ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް

ބޮލީވުޑަށް ނުކުންނަން ތައްޔާރުވަމުން އަންނަ އެކްޓަރުންގެ ތެރޭގައި ސުނިލް ޝެޓީގެ ފިރިހެން ދަރިފުޅު އަހާން ޝެޓީއަކީ އެންމެ ފާހަގަކޮށްލެވޭ އެއް ނަމެވެ.

އުމުރުން މިހާރު 22 އަހަރުގެ އަހާން ބޮލީވުޑަށް ނެރެނީ ޕްރޮޑިއުސަރު ސާޖިދު ނަދިއަދްވާލާ އެވެ. އެކަން ރަސްމީކޮށް އިއުލާންކޮށްފައިވާ އިރު، އަހާންގެ ފުރަތަމަ ފިލްމަކީ މި އަހަރު ރިލީޒް ކުރި ތެލެގޫ ފިލްމު "އާރްއެކްސް 100" ގެ ހިންދީ ރިމެކިން އެވެ.

މި ފިލްމަކީ ވަރަށް ވަރުގަދަ އެކްޝަންތަކެއް ވެސް ހިމެނޭ ފިލްމެކެވެ. އެހެންވެ އަހާންގެ ފުރަތަމަ ފިލްމަކީ އޭނާގެ ބައްޕަ ސުނިލް ފަދަ އިން ބޮލީވުޑްގައި ވަރުގަދަ އެކްޝަން ހީރޯއެއްގެ ގޮތުގައި ފާހަގަ ކުރެވިގެން ދޮޔަ ގޮތަށް އެކްޝަނަށް މޮޅު އެކްޓަރަކަށް ވާނެ ކަމަށް ގިނަ ބަޔަކު އުންމީދު ވެސް ކުރާނެ އެވެ. އަދި އެކަން "އާރްއެކްސް 100" ގެ ހިންދީ ރިމެކިން އިން އަހާން ސާބިތު ވެސް ކޮށް ދޭން ޖެހޭނެ އެވެ.

ފުރަތަމަ ފިލްމާ އެކު އަހާން އޮތް ހިތްހަމަޖެހުމަކީ ބޮލީވުޑްގެ ތަޖުރިބާކާރު އަދި މަޝްހޫރު ޑައިރެކްޓަރަކާ އެކު މަސައްކަތްކޮށްލަން ލިބުމެވެ.

"އާރްއެކްސް 100" ގެ ހިންދީ ރިމެކިން ސްކްރީނަށް ގެންނަން ހަވާލުކޮށްފައި ވަނީ "ޑާޓީ ޕިކްޗާ" އާއި "ވަންސް އަޕޮން އަ ޓައިމް އިން މުމްބާއީ" ފަދަ ކާމިޔާބު ފިލްމުތައް ޑައިރެކްޓްކޮށްފައިިވާ މިލަން ލުތުރިއާއާ އެވެ. އޭނާ އެންމެ ފަހުން ބެލުންތެރިންނަށް ގެނެސް ދިނީ 2016 ގައި ރިލީޒް ކުރި "ބާދުޝާހޯ" އެވެ.

އަހާންގެ ފިލްމާ ބެހޭ މާ ބޮޑު ތަފުސީލެއް އަދިއެއް ހާމައެއް ނުކުރެ އެވެ. އެގޮތުން ފިލްމުގެ ނަމާއި ބަތަލާއަކީ ކޮބައި ކަމެއް ނޭނގެ އެވެ. އެކަމަކު މި ފިލްމަކީ އަންނަ އަހަރު ސިނަމާތަކަށް އަންނާނެ ފިލްމެއްކަން ޔަގީނެވެ.

ކަބައްޑީ އަށް ބިނާކޮށް ހަދާ ކަންގަނާ ރަނާވަތުގެ ފިލްމު "ޕަންގާ" ގެ ޝޫޓިން ފަށައިފި އެވެ.

މި ފިލްމަކީ މިދިޔަ އަހަރު "ބެރިލީ ކީ ބަރުފީ" ގެނެސް ދިން އަންހެން ޑައިރެކްޓަރު އަޝްވިނީ އައްޔަރު ތިވާރީ ޑައިރެކްޓް ކުރާ ފިލްމެކެވެ.

"ޕަންގާ" ކުޅެން ކަންގަނާ އަންނަނީ ބަރުދަން ވެސް އިތުރު ކުރަމުންނެވެ. އާއިލީ ގުޅުންތަކެއް ވެސް ވަރަށް އަސަރު ގަދަކޮށް ކިޔައި ދޭނެ "ޕަންގާ" ގެ ކާސްޓުންގެ ތެރޭގައި ޖެއްސީ ގިލް، ނީނާ ގުޕްތާ، ރިޗާ ޗައްޑާ އަދި ޕަންކަޖް ތުރިޕަތީ ހިމެނެ އެވެ.

މި ފިލްމު އަންނަ އަހަރު ސިނަމާތަކަށް ގެންނަން ނިންމާފައި އޮތަސް އަދި ވަކި ތާރީހެއް އިއުލާނެއް ނުކުރެ އެވެ.

ކަންގަނާ ދެންމެ އެންމެ އަވަހަށް ފެނިގެން ދާނެ ފިލްމަކީ ޖެނުއަރީ 24 ގައި ރިލީޒް ކުރާ "މަނިކަރުނިކާ: ދި ކްއީން އޮފް ޖާންސީ" އެވެ. އަންނަ އަހަރު ސިނަމާ އަށް އަންނަ އޭނާގެ ފިލްމުތަކުގެ ތެރެއިން "މެންޓަލް ހޭ ކިޔާ" އަކީ ވެސް ވަރަށް ފާހަގަކޮށްލެވޭ ފިލްމެކެވެ.

އިމްރާން ހާޝިމީ ވިއްކާ ކުޑަކުދިންގެ އުފެއްދުންތަކެއް ބޭނުންކޮށްގެން ޕާކިސްތާންގެ އެތައް ކުޑަކުދިންނެއް މަރުވެ، އޭނާ ގާނޫނީ ގޮޅިއަކަށް ފެތޭ އަސަރު ގަދަ ވާހަކައެއް ކިޔައިދޭ ފިލްމު "ޓައިގާސް" ގެ ޓްރެއިލާ ދައްކާލައިފި އެވެ.

މި ފިލްމަކީ މި މަހުގެ 21 ގައި ޒީ ނެޓްވޯކްގެ ޑިޖިޓަލް ޕްލެޓްފޯމް ޒީ5 އިން ސްޓްރީމް ކުރަން ހަމަޖެހިފައިވާ ފިލްމެކެވެ.

ދެހާސް ސާދައިގައި ވަރަށް ގިނަ ފެސްޓިވަލްތަކެއްގައި ޕްރިމިއާ ކުރި "ޓައިގާ" އަކީ 2001 ގައި ފިލްމު "ނޯ މޭންސް ލޭންޑް" އިން އެންމެ މޮޅު ފޮރިން ލެންގްއޭޖް ފިލްމުގެ އޮސްކާ ހޯދި ބޮސްނިއާގެ ޑައިރެކްޓަރު ޑެނިސް ޓެނޯވިކް ހަގީގީ ހާދިސާއެއްގެ މައްޗަށް ބިނާކޮށް ހަދާފައިވާ ފިލްމެކެވެ.

މީގެ ކާސްޓުންގެ ތެރޭގައި އާދިލް ހުސައިން، ސުޕްރިޔާ ޕަތަކު، ގީތަންޖަލީ ތާޕާ އަދި ހާލިދު އަބްދުﷲ ހިމެނެ އެވެ.

މި އަހަރުގެ އެންމެ ކާމިޔާބު އެއް ފިލްމު ކަމަށްވާ "ސަތިޔަމޭވް ޖަޔަތޭ" ގެނެސް ދިން މިލަޕް މިލަން ޒަވޭރީގެ އާ ފިލްމު "މަރުޖާވާ" އަށް ރަކުލް ޕްރީތު ވެސް ސޮއިކޮށްފި އެވެ.

މި ފިލްމުގެ ޕްރޮޑަކްޝަން ހައުސް ޓީ ސީރީޒުން ކުރި ޓްވީޓެއްގައި ވެސް ވަނީ ރަކުލް ފިލްމާ ގުޅުނުކަން ކަށަވަރު ވެސް ކޮށް ދީފަ އެވެ.

"މަރުޖާވާ" އަށް ކުރިން ސޮއިކޮށްފައިވާ ތަރިންގެ ތެރޭގައި ސިދާތު މަލްއުތުރާ އާއި ރިތޭޝް ދޭޝްކުމްގެ އިތުރުން އަނަނަ އަހަރު ރިލީޒް ކުރާ ފިލްމު "ސްޓޫޑަންޓް އޮފް ދި އިޔާ 2" އިން ތައާރަފުވާ ބަތަލާ ތާރާ ސުތާރިއާ އެވެ. "މަރްޖާވާ" ވެގެން ދާނީ ސިދާތުއާ އެކު ރަކުލް ކުޅޭ ދެވަނަ ފިލްމަށެވެ. ދެ ތަރިން ކުރިން ވަނީ މި އަހަރު ރިލީޒް ކުރި "އައްޔާރީ" ގައި މަސައްކަތްކޮށްފަ އެވެ.

އިންޑިއާގެ ސައުތު ފިލްމު އިންޑަސްޓްރީގައި ވެސް މަސައްކަތް ކުރާ ރަކުލްގެ ކުރިއަށް ހުރި ހިންދީ ފިލްމުތަކުގެ ތެރޭގައި އަޖޭ ދޭވްގަން އާއި ތައްބޫއާ އެކު ކުޅެފައިވާ "ދޭ ދޭ ޕިޔާރު ދޭ" ހިމެނެ އެވެ. އެ ފިލްމު ރިލީޒް ކުރާނީ އަންނަ އަހަރުގެ އެޕްރީލް މަހުގެ 26 ގަ އެވެ.