ޕްރިމިއާ ލީގުގައި ވީއޭއާރް ބޭނުންކުރަން ނިންމައިފި
ޕްރިމިއާ ލީގުގައި ވީއޭއާރް ބޭނުންކުރަން ނިންމައިފި

ލަންޑަން (ނޮވެމްބަރު 16) - އަންނަ ސީޒަނުން ފެށިގެން އިނގިރޭސި ޕްރިމިއާ ލީގުގައި ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް)ގެ ބޭނުން ކުރަން ލީގުގެ ހުރިހާ ކްލަބަކުން އެއްބަސްވެއްޖެ އެވެ.

ޕްރިމިއާ ލީގުގައި ވީއޭއާރް ބޭނުންކުރަން ނިންމައިފި
ޕްރިމިއާ ލީގުގައި ވީއޭއާރް ބޭނުންކުރަން ނިންމައިފި

އިއްޔެ އޮތް ޕްރިމިއާ ލީގުގެ ކްލަބްތަކުގެ ބައްދަލުވުމުގައި އެގޮތަށް ނިންމި ނަމަވެސް އެންމެ ފަހު ގޮތް ނިންމާނީ ފީފާ އާއި ފުޓްބޯލް އެސޯސިއޭޝަން ބޯޑް މެދުގައި މަޝްވަރާކުރުމަށް ފަހު އެވެ.

ވީއޭއާރް އަކީ ވީޑިއޯ ރީޕްލޭ މެދުވެރިކޮށް ރެފްރީ އާއި އެސިސްޓަންޓް ރެފްރީންގެ ނިންމުންތައް ބެލޭ ސިސްޓަމެކެވެ. އެގޮތުން މެޗުގައި ހިނގި ކަމަކާ މެދު ސުވާލެއް އުފެދިއްޖެ ނަމަ ނުވަތަ ސުވާލެއް އުފައްދައިފި ނަމަ ވީޑިއޯ ބަލައިގެން އެ ނިންމުން ނިންމަން ނުވަތަ އަލުން ނިންމަން ފުރުސަތު ލިބޭނެ އެވެ.

މި ފަހަރުގެ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގައި ވެސް ބޭނުންކުރި ވީއޭއާރް، މިހާރު އަންނަނީ ޔޫރަޕްގެ ވަރުގަދަ ލީގުތަކުގައި ވެސް ބޭނުންކުރަމުންނެވެ. އޭގެ ތެރޭގައި ޖަރުމަނާއި އިޓަލީ އަދި ސްޕެއިންގެ އެއް ވަނަ ޑިވިޝަން ހިމެނެ އެވެ. އަދި އަންނަ ސީޒަނުން ފެށިގެން ޗެމްޕިއަންސް ލީގުގައި ވެސް ބޭނުންކުރަން ވަނީ ނިންމައިފަ އެވެ.

އިނގިރޭސި ކްލަބްތަކުން މިދިޔަ އޭޕްރީލް މަހު ބޭއްވި ބައްދަލުވުމުގައި ވޯޓު ދިނީ ވީއޭއާރްއާ ދެކޮޅަށެވެ. އެކަމަކު އޭގެ ފަހުން ޕްރިމިއާ ލީގުގެ މެޗުތަކުގައި ރެފްރީންނަށް ހެދޭ ގޯސްތައް އިތުރުވަމުން ދިއުމާ އެކު މި ފަހަރުގެ ބައްދަލުވުމުގައި ހުރިހާ ކްލަބްތަކުން އިއްތިފާގުވީ ވީއޭއާރް ބޭނުންކުރުމަށެވެ. މިދިޔަ ސީޒަނުގައި އިނގިރޭސި އެފްއޭ ކަޕުގައި ވަނީ ވީއޭއާރްގެ ބޭނުން ހިފައިފަ އެވެ.

އިއްޔެ ބޭއްވި ކްލަބްތަކުގެ ބައްދަލުވުމުގައި ވަނީ ޕްރިމިއާ ލީގުގެ އެގްޒެކްޓިވް ޗެއާމަން ރިޗާޑް ސްކުޑެމޯ ނަވާރަ އަހަރަށް ފަހު މަގާމުން ވަކިވާއިރު، އޭނާ އަށް ވަދާއީ ހަދިޔާއެއްގެ ގޮތުގައި 250،000 ޕައުންޑް ދޭން އެއްބަސްވެފަ އެވެ.

ސްކުޑެމޯ އަށް ވަދާއީ ހަދިޔާއެއް ދޭން ހުށަހެޅުއްވީ އޭނާއާ އެންމެ ގާތް އެއް އެކުވެރިޔާ އަދި ޗެލްސީގެ ޗެއާމަން ބްރޫސް ބަކް އެވެ. އެކަމަކު މި ހުށަހެޅުމާ މެދު ގިނަ ކްލަބްތަކުން ފުރަތަމަ ވަނީ ނުރުހުން ފާޅުކޮށްފަ އެވެ. އެކަމަކު ގިނަ ކްލަބްތަކުގެ ރުހުމާ އެކު ކްލަބްތަކުން ވަނީ އެކަމަށް އެއްބަސްވެފަ އެވެ. އެއާ އެކު ސްކުޑެމޯ މަގާމުން ރިޓަޔަކުރާނީ ފަސް މިިލިއަން ޕައުންޑްގެ ހަދިޔާއަކާ އެކު އެވެ.

"އަހަންނަށް އެނގޭ މިއީ ހުރިހާ ޓީމަކުން ރުހޭނެ ކަމެއް ނޫންކަން. އެކަމަކު މިދިޔަ 19 އަހަރު ދުވަސް ތެރޭ ޕްރިމިއާ ލީގަށް މި ލިބުނު ކުރިއެރުމުގެ މޭސްތިރިޔާ (ސްކުޑެމޯ) އަށް އެވަރުގެ ހަދިޔާއެއް ހައްގުވޭ،" ޗެލްސީގެ ޗެއާމަން ބްރޫސް އޭނާގެ ހުށަހެޅުން ދިފާއުކޮށް ވިދާޅުވި އެވެ.

ސްކުޑެމޯ މަގާމާ ހަވާލުވީ 1999 ވަނަ އަހަރު އެވެ. އޭނާ މި އަހަރަށް ފަހު މަގާމުން ވަކިވާނެކަން އިއުލާންކުރީ މި އަހަރު ޖޫން މަހު ތެރޭގަ އެވެ. ސްކޫޑެމޯ މަގާމުގައި ހުރެގެން ކުރެވުނު އެންމެ ކާމިޔާބު މަސައްކަތަކީ ކްލަބްތަކަށް އާމްދަނީ އިތުރުކުރެވޭނެ ގޮތްތަކެއް ހޯދައިދިނުން ކަމަށް އޭނާ ވަނީ ދާދި ފަހުން ވިދާޅުވެފަ އެވެ. އެ ގޮތުން އޭނާ ހަވާލުވިއިރު އިނގިރޭސި ޕްރިމިއާ ލީގުގެ ޓީވީ ރައިޓްސް ޖުމްލަ އަގަކީ 670 މިލިއަން ޕައުންޑް އެވެ. އޭނާ ވަނީ މިދިޔަ 19 އަހަރު ތެރޭ އެ އަގު 5.14 ބިލިއަން ޕައުންޑަށް ބޮޑުކޮށްފަ އެވެ.

ކްލަބްތަކުން އެންމެ ފުރަތަމަ ސްކޫޑެމޯ އަށް ހަދިޔާދޭން ދެކޮޅު ހެދި ގިނަ ސަބަބުތަކެއް މީޑިއާގައި ވަނީ ރިޕޯޓްކޮށްފަ އެވެ. އޭގެތެރޭގައި މުސާރައިގެ ގޮތުގައި ސްކުޑެމޯ އަށް މިދިޔަ 10 އަހަރު ތެރޭ އަހަރަކު 2.5 މިލިއަން ޕައުންޑް ލިބޭއިރު، އެއީ އޭނާ ކުރާ މަސައްކަތާ ނުބައްދަލު މުސާރައެއް ކަމަށް ކްލަބްތަކުން ގަބޫލުކުރެ އެވެ.

ސްކުޑެމޯ އަށް ވަދާއީ ހަދިޔާ ދޭން ދެކޮޅު ހެދި މަޝްހޫރު ކްލަބްތަކުގެ ތެރޭގައި ލިވަޕޫލާއި ޓޮޓެންހަމް ހޮޓްސްޕާސް އަދި މެންޗެސްޓާ ސިޓީ ހިމެނެ އެވެ.

ޕްރިމިއާ ލީގުގެ ކްލަބްތަކުން ނިންމާފައިވަނީ ސްކުޑެމޯ އަދާކުރަމުން އައި ވަޒީފާ އެކި ރޯލުތަކަށް ބަހާލުމަށެވެ. އެ ގޮތުން އާ ޗީފް އެގްޒެކްޓިވް އަކަށް ހަމަޖެއްސީ ކުރިން ޑިސްކަވަރީ މީޑިއާ އޯގަނައިޒޭޝަންގައި މަސައްކަތްކުރި ސުޒާން ޑިނާޖް އެވެ. އޭނާގެ އިތުރުން އެހެން މަގާމުތަކަށް ވެސް އެކި ފަރާތްތައް ވަރަށް އަވަހަށް ކަނޑައަޅާނެ ކަމަށް ރިޕޯޓްތައް ބުނެ އެވެ.