15 ނޮވެމްބަރ 2018 - 23:18

އިންތިޚާބީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު (އިބޫ) ހުވާކުރާ ރަސްމިއްޔާތަށް ދައުވަތު ދީފައިވާ ފަރާތްތަކުން ވީހާވެސް އަވަހަށް ގަލޮޅު ދަނޑަށް ވަނުމަށް ރައްޔިތުންގެ މަޖިލީހުން މިރޭ އެދިއްޖެ އެވެ.
މަޖިލީހުން އާއްމުކުރި ދެންނެވުމެއްގައި ބުނެފައި ވަނީ، ގަލޮޅު ދަނޑުގައި އޮންނަ އެ ރަސްމިއްޔާތަށް އެންމެ ފަހުވަގުތު ވަޑައިގަތުމަށް މަޑުނުކުރައްވައި ވީހާވެސް ކުރިން ވަޑައިގަންނަވަން އެދޭ ކަމަށެވެ. ރަސްމިއްޔާތަށް ވަޑައިގަންނަވާ ބޭފުޅުން ދަނޑަށް ވައްދަން ފަށާނީ ހޮނިހިރުދުވަހުގެ މެންދުރުފަހު 3:00 ގަ އެވެ. ހުވާކުރުމުގެ ރަސްމިއްޔާތު ފަށަން ހަމަޖައްސާފައި އޮތީ ހަވީރު 5:00 ގަ އެވެ.
- ދައުވަތު ކާޑާ އެކު ދީފައިވާ ކުޑަ ކާޑުކޮޅު ހިފައިގެން ރަސްމިއްޔާތަށް ދިއުން.
- ޖަލްސާގައި މަޑުމައިތިރިކޮށް، އަޑު މަޑުކޮށްގެން ތިބުން.
- ހުވާ ކުރައްވާ ވަގުތާއި ގައުމީ ސަލާމް ކިޔާ ވަގުތު ކޮޅަށް ތެދުވުން.
ރަސްމިއްޔާތު ނިމެންދެން ދަނޑުގައި މަޑުކުރުން.
ރާއްޖޭގެ ދެ ވަނަ ޖުމްހޫރިއްޔާގެ ހަ ވަނަ ރައީސްގެ ގޮތުގައި އިބޫ ހުވާ ކުރެއްވުމަށް ބާއްްވާ ރަސްމިއްޔާތަކީ މިހާތަނަށް ރާއްޖޭގައި ބާއްވާ އެފަދަ އެންމެ ކުލަގަދަ ރަސްމިއްޔާތު ކަމަށް އެމްޑީޕީ އާއި ރައްޔިތުންގެ މަޖިލީހުން ވެސް ވަނީ ބުނެފަ އެވެ. އެ ރަސްމިއްޔާތަށް ވަޑައިގެންނެވުމަށް އެކުވެރި ގައުމުތަކުގެ އިސް ބޭފުޅުންނަށް ވެސް ވަނީ ދައުވަތު އަރުވައިފަ އެވެ. އެ ރަސްމިއްޔާތަށް ރާއްޖެ އިން ބޭރުން ވަޑައިގަންނަވާ އެންމެ އިސް ބޭފުޅަކީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރާ މޯދީ އެވެ.