15 ނޮވެމްބަރ 2018 - 07:33

ޗައިނާގެ ކާރުބާރު ބޮޑު މަގެއްގައި، ކުއްތާއެއް އޭގެ ސާހިބު މީހާ މަރުވި ތަނުގައި 80 ދުވަސް ވަންދެން އޮވެއްޖެ އެވެ.
ޗައިނާގެ ސޯޝަލް މީޑިއާގައި މި ކުއްތާގެ ވީޑިއޯތައް ވަރަށް ބޮޑަށް ވަނީ ވައިރަލް ވެފަ އެވެ. މީހުން ބުނެފައިވާ ގޮތުގައި އެ ކުއްތާގެ ސާހިބު މީހާ އޯގަސްޓް މަހުގެ 21 ވަނަ ދުވަހު މަރުވި ފަހުން ހަމަ ކޮންމެ ދުވަހަކު ވެސް މަގުމަތިން ހަމަ އެއް ތަނަކުން ފެނެ އެވެ. އެއީ މަގުމަތީގައި ސާހިބު މީހާ މަރުވި ތަނެވެ.
ޓެކްސީ ޑްރައިވަރަކު ބުނެފައިވާ ގޮތުގައި އެ ކުއްތާ އަށް މީހުން އެހީވާން އުޅުނަސް ދުވެ ފިލަނީ އެވެ. އެހެންވެ ބައެއް މީހުން އެއަށް ކާއެއްޗެހި ދިއްކޮށްލުމުން އެތަނުގައި އޮވެގެން ކާލާ ކަމަށް އެ މީހުން ބުނެފައިވެ އެވެ.
މި ވަފާތެރި ކުއްތާގެ ސާހިބު މީހާ މަރުވީ މަގުމަތީގެ އެކްސިޑެންޓެއްގަ އެވެ. އެ މީހާ ދަންނަ ބައެއް މީހުން ބުނެފައިވާ ގޮތުގައި އެ މީހާއާ ކުއްތާއާ ދެމެދު އޮންނަނީ ވަރަށް ބަދަހި ގުޅުމެކެވެ.
"ހަމަ ކޮންމެ ދުވަހަކު ވެސް ކުއްތާ އެތަނުގައި އޮވޭ. އިންސާނުންނާ ކުއްތާއާ އޮންނަ ކަމަށް ބުނާ ގާތް ގުޅުމަކީ ހަމަ ހަގީގަތެއް،" މީހަކު ބުނެފައިވެ އެވެ.
ކުއްތާގެ ވަފާތެރިކަމަށް ތައުރީފުކޮށް އެއްބަޔަކު ވާހަކަ ދެއްކި އިރު އަނެއް ބަޔަކު ބުނަމުން ދަނީ އެގޮތަށް ކުއްތާއެއް މަގުމަތީ އޮތުމަކީ އެއަށް ރައްކާތެރި ކަމެއް ނޫން ކަމަށާއި ޖަނަވާރުންނަށް އަޅާލަންޖެހޭނެ ކަމަށެވެ.
ޗައިނާގައި މީގެ ކުރިން ވެސް ވަނީ މިފަދަ ވަފާތެރި ކުއްތާއެއް އާންމުންގެ ސަމާލުކަމަށް އައިސްފަ އެވެ.
ޖަޕާނުގައި މީހަކު ރެއިލްވޭ ސްޓޭޝަނެއްގައި ކޮންމެ ދުވަހަކު ދިމާވެ ކާންދިން ކުއްތާއެއް، އެ މީހާ މަރުވިތާ ނުވަ އަހަރު ވީ އިރު ވެސް ކޮންމެ ދުވަހަކު އެ ސްޓޭޝަނަށް ގޮސް އޮންނަ ވާހަކަ ވެސް އެއީ ކުއްތާގެ ވަފާތެރިކަން ބުނެދޭން ދައްކާ މިސާލެކެވެ.