ސީއެޗްއެސްސީގެ 10 ދަރިވަރުންނަށް އިމްތިހާނުގައި ބައިވެރިވެވޭނެކަން ޔަގީން: އެޑިއުކޭޝަން
ސީއެޗްއެސްސީގެ 10 ދަރިވަރުންނަށް އިމްތިހާނުގައި ބައިވެރިވެވޭނެކަން ޔަގީން: އެޑިއުކޭޝަން

އޭލެވެލް ހަދާ ހުރިހާ ދަރިވަރުންގެ އިމްތިހާނު ފީ ދައްކާފައިވާ ކަމަށާއި ސީއެޗްއެސްސީގެ އާޓްސް ސްޓްރީމްގައި ތައުލީމް ހާސިލު ކުރަމުން އަންނަ 10 ދަރިވަރުންނަށް ވެސް އިމްތިހާނުގައި ބައިވެރިވެވޭނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން މިއަދު ބުނެފި އެވެ.

އޭލެވެލް ހަދާ ހުރިހާ ދަރިވަރުންނަށް ވެސް އިމްތިހާނުގައި ބައިވެރިވެވޭނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން މި ބުނީ އިމްތިހާނު ފީ ދެއްކުމުގައި މައްސަލަތަކެއް އުޅޭތީ، ސީއެޗްއެސްސީގެ އާޓްސް ސްޓްރީމްގެ 10 ދަރިވަރުންނަށް އިމްތިހާނުގައި ބައިވެރިވެވޭނެ ކަމާމެދު ޝައްކު އުފެދިފައި ވަނިކޮށެވެ.

އެކަމަކު އެޑިއުކޭޝަން މިނިސްޓްރީން ކުރި ޓުވީޓެއްގައި ބުނެފައި ވަނީ އޭލެވެލް އިމްތިހާނުގައި ބައިވެރިވާ ހުރިހާ ދަރިވަރުންގެ ފީ ވެސް މިހާރު ދައްކާފައިވާ ކަމަށެވެ. އަދި އާޓްސް ސްޓްރީމް ކިޔަވަމުންދާ 10 ދަރިވަރުންނަށް އިމްތިހާނުގައި ބައިވެރިވެވޭނެ ކަމާ މެދު ޝައްކެއް ނެތް ކަމަށް ވެސް ބުނެފައިވެ އެވެ.

"ޖިއޮގްރަފީ އަދި ލިޓަރޭޗާ [އާޓްސް ސްޓްރީމް] ކިޔަވާ ދަރިވަރުންނަށް ވެސް ޖެނުއަރީ، 2019، ގެ އިމްތިހާނުގައި ބައިވެރިވެވޭނެ،" އެޑިއުކޭޝަނުން ބުނެފައިވެ އެވެ.

ނަމަވެސް އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ)ގެ ޓްރާންސިޝަނަލް ކޮމެޓީގައި ހިމެނިވަޑައިގަންނަވާ އިބްރާހިމް އިސްމާއީލް (އިބްރާ) އެޑިއުކޭޝަނަށް ރައްދު ދެއްވަމުން ވިދާޅުވީ ޓްރާންސިޝަން ކޮމެޓީއާ ބައްދަލުކޮށް އޭލެވެލް އަދި އޯލެވެލް އިމްތިހާނަށް ފީ ދައްކާނެ ފައިސާ ނެތް ކަމަށް ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒެމިނޭޝަން (ޑީޕީއީ) އިން މައުލޫމާތު ދީފައިވާ ކަމަށެވެ.

"މިއީ [ފައިސާ ދައްކާ ނިމިފައިވާ ކަމަށް ބުނާ ވާހަކައަކީ] ޓްރާންސިޝަނަލް ކޮމެޓީއާ ބައްދަލުކޮށް ޑީޕީއީ އިން ދީފައިވާ މައުލޫމާތެއް ނޫން. ވަރަށް ސާފުކޮށް ޑީޕީއީ އިން ބުނެފައި ވަނީ އޭލެވެލް އަދި އޯލެވެލް ފީ ދައްކާނެ ފައިސާ ނެތް ކަމަށް،" އިބްރާ ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވެ އެވެ.

އެ މައްސަލައިގައި ވާހަކަ ދައްކަމުން، އާޓްސް ސްޓްރީމް ކިޔަވާ ބައެއް ދަރިވަރުން އިއްޔެ ބުނެފައި ވަނީ އެ ކުދިންނަށް އިމްތިހާނުގައި ބައިވެރިނުވެވޭނެ ކަމަށް ސްކޫލުން އަންގާފައިވާ ކަަމަށެވެ.

ޑީޕީއީ އިން އެ މައްސަލައިގައި ބުނެފައި ވަނީ ހުރިހާ ކުދިންނަށް ވެސް އިމްތިހާނުގައި ބައިވެރިވެވޭނެ ކަމަށެވެ. ނަމަވެސް އެޑެކްސެލް ޔުނިވާސިޓީ އަށް ދައްކަންޖެހޭ ފައިސާ ބޭންކް އޮފް ލަންޑަނުން ކްލިއާ ކުރުމުގައި މައްސަލަތަކެއް އުޅޭ ކަމަށް އެތަނުން ބުނެފައިވެ އެވެ.