15 އޯގަސްޓް 2016 - 13:21

އެފްއޭއެމް އަދި ބައެއް ކުޅުންތެރިންނާއި ސަޕޯޓަރުންގެ ފޭސްބުކުން މިދުވަސްކޮޅު އެންމެ ގިނައިން ފެންނަނީ މާ ކުރީގެ ފޮޓޯތަކެކެވެ. މީގެ އަށް އަހަރު ކުރިން ރާއްޖޭގެ ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރި މެޗުގެ އެ ފޮޓޯތައް ފެނި، ކުރީގެ އުފާވެރި ހަނދާނެއް އާވާން ފަށައިފި އެވެ. އެ ހަނދާންތަކުގެ ތެރެއަށް ރަނގަޅަށް ވަންނަން ބޭނުން ހެއްޔެވެ؟ ކުރީގެ ތަރިންގެ ކުޅުން އަލުން ދެކިލަން ބޭނުން ހެއްޔެވެ؟

އެ ފުރުސަތު ތަނަވަސްކޮށްދިނުމަށް، އެފްއޭއެމުން ވަނީ ރާއްޖޭން 2008 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރިތާ އަށް އަހަރު ފުރުން ފާހަގަކުރުމަށް މި މަހުގެ 29 ވަނަ ދުވަހު ހާއްސަ މެޗެއް ކުޅެން ރާވައިފަ އެވެ. އެ ފަހަރު ފައިނަލުގައި ކުޅުނު ޓީމާ ދެކޮޅަށް ނުކުންނާނީ މިހާރުގެ ގައުމީ ޓީމެވެ.
މި މެޗުގެ ވަނީ މިހާރު ވެސް އެތައް ގޮތަކުން ހާއްސަވެފަ އެވެ. މިއީ ރާއްޖޭގެ ރަން ޖީލުގެ ކުޅުންތެރިން އެއް ޓީމަކުން އަނެއްކާ ވެސް ފެނިގެންދާނެ މެޗެކެވެ. ރާއްޖޭ ދުށް އެންމެ ކާމިޔާބު އެއް ކޯޗު އަދި ރާއްޖޭގެ ފުޓްބޯޅައަށް ބޮޑު ބަދަލެއް ގެނައި ސްލޮވާކިއާގެ ޔޯސެފް ޔަންކޭ އަލުން ގަލޮޅު ދަނޑުގެ ބެންޗުން ފެންނާނެ އެވެ.
މީގެ އިތުރުން މި މެޗަކީ، ގައުމީ ޓީމުގެ އާ ކޯޗު ޑަރެން ސްޓެވާޓުގެ އިރުޝާދުގެ ދަށުން ގައުމީ ޓީމު ކުޅޭނެ ފުރަތަމަ މެޗެވެ. އެހެންކަމުން އާ ކޯޗަށް ދިވެހި ފުޓްބޯޅަ ތައާރަފްކުރަން، މިއީ ސަޕޯޓަރުންނަށް ލިބޭނެ ރަނގަޅު ފުރުސަތެކެވެ. އޭޝިއަން ކަޕް ކޮލިފައިންގެ ގްރޫޕް ސްޓޭޖަށް ކޮލިފައިވުމަށް ލާއޮސްއާ ދެކޮޅަށް ކުޅޭ ދެ މެޗުގެ ކެމްޕެއިނަށް ގައުމީ ޓީމު ތައްޔާރުވާން ފަށާނީ، މި މެޗުންނެވެ. މީގެ އިތުރުން މިއީ ސެޕްޓެމްބަރު 1 ވަނަ ދުވަހު ވާދަވެރި ބަންގްލަދޭޝްއާ ދެކޮޅަށް މާލޭގައި ގައުމީ ޓީމު ކުޅޭ މެޗުގެ ކުރިން ސަޕޯޓަރުންގެ ހުރި ހިތްވަރެއް ދައްކާލަން ލިބޭ ރަނގަޅު މެޗެކެވެ.
ގައުމީ ޓީމުގައި މިހާރު ހިމެނޭ ކުޅުންތެރިންގެ ތެރެއިން ކެޕްޓަން އަލީ އަޝްފާގް (ދަގަނޑޭ) އާއި ގޯލްކީޕަރު އިމްރާން މުހައްމަދު ކުޅޭނީ ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރި ޓީމަށެވެ. އެހެންކަމުން ރާއްޖޭގެ އެންމެ ކާމިޔާބު އެއް ފޯވާޑްލައިން ޕާޓްނާޝިޕް ކަމަށްވާ ދަގަނޑޭ އާއި އަލީ އުމަރުގެ އެއްކޮށް މި މެޗުގައި ފެންނާނެ އެވެ. އެ ދެ ކުޅުންތެރިން ވަނީ ވެލެންސިއާގެ ފޯވާޑް ލައިނުގައި ކުރިން މޮޅު ކުޅުމެއް ދައްކައިފަ އެވެ. މީގެ އިތުރުން ދަގަނޑޭ އާއި އެފްއޭއެމްގެ މިހާރުގެ ރައީސް އަހުމަދު ތޯރިގް (ޓޮމް) ކާމިޔާބު ޕާޓްނާޝިޕް ވެސް ފެނިގެންދާނެ އެވެ.
އިމްރާން ގޯލް ބަލަހައްޓާއިރު ޑިފެންސް ލައިން ބަލަހައްޓާނީ ރާއްޖޭގައި އުފެދުނު އެންމެ މޮޅު ޑިފެންޑަރުންގެ ތެރޭގައި ހިމެނޭ މުހައްމަދު ޖަމީލާއި ސޮބާހު މުހައްމަދު އަދި އައްސަދު އަބްދުލްގަނީ އެވެ. މެދުތެރޭގައި މުހައްމަދު ޝިފާން (ކުޑައްޓޭ) އާއި އިބްރާހިމް ފަޒީލް (އޮއްޕޮ) ގެ މޮޅު ކުޅުން އަލުން ފެންނައިރު މުޚުތާރު ނަސީރު (ޓޫކިލޯ) އާއި އިސްމާއިލް މުހައްމަދު (އިއްސެ) ދުވެލި ބާރު ކުޅުން އަރިމަތިން ފެންނާނެ އެވެ. މީގެ އިތުރުން ރާއްޖޭގައި އުފެދުނު އެންމެ މޮޅު އެއް ފުލްބެކް އަހުމަދު ސައީދު (އައްމަޓީ) ވެސް އެ މެޗުގައި ފެންނާނެ އެވެ.
ރާއްޖޭން ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރީ މި ކުޅުންތެރިންގެ މޮޅު ކުޅުމާއި ޔަންކޭގެ މޮޅު ރޭވުންތަކުގެ އިތުރުން ސަޕޯޓަރުންގެ ފުރިހަމަ ތަރުހީބާ އެކު އެވެ. ޔަގީނުން ވެސް މި މެޗުގައި އެ ކުޅުންތެރިންނާއި ޔަންކޭ އަލުން ފެންނާނެ އެވެ. ދެން އޮތީ ސަޕޯޓަރުން އެ ދުވަހު ދިން ފުރިހަމަ ސަޕޯޓް އަލުން ދިނުމެވެ. އެންމެން ރަތްކުލައިގެ ހެދުމުގައި އެ މެޗުން ގަލޮޅު ދަނޑުން ފެނިއްޖެ ނަމަ، ދިވެހި ފުޓްބޯޅަ ދުށް އެންމެ ތާރީހީ، އެންމެ ކާމިޔާބު އެއް ދުވަސް އަލުން ތަކުރާރުކުރެވޭނެ އެވެ. އެހެންވެއްޖެ ނަމަ އެއީ ދިވެހި ފުޓްބޯޅަ އަލުން ކޮޅަށް ޖެހުމަށް ކުރާ މަސައްކަތަށް އެޅޭނެ ބޮޑު ބާރެކެވެ. އެކަމަށް ސަޕޯޓަރުން ތައްޔާރު ހެއްޔެވެ؟