ދީޕިކާ ޕަދުކޯނާއި ރަންވީރު ސިންގް ކައިވެނިކޮށްފި
ދީޕިކާ ޕަދުކޯނާއި ރަންވީރު ސިންގް ކައިވެނިކޮށްފި

ބޮލީވުޑްގެ މަޝްހޫރު ދެ ތަރިން ކަމަށްވާ ދީޕިކާ ޕަދުކޯނާއި ރަންވީރު ސިންގް ކައިވެނިކޮށްފި އެވެ.

ދެ ތަރިން ކައިވެނި ކުރީ ދެ ފަރާތުގެ އާއިލާގެ މީހުންނާއި ދައުވަތު ދިން ވަަރަށް މަދު އަދަދެއްގެ މެހުމާނުންތަކަކާ އެކު، އިޓަލީގެ ލޭކް ކޯމޯގައި ބޭއްވި ހަފުލާއެއްގަ އެވެ.

ބޮލީވުޑުން ކައިވެނީގެ ހަފުލާގައި ބައިވެރިވި މީހުންގެ ތެރޭގައި ދީޕިކާ ބޮލީވުޑަށް ތައާރަފު ކުރި ޑައިރެކްޓަރު ފަރާ ހާނާއި ރަންވީރުގެ ކުރިއަށް އޮތް ފިލްމު "ސިމްބާ" ގެ ޕްރޮޑިއުސަރު ކަރަން ޖޯހަރު ހިމެނެ އެވެ. ބޮލީވުޑްގެ ވަރަށް ގިނަ ފަންނާނުން އަންނަނީ ދީޕިކާ އާއި ރަންވީރަށް މަރުހަބާ ކިޔައި ތަހުނިޔާ ވެސް ފޮނުވަމުންނެވެ.

ދެ ތަރިންގެ ކައިވެނީގެ ރަސްމީ ހަރަކާތްތައް އިއްޔެ ފަށާފައިވާ އިރު، މިއަދު ވެސް ކައިވެނީގެ މުހިއްމު ކަންތައްތަކެއް ކުރިއަށް ދާނެ އެވެ.

ކައިވެނީގެ ހަފުލާގެ އެއްވެސް ފޮޓޯއެއް ރަސްމީކޮށް އަދި ހިއްސާކޮށްފައެއް ނުވެ އެވެ. މި ހަފުލާ އަށް މޮބައިލް ފޯނު ވެސް ވެއްދުން އޮތީ މަނާކޮށްފަ އެވެ.

ނަމަވެސް ކައިވެނީގެ ހަފުލާގެ ތައްޔާރީތަކާއި އިއްޔެގެ ހަފުލާގެ ތެރެއިން ހިނގާފައިވާ ބައެއް ކަންތައްތަކުގެ ފޮޓޯތަކާއި ވީޑިއޯކޮޅުތައް މީޑިއާގައި ދައުރުވެފައިވެ އެވެ. އެ އެއްޗެހިން ފެންނަ ގޮތުގައި ދީޕިކާ އާއި ރަންވީރު އިއްޔެގެ ރަސްމިއްޔާތުގައި ބޭނުން ކުރީ އިންޑިއާގެ މަޝްހޫރު ފެޝަން ޑިޒައިނަރު ސަބިއަސާޗީ މުކަރްޖީ ފަރުމާކޮށްފައިވާ ކައިވެނީގެ ހެދުންތަކެވެ.

ބޮލީވުޑްގައި މިހާރު ތިބި ކާމިޔާބު ޒުވާން ތަރިންގެ ތެރޭގައި ހިމެނޭ ރަންވީެރު، 33، އާއި ދީޕިކާ، 32، ކައިވެނިކޮށްފައި މި ވަނީ ރައްޓެހިވެގެން އުޅޭތާ ހައެއްކަ އަހަރު ފަހުންނެވެ. ދެ މީހުންގެ މެދުގައި ލޯބީގެ ގުޅުން އުފެދުނީ އެކުގައި ކުޅުނު ފުރަތަމަ ފިލްމު ސަންޖޭ ލީލާ ބަންސާލީގެ 2013 ގެ ފިލްމު "ރާމް-ލީލާ" ގެ ސެޓުންނެވެ.

އޭގެ ފަހުން ރަންވީރާއި ދީޕިކާ އެކުގައި މިހާތަނަށް ހަތަރު ފިލްމެއްގައި މަސައްކަތްކޮށްފައިވާ އިރު، ކައިވެނި ކުރާކަން ރަސްމީކޮށް އިއުލާން ކުރީ މިދިޔަ މަހުގެ 21 ވަނަ ދުވަހު އެވެ.

އިޓަލީގެ ކައިވެނީގެ ހަފުލާތަކަށް ފަހު، ދީޕިކާ އާއި ރަންވީރު އިންޑިއާގައި ބާއްވާ ރިސެޕްޝަން މި މަހުގެ 28 ވަނަ ދުވަހު މުމްބާއީގެ ދަ ގްރޭންޑް ހަޔަޓް ހޮޓެލްގައި އޮންނާނެ އެވެ.