ގޯލްޑެން ގްލޯބް އެވޯޑްސްގެ އެމްބެސެޑެރަކަށް އިދުރީސް އެލްބާގެ ދަރިފުޅު ހަމަޖައްސައިފި
ގޯލްޑެން ގްލޯބް އެވޯޑްސްގެ އެމްބެސެޑެރަކަށް އިދުރީސް އެލްބާގެ ދަރިފުޅު ހަމަޖައްސައިފި

އަންނަ އަހަރު ބާއްވާ 76 ވަނަ ގޯލްޑެން ގްލޯބް އެވޯޑްސްގެ އެމްބެސެޑަރަކަށް ހޮލީވުޑްގެ މަޝްހޫރު އެކްޓަރު އިދްރީސް އެލްބާގެ އަންހެން ދަރިފުޅު އިސާން އެލްބާ ހަމަޖައްސައިފި އެވެ.

ގޯލްޑެން ގްލޯބް އެވޯޑް އިންތިޒާމުކުރާ ހޮލީވުޑް ފޮރިން ފްރެސް އެސޯސިއޭޝަން (އެޗްއެފްޕީއޭ) އިން ބުދަ ދުވަހު ބުނީ އަންނަ އަހަރުގެ ޖެނުއަރީގައި ބާއްވާ ގޯލްޑެން ގްލޯބް އެވޯޑްސްގެ އެމްބެސެޑަރެއްގެ ގޮތުގައި އިސާން، 16، މަސައްކަތްކުރާނީ ނަފުސާނީ ބަލިތަކާ ދެކޮޅަށް ހޭލުންތެރިކަން އުފެއްދުމަށް ކަމަށެވެ.

އިސާންގެ މަންމަ ހެނީ ނޮގާޑް (ކިމް) އަކީ ހޮލީވުޑްގެ މަޝްހޫރު މޭކަޕް އާޓިސްޓެއް އަދި ވިޔަފާވެރިއެކެވެ.

އެޗްއެފްޕީއޭ އިން މި އަހަރުގެ އެމްބެސެޑެރަކަށް އިސާން ހަމަޖެއްސި އިރު، ކޮންމެ އަހަރަކު ވެސް ކޮންމެވެސް މައްސަަލައަކަށް ހޭލުންތެރިކަން އުފައްދަން މަޝްހޫރު ފަންނާނެއްގެ ދަރިއަކު ހަމަޖައްސަ އެވެ.

އެގޮތުން ގޯލްޑެން ގްލޯބް އެމްބެސެޑަރުގެ ގޮތުގައި ހާއްސަކުރާ މީހަކު ކުރިން ކަނޑައަޅަނީ މިސްޓަ ނުވަތަ މިސް ގޯލްޑެން ގްލޯބްގެ ނަމުގަ އެވެ. އެކަމަކު ގޯލްޑެން ގްލޯބް އެމްބެސެޑަރަކަށް ނަން ބަދަލުކުރީ މިދިޔަ އަހަރު އެވެ.

އެޗްއެފްޕީއޭ އިން ބުނީ ނަމަށް ބަދަލު ގެނައީ ވަކި ޖިންސަކަށް ނަން ހާއްސަ ނުކުރުމުގެ ބޭނުމުގައި ކަމަށެވެ.

އެމްބެސެޑަރަކަށް ހަމަޖެއްސުމާ ގުޅިގެން އިސާން ބުނީ ގޯލްޑެން ގްލޯބާ އެކު މަސައްކަތްކޮށްލަން ލިބުމަކީ ޝަރަފެއް ކަމަށް ބުނެފަ އެވެ.

"މިއީ ހަމައެކަނި މީހުންގެ މެދުގައި ހޭލުންތެރިކަން އުފައްދަން ލިބުނު ފުރުސަތެއް ނޫން. އެކަމަކު މިއީ އަހަރެން ކަންބޮޑުވާ މައްސަލަތާ ދެކޮޅަށް މަސައްކަތް ކުރަން ނުކުންނަން ހުޅުވުނު ދޮރެއް ވެސް މެ،" އޭނާ ބުންޏެވެ. "މި ފުރުސަތު ފަހިކޮށް ދިނީތީ އެޗްއެފްޕީއޭ އަށް ވަރަށް ބޮޑަށް ޝުކުރު އަދާކުރަން."

އަންނަ އަހަރުގެ ގޯލްޑެން ގްލޯބް އެވޯޑްސް އޮންނާނީ ބެވެލީ ހިލްސްގެ ބެވެލޯ ހިލްޓަންގައި ޖެނުއަރީ މަހުގެ 7 ގަ އެވެ.