ބައިނަލްއަގުވާމީ ބޭންކިން ކޮންފަރެންސް ރާއްޖޭގައި ފަށައިފި
ބައިނަލްއަގުވާމީ ބޭންކިން ކޮންފަރެންސް ރާއްޖޭގައި ފަށައިފި

ރާއްޖޭގެ ބާއްވާ އެންމެ ފުރަތަމަ ބައިނަލްއަގުވާމީ ބޭންކިން ކޮންފަރެންސް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން މިއަދު ފަށައިފި އެވެ.

ކުރުނބާ މޯލްޑިވްސް ރިސޯޓްގައި ފެށި ކޮންފަރެންސަކީ 35 ވަނަ އޭޝިއަން ބޭންކިން އެސޯސިއޭޝަން (އޭބީއޭ) ގެ އަހަރީ ކޮންފަރެންސް އެވެ.

ދެ ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ ކޮންފަރެންސްގައި ބީއެމްއެލްގެ ޗީފް އެގްޒެކެޓިވް އޮފިސަ އެންޑްރޫ ހީލީ ވިދާޅުވީ ރާއްޖޭގައި އޭބީއޭގެ 35 ވަނަ ކޮންފަރެންސް ބޭއްވުމަށް ފުރުސަތު ލިބުމުން ވަރަށް ފަހުރުވެރިވާ ކަމަށެވެ.

ބީއެމްއެލްގެ ޑެޕިއުޓީ ޗީފް އެގްޒެކެޓިވް އޮފިސާ މުހައްމަދު ޝަރީފް މި ކޮންފަރެންސްގައި ވިދާޅުވީ ނިމިގެން ދިޔަ އަހަަރަކީ ރާއްޖޭގެ ތަރައްގީ އާއި އިންފްރާސްޓްރަކްޗާ އަށް ބޮޑެތި ކުރިިއެރުންތަކެއް ލިބުނު އަހަރެއް ކަމަށެވެ. އޭގެ އިތުރުން، ރާއްޖޭގައި ބޭންކިން ހިދުމަތްތައް ވެސް ވަރަށް ބާރަށް ކުރިއަރާފައިވާ ކަމަށް ޝަރީފް ވިދާޅުވި އެވެ. އެގޮތުން ޑިޖިޓަލް ޒަމާނާ އެއްގޮތައް އޮންލައިން ހިދުމަތްތައް ތައާރަފް ކުރުމާއެކު، ޑިޖިޓަލް ހިދުމަތް 250 ޕަސެންޓް އިތުރުވެފައިވާކަން ޝަރީފް ފާހަގަކުރެއްވި އެވެ.

މި ކޮންފެރެންސްގައި އޭޝިއާގެ ބޮޑެތި މާލީ އިދާރާތަކުގެ ސީއީއޯއިންނާއި އިސްވެރިން ހިމެނޭ ގޮތަށް 25 ގައުމެއްގެ، 100 އަށް ވުރެ ގިނަ ބައިވެރިން ހިމެނެ އެވެ.

މާދަމާ މި ކޮންފަރެންސްގައި ޕްރޮފެސާ ހަސަން އުގައިލްގެ މުހިންމު މައުލޫމާތު ސެޝަނެއް އޮންނާނެ އެވެ.

އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކާއި ކޯޕަރޭޓްތަކަށް ރާއްޖޭގައި އެންމެ ފުޅާކޮށް މާލީ ހިދުމަތް ފޯރުކޮށްދޭ ބީއެމްއެލްއަކީ ރާއްޖޭގެ އެންމެ ބޮޑު ބޭންކެވެ. ރާއްޖޭގައި ފުރަތަމަ ފަހަރަށް ޑިޖިޓަލް ބޭންކިން ހިދުމަތް ދޭން ފެށީ ވެސް ޓެކްނޮލްޖީ އަށް މުހިންމު އިސްކަމެއް ދޭ ބީއެމްއެލް އިންނެވެ.