15 ނޮވެމްބަރ 2018 - 16:45

އިލެކްޝަން ކޮމިޝަން (އީސީ) ގެ ކުރީގެ ސެކްރެޓަރީ ޖެނެރަލް އާސިމް އަބްދުއްސައްތާރު އެ މަގާމުން ވަކިކުރީ ގާނޫނާ ޚިލާފަށް ކަމަށް ހައި ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.
އެ ކޮމިޝަންގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމުގައި އާސިމް ހުންނަވަނިކޮށް އޮގަސްޓް، 2014 ގައި އޭނާ އެ މަގާމުން ވަކިކުރީ މުވައްޒަފުންގެ ޕާފޯމަންސް އެޕްރައިޒަލުން ވަކި މިންވަރަކަށް މާކްސް ލިބިފައި ނުވާ ކަމަށް ބުނެ އެވެ. އެ މައްސަލަ އާސިމްގެ ފަރާތުން ސިވިލް ކޯޓަށް ހުށަހެޅުމުން އެ ކޯޓުން ނިންމާފައި އޮތީ އޭނާ ވަކިކުރީ ރަނގަޅަށް ކަމަށެވެ.
އެ މައްސަލަ އާސިމްގެ ފަރާތުން ހައި ކޯޓުގައި އިސްތިއުނާފް ކުރުމުން އެ ކޯޓުން މިއަދު ހުކުމްކުރީ އާސިމް ވަކިކުރީ ގާނޫނާ ޚިލާފަށް ކަމަށާއި އެހެންވެ، އޭނާ ވަކި ކުރިއިރު އޭނާގެ ވަޒީފާގެ އެއްބަސްވުމުގެ ބާކީ އޮތް މުއްދަތާ ހަމައަށް ލިބެންޖެހޭ މުސާރަ އާއި އިނާޔަތްތައް އޭނާއަށް ދޭންޖެހޭނެ ކަމަށެވެ.
ހައި ކޯޓުގެ ހުކުމުގައި ވަނީ އާސިމްގެ މަސައްކަތުގެ ފެންވަރު ބެލުމުގައި ކޮމިޝަނުން އަމަލު ކޮށްފައިވަނީ އެ ކޮމިޝަންގެ މުވައްޒަފުންގެ މަސައްކަތުގެ ފެންވަރު ބެލުމުގައި އަމަލު ކުރުމާ ބެހޭގޮތުން ކޮމިޝަނުން ނިންމާފައިވާ އުސޫލުގައި ބުނާ އިޖްރާއާތުތައް ފުރިހަމަ ނުކޮށް ކަމަށެވެ.
މަސައްކަތުގެ ފެންވަރު ބެލުމާ ބެހޭ އުސޫލު އޮތްގޮތުން މަސައްކަތުގެ ފެންވަރު ބެލުމަށް ޚާއްސަ ފޯމެއް އޮންނައިރު އެ ފޯމަކީ ދެ ފަރާތުން ސޮއިކޮށް، އޭގެ ކޮޕީ މުވައްޒަފަށް ވެސް ދޭންޖެހޭ ފޯމަކަށް ވާއިރު އެ އުސޫލުން އާސިމާ މެދު އަމަލު ކޮށްފައި ނެތް ކަމަށް އެ ހުކުމުގައިވެ އެވެ.
އާސިމް ވަކި ކުރިއިރު ވެސް، އޭނާގެ މަސައްކަތުގެ ފެންވަރު ބެލި ފޯމް އޭނާއަށް ދީފައި ނެތް ކަމަށާއި އަދި އެ ފޯމްތައް ކޮމިޝަނުން ފުރާފައި އޮތީ ވެސް އެކަމާ ބެހޭ އުސޫލާ ޚިލާފަށް ކަމަށް އެ ހުކުމުގައިވެ އެވެ. އަދި އެއިން އެއްވެސް ފޯމެއްގައި އާސިމްގެ މަސައްކަތުގެ ޓާގެޓް ކަނޑައެޅިފަައި ނެތް ކަމަށް ވެސް ހައި ކޯޓުގެ ހުކުމުގައިވެ އެވެ.
ހުކުމުގައި އިލެކްޝަންސް ކޮމިޝަންގެ މައްޗަށް އަންގާފައިވަނީ އާސިމް ވަކިކުރި ދުވަހުން ފެށިގެން އޭނާގެ ވަޒީފާގެ އެއްބަސްވުން ނިމުނު ތާރީޚު ކަމަށްވާ މިދިޔަ އަހަރުގެ އޭޕްރީލް މަހާ ހަމައަށް އޭނާއަށް ލިބެންޖެހޭ މުސާރަ އާއި އިނާޔަތްތައް ތިން މަސް ތެރޭގައި ދެއްކުމަށެވެ.
އެ މައްސަލަ ބެއްލެވީ ފަނޑިޔާރު އަލީ ސަމީރާއި ފަނޑިޔާރު މުހައްމަދު ފައިސަލްގެ އިތުރުން ފަނޑިޔާރު އަބްދުއްރައޫފް އިބްރާހިމެވެ. ރިޔާސަތު ބެލެހެއްޓެވީ ފަނޑިޔާރު ސަމީރެވެ.
ހައި ކޯޓުން އެގޮތަށް ހުކުމް ކުރިއިރު، އާސިމް މިހާރު ހުންނެވީ ގައުމީ ޔުނިވާސިޓީގެ ފެކަލްޓީ އޮފް އާޓްސްގެ ޑީންގެ މަގާމުގަ އެވެ.