15 އޯގަސްޓް 2016 - 13:42

ލަންޑަން (އޮގަސްޓް 15) - އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީ ކުޅޭ ފުރަތަމަ މެޗުގައި މިރޭ ވެސްޓް ހޭމް ޔުނައިޓެޑާ ދެކޮޅަށް ނުކުންނައިރު ފާއިތުވި ސީޒަން މަތިން ހަނދާން ނައްތާލަން ޖެހޭ ކަމަށް ޗެލްސީގެ ކޯޗު އެންޓޯނިއޯ ކޮންޓޭ ބުނެފި އެވެ.
ޗެލްސީ އަށް މިދިޔަ ސީޒަނުގައި ގިނަ މައްސަލަތަކެއް ދަނޑުގެ ތެރެއިންނާއި ދަނޑު ބޭރުން ދިމާވިއިރު އެ ޓީމު ލީގު ނިންމާލީ 10 ވަނައިގަ އޮވެ އެވެ. ޓީމުގެ މުހިއްމު ކުޅުންތެރިންނަށް ރަނގަޅު ކުޅުމެއް ނުދެއްކުމުގެ ސަބަބުން އެ ޓީމުގެ ކޯޗު ހޯސޭ މޮރީނިއޯ އަށް ވަނީ ވަޒީފާ ގެއްލިފަ އެވެ. މޮރީނިއޯ މަގާމުން ވަކިކުރުމުން ސީޒަނުގެ ބާކީ ބައިގައި އެ ޓީމަށް އިރުޝާދު ދިނީ ގޫސް ހިޑިންކެވެ.
ކޮންޓޭ ބުނީ އާ ސީޒަނަކަށް ކުރިމަތިލާއިރު މިދިޔަ ސީޒަނުގައި ވެފައި އޮތް ކަމެއް ހަނދާން ކޮށްގެން ޓީމަށް ކުރާނެ ފައިދާއެއް ނެތުމުން މުހިއްމީ އެކަން ހަނދާން ނައްތާލުން ކަމަށެވެ.
"ޗެލްސީގެ ސަޕޯޓަރުން ވެސް ކުޅުންތެރިންނަށް ވެސް ލިބޭނެ މާޔޫސްކަމެއް އެއީ މިދިޔަ ސީޒަނުގެ ވާހަކަ ދެއްކުމަކީ. މި ޓީމަށް ބޭނުންވަނީ ރަނގަޅު ފެށުމެއް. ލީގު މިހާރު ވަރަށް ވާދަވެރި. ހައެއް ނުވަތަ ހަތް ވަރަކަށް ޓީމު އެބައޮތް ލީގަށް ވާދަކުރެވޭ ފެންވަރުގެ. އަހަރެމެން ވެސް އެބަޖެހޭ އެ ޓީމުތަކުގެ ތެރޭގައި އޮންނަން މަސައްކަތް ކުރަން،" މިރޭގެ މެޗުގެ ކުރިން އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަމުން ކޮންޓޭ ބުންޏެވެ.
މިރޭގެ މެޗުގައި މި ފަހަރުގެ ޓްރާންސްފާގައި ޗެލްސީއާ ގުޅުނު ދެ ކުޅުންތެރިން ކަމަށްވާ އެންގޯލޯ ކޯންޓޭ އާއި މިޝީ ބަޓްޝުއާޔީ ކުޅޭނެ ކަމަށް ކޮންޓޭ ވަނީ ބުނެފަ އެވެ.
ވެސްޓް ހޭމް އަކީ މިދިޔަ ސީޒަނުގައި އެންމެ ރަނގަޅު ކުޅުމެއް ދެއްކި އެއް ޓީމެވެ. ސްލަވެން ބިލިޗްގެ އިރުޝާދުގެ ދަށުން އެ ޓީމު ވަނީ މިދިޔަ އަހަރު ބޮޑު ކުރިއެރުމެއް ހޯދައިފަ އެވެ. އެ ޓީމު މިދިޔަ ސީޒަނުގައި ލީގު ނިންމާލީ ހަތް ވަނައިގަ އޮވެ އެވެ.
ބިލިޗް ބުނީ މިދިޔަ ސީޒަނުގައި ޗެލްސީ ނެރުނު ނަތީޖާތަކަށް ބަލާއިރު އެ ޓީމު މި ފަހަރުގެ ނުކުންނާނީ ވަރަށް ރަނގަޅަށް ތައްޔާރުވެގެން ކަމަށާއި ބޭނުންވަނީ މޮޅަކާ އެކު ސީޒަން ފެށުމަށް ކަމަށެވެ.
ޗެލްސީ ދަނޑުގައި ވެސްޓް ހޭމްއާ ދެކޮޅަށް ކުޅޭ މެޗު ފަށާނީ މިރޭ ރާއްޖެ ގަޑިން 12 ޖަހާއިރު އެވެ.