާނުގެ ސައިބަ-ސެކިއުރިޓީ މިނިސްޓަރުގެ މަގާމަށް އަލަށް ހަމަޖެއްސި ޔޮޝިޓަކާ ސަކުރަޑާ ދުވަހަކު ވެސް ކޮމްޕިއުޓަރު ބޭނުން ނުކުރައްވާ ކަމަށް އެއްބަސްވެވަޑައިގެންފި އެވެ.
"މި ހުރިހާ ދުވަހު އަހަރެން ދިޔައީ ސްޓާފުންނާއި ސެކްރެޓަރީންނަށް ކަންތައް ކުރަންވީ ގޮތް ކިޔައިދެމުން. އެކަމަކު އަހަރެންގެ ހަޔާތުގައި ދުވަހަކު ވެސް ކޮމްޕިއުޓަރެއް ބޭނުމެއް ނުކުރަން،" ޖަޕާނުގެ ގާނޫނު ހަދާ މަޖިލީހުގެ ކޮމިޓީއެއްގައި ވާހަކަ ދައްކަވަމުން އުމުރުން 68 އަހަރުގެ ސަކުރަޑާ ވިދާޅުވި އެވެ.
ޖަޕާނުގެ ސައިބާ-ސެކިއުރިޓީ މިނިސްޓަރުގެ މަގާމަށް އޭނާ ހަމަޖެއްސީ މިދިޔަ މަހު އެވެ. އޭނާގެ މަސައްކަތުގެ ތެރޭގައި ޓޯކިޔޯގައި 2020 ވަނަ އަހަރު ބާއްވާ އޮލިމްޕިކް ގޭމްސްގެ ސައިބާ-ޑިފެންސް ތައްޔާރީތައް ކުރިއަށްދާ ގޮތް ބެލުން ހިމެނެ އެވެ.
އިދިކޮޅު ޑިމޮކްރެޓިކް ޕާޓީގެ މެންބަރެއް ކަމަށްވާ މަސަޓޯ އިމައި ވިދާޅުވި ސައިބަ-ސެކިއުރިޓީގެ މަސްއޫލިއްޔަތާ ހަވާލުވެ ހުރި އެންމެ އިސްވެރިޔާ ދުވަހަކު ވެސް ކޮމްޕިއުޓަރު ބޭނުން ނުކުރުމަކީ ގަބޫލް ކުރަން ދަތި، ހައިރާންވާވަރުގެ ކަމެއް ކަމަށެވެ. ރައްދުގައި ސަކުރަޑާ ވިދާޅުވީ އެ މަސައްކަތާ ހަވާލުވެ ތިބި އެހެން މީހުންނަކީ ކޮމްޕިއުޓަރަށް ފަރިތަ ތަޖްރިބާކާރު މީހުން ކަމަށެވެ.