ބޮލީވުޑަށްޓަކައި، ތެލެގޫ ފިލްމު ކުޅުން ހުއްޓައެއް ނުލާނަން: އިލިއާނާ ޑި ކްރޫޒް
ބޮލީވުޑަށްޓަކައި، ތެލެގޫ ފިލްމު ކުޅުން ހުއްޓައެއް ނުލާނަން: އިލިއާނާ ޑި ކްރޫޒް

ހަމައެކަނި ބޮލީވުޑްގެ ފިލްމުތައް ކުޅެން ހުސްވެ، ތެލެގޫ ފިލްމު އިންޑަސްޓްރީ ދޫކޮށްނުލާނެ ކަމަށް ބަތަލާ އިލިއާނާ ޑި ކްރޫޒް ބުނެފި އެވެ.

އުމުރުން 32 އަހަރުގެ ބަތަލާ ފިލްމީ ދާއިރާ އަށް ނުކުތީ ވެސް ތެލެގޫ ފިލްމުތަކުންނެވެ. އެއީ އުމުރުން 20 އަހަރުގަ އެވެ. ބޮލީވުޑާއި ސައުތުގައި ވެސް ކާމިޔާބު ކެރިއާއެއް ބިނާކޮށްފައިވާ ބަތަލާ ބޮލީވުޑަށް ތައާރަފުވީ 2013 ގައި ރަންބީރު ކަޕޫރާ އެކު، ފިލްމު "ބަރުފީ" އިންނެވެ. އޭގެ ފަހުން އޭނާ ވަނީ ކާމިޔާބު ހިންދީ ފިލްމުތަކެއް ކުޅެފަ އެވެ.

އޭގެ ތެރޭގައި "ރުސްތުމް"، "ބާދުޝާހޯ"، "ރެއިޑް" އަދި "މުބާރަކަން" ފަދަ ފިލްމުތައް ހިމެނެ އެވެ.

އެމެރިކާގެ ފޮޓޯގްރާފަރަކާ ރައްޓެހިވެގެން އުޅޭ އިލިއާނާ ބުނި ގޮތުގައި އޭނާ އަށް މިއަދު އާދެވިފައި ހުރި ހިސާބަށް ދެވުނީ ތެލުގޫ ފިލްމުތަކުގެ ސަބަބުންނެވެ.

"އަހަރެންގެ މީހަކަށް ހަދައިދިނީ ވެސް އެ އިންޑަސްޓްރީ. އެހެންވީމަ ބޮލީވުޑަށްޓަކައި ތެލެގޫ ފިލްމުތައް ކުޅުން ހުއްޓާލަން ޖެހޭ އެއްވެސް ސަބަބެއް ނެތް،" އޭނާ ބުންޏެވެ.

އިލިއާނާ ބުނި ގޮތުގައި އޭނާ ބަލާނީ ދެ އިންޑަސްޓްރީގައި ވެސް ހަމަހަމަކޮށް މަސައްކަތް ކުރެވޭތޯ އެވެ. އަދި ހިތްހަމަޖެހޭ ކަހަލަ ރޯލްތަކެއް ލިބޭ ކޮންމެ ފިލްމަކަށް އެއްބަސް ވާނެ ކަމަށް ބުންޏެވެ.

"ބޮލީވުޑަށް ނުކުތް ފަހުން ތެލެގޫ ފިލްމުތަކުގައި މަސައްކަތް ކުރެވޭލެއް މަދު. އެކަމަކު ހަމަ ރަނގަޅު ހުށަހެޅުންތަކަށް އިޖާބަ ދޭނަން،" އޭނާ ބުންޏެވެ.

އިލިއާނާ އެންމެ ފަހުގެ ތެލެގޫ ފިލްމަކީ އޭނާ މީގެ ކުރިން ވެސް ތިން ފިލްމެއްގައި އެކުގައި މަސައްކަތް ކުރި ރަވީ ތޭޖާއާ އެކު ކުޅެފައިވާ "އަމަރު އަކުބަރު އެންތަނީ" އެވެ. ހުކުރު ދުވަހު އެ ފިލްމު ވަނީ ސިނަމާތަކުގައި ދައްކަން ފަށައިފަ އެވެ.

ރަންބީރާއި ސައިފް އަލީ ހާނާއި ޝާހިދު ކަޕޫރާއި އަރުޖުން ކަޕޫރާއި އަޖޭ ދޭގްވަން އަދި އަކްޝޭ ކުމާރު ފަދަ އޭ ލިސްޓް ބޮލީވުޑްގެ އެކްޓަރުންނާ އެކު ފިލްމުތައް ކުޅެފައިވާ އިލިއާނާގެ ކުރިއަށް ހުރި ހިންދީ ފިލްމުތަކުގެ ތެރޭގައި ޖޯން އަބްރަހަމްއާ އެކު ކުޅޭ "ސާޅޭ ސާތީ" ފާހަގަކޮށްލެވެ އެވެ.