16 ނޮވެމްބަރ 2018 - 08:37

މެލޭޝިއާގައި ނެޓްފްލިކްސް ބޭނުންކުރާ މީހުންގެ އަދަދު ގިނަކުރުމުގެ ނިޔަތުގައި އެ ގައުމަށް ހާއްސަ އަގުހެޔޮ މޮބައިލް ސަބްސްކްރިޕްޝަން ޕްލޭނެއް ޓެސްޓް ކުރަން ފަށައިފި އެވެ.
ރިޕޯޓްތައް ބުނާ ގޮތުން އަލަށް ތައާރަފުކުރާ އާ ޕްލޭނުގެ މަހު ފީއަށް ނަގާނީ 17 ރިންގިޓް (4.05 ޑޮލަރު) އެވެ. މެލޭޝިއާ އަށް ނެޓްފްލިކްސް އިން ފޯރުކޮށްދޭ ބޭސިކް ޕްލޭނަށް މިހާރު ނަގަނީ މަހަކަށް 33 ރިންގިޓް (7.87 ޑޮލަރު) އެވެ.
އާ ޕްލޭން މެލޭޝިއާގައި ޓެސްޓް ކުރަމުން އަންނަ އިރު، އެހެން ބައެއް ގައުމުތަކުގައި ވެސް އަގުހެޔޮ މޮބައިލް ސަބްސްކްރިޕްޝަން ޕްލޭންތަކެއް ނެޓްފްލިކްސް އިން ތައާރަފު ކުރަން ނިންމާފައިވާ ކަމަށް އެ ކުންފުނިން ރޮއިޓާސް އަށް ބުންޏެވެ. އެކަމަކު މިކަމާ ބެހޭ ތަފުސީލެއް ދޭން، ދުނިޔޭގެ އެންމެ މަގުބޫލު ސްޓްރީމިން ކުންފުނިން އަދި ބޭނުމެއް ނުވެ އެވެ.
މެލޭޝިއަކީ ނެޓްފްލިކްސްގެ ކަސްޓަމަރުން އެންމެ މަދު ގައުމުތަކުގެ ތެރެއިން އެއް ގައުމެވެ. ރިސާޗް ކުންފުނި ސްޓެޓިސްޓާގެ ތަފާސްހިސާބުތައް ދައްކާ ގޮތުން 32 މިލިއަނަށް ވުރެ ބޮޑު އާބާދީއެއް އޮންނަ މެލޭޝިއާގައި ނެޓްފްލިކްސް ބޭނުންކުރާ މީހުންގެ އަދަދު އުޅެނީ އެންމެ 123،000 އެވެ.
ނަވާރަ ސަތޭކަ ނުވަދިހަ ހަތެއްގައި ވުޖޫދަށް އައި ނެޓްފްލިކްސްއަކީ މިހާރު 190 ގައުމަކަށް ލިބެމުން އަންނަ ހިދުމަތެކެވެ. އެ ކުންފުނީގެ ކަސްޓަމަރުންގެ އަދަދު 137 މިލިއަނަށް ވުރެ މައްޗެވެ.