15 ނޮވެމްބަރ 2018 - 14:07

އަންނަ އަހަރަށް ލަފާކޮށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބަޖެޓަށް ކިތަންމެ ބޮޑެތި ބަދަލުތަކެއް ގެންނަން ޖެހުނަސް އެކަމަށް ޕީޕީއެމުން ހުރިހާ އެއްބާރުލުމެއް ދޭނެ ކަމަށް އެ ޕާޓީގެ މެމްބަރުން މިއަދު ވިދާޅުވެއްޖެ އެވެ.
ބަޖެޓް ދިރާސާކުރާ ކޮމެޓީން އިއްޔެ ބޭއްވި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޕާލަމެންޓްރީ ގްރޫޕުގެ ޑެޕިއުޓީ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ ވިލުފުށީ ދާއިރާގެ މެމްބަރު ރިޔާޒު ރަޝީދު ވިދާޅުވީ ޕީޕީއެމުން ބޭނުންވަނީ އާ ސަރުކާރަށް މަގުފަހިވާ ގޮތަށް ބަޖެޓް ފާސްކުރަން ކަމަށެވެ.
"މި ސަރުކާރު ބޭނުންވާ ގޮތަށް މި ބަޖެޓް މަޖިލީހުން ފާސްކުރަން އަޅުގަނޑުމެން ތާއީދުކުރަނީ. އެކަން ކުރާ އިރު ޕީޕީއެމަށް ނިސްބަތްވާ މެމްބަރުން އެ ދައްކަވާ ވާހަކަފުޅަކީ އެ ބޭފުޅުންގެ ދާއިރާތަކުގައި ހިނގަމުންދާ މަޝްރޫއުތައް އެބަހުއްޓޭ ބަޖެޓްގައި ހިމެނިފައި ނުވާ،" ރިޔާޒް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެ ވާހަކަ ދައްކަވަނީ އާ ސަރުކާރުގެ ސަމާލުކަމަށް އެކަން ގެނައުމަށްޓަކައި ކަމަށެވެ. އަދި ވިދާޅުވީ އެއީ ހެޔޮ ނިޔަތުގައި ދައްކަމުން ގެންދާ ވާހަކަތަކެއް ކަމަށެވެ.
ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު ނިހާނު ހުސައިން މަނިކު ވިދާޅުވީ ބަޖެޓް ދިރާސާކުރުމަށް ހޯދަން ޖެހޭ ހުރިހާ މައުލޫމާތެއް ހޯދަން ޕީޕީއެމުން އެއްބާރުލުން ދޭނެ ކަަމަށެވެ.
ގައްދޫ ދާއިރާގެ މެމްބަރު އަހުމަދު ރަޝީދު ވިދާޅުވީ އާ ސަރުކާރު އައުމަށް ފަހު އަލުން މުޅި ބަޖެޓް އެކުލަވާލައިގެން ފާސްކުރަން ވެސް އެއްބާރުލުން ދޭނެ ކަމަށެވެ. އޭނާ ވިދާޅުވީ އެ ކަމަށް ކިތަންމެ ވަގުތެއް ހޭދަވިޔަސް މައްސަލައެއް ނެތް ކަމަށެވެ.
އޭނާ މިހެން ވިދާޅުވިޔަސް ބަޖެޓް ފާސްކުރަން ގާނޫނުގައި ވަކި މުއްދަތެއް ބަޔާންކޮށްފައިވެ އެވެ. އެގޮތުން މި މަސް ނިމުމުގެ ކުރިން ބަޖެޓް ފާސްކުރަން ޖެހެ އެވެ.
"އެހެންވީމާ ހިނގާށޭ މި ސަރުކާރު ހުވާކުރީމާ މި ބަޖެޓް އަލުންބަލުން އެއްކޮށް އެކުލަވާލައިގެން ފާސްކުރަމާ،" ރަޝީދު ވިދާޅުވި އެވެ.
ބަޖެޓް ކޮމިޓީގެ ބައްދަލުވުމެއް މިއަދު މެންދުރު ފަހަށް ވެސް ވަނީ ތާވަލުކޮށްފަ އެވެ. އެ ބައްދަލުވުމުގައި ކުރަން ނިންމާފައިވާ އެއް ކަމަކީ ދައުލަތުގެ ކުންފުނިތަކުން އެކަށީގެންވާ މިންވަރެއްގެ ޑިވިޑެންޑެއް ދައްކާފައި ނުވާތީ އެކަން ބެލުމަށް ޕަބްލިކް އެންޓަޕްރައިޒްގެ ކޮމިޝަނުގެ ވެރިން ހާޒިރުކޮށް ސުވާލުކުރުމެވެ.