15 އޯގަސްޓް 2016 - 12:08

ރިއޯ ޑި ޖެނީރޯ (އޮގަސްޓް 15) - އޮލިމްޕިކްސް ޓެނިސް އިވެންޓުގެ ފިރިހެން ބައިގެ ރަން މެޑަލް ދިފާއުކުރި ފުރަތަމަ ކުޅުންތެރިޔާގެ ޝަރަފް ހޯދައި ސްކޮޓްލެންޑަށް އުފަން އެންޑީ މަރޭ އިނގިރޭސިން ފަހުރުވެރިކޮށްދީފި އެވެ.

މަރޭ ދެ ވަނަ ފަހަރަށް ރަން މެޑަލް ހޯދީ ފައިނަލުގައި އާޖެންޓީނާގެ ހުއާން މާޓިން ޑެލް ޕޮޓުރޯ ބަލިކުރުމަށް ފަހު އެވެ. ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މި މެޗުގެ ސެޓުތައް ދިޔައީ 7-5 4-6 6-2 7-5 އިންނެވެ. މަރޭ ބުނީ މިއީ އޭނާގެ ޓެނިސް ކެރިއަރުގައި ކުޅުނު އެންމެ އުނދަގޫ މެޗު ކަމަށެވެ.
"މިއީ ހުރިހާ ގޮތަކުން ބެލިޔަސް އަހަރެން ކެރިއަރުގައި ކުޅުނު އެންމެ އުނދަގޫ މެޗު. ޑެލް ޕޮޓުރޯ އަކީ ތަފާތު ކުޅުންތެރިއެއް. މިއީ އަހަރެންގެ އިތުރުން އިނގިރޭސިވިލާތަށް ހޯދައިދިން ކާމިޔާބެއް،" މަރޭ ބުންޏެވެ.
އޭނާ ބުނީ 2020 ވަނަ އަހަރު ޓޯކިޔޯގައި އޮންނަ އޮލިމްޕިކްސްގައި ވާދަކުރުމަކީ މިހާރު އެންމެ ބޮޑު އެއް އަމާޒު ކަމަށެވެ.
"ހަތަރު އަހަރު ތެރޭގައި ވަރަށް ގިނަ ކަންތައް ބަދަލުވާނެ. ޓޯކިޔޯ އޮލިމްޕިކްސް އަންނައިރު އަހަރެންނަށް 33 އަހަރު ފުރޭނެ. އޭރު އަހަރެންގެ ފިޓްނަސް ހުންނަ ވަރަކުން އެނގޭނީ. އުއްމީދަކީ އެ މުބާރާތުގައި ވެސް ވާދަކުރުން." މަރޭ ބުންޏެވެ.
މަރޭ ވަނީ އޮލިމްޕިކް ރަން މެޑަލް ދެ ފަހަރު ކާމިޔާބު ކުރުމުގެ އިތުރުން މި އަހަރާއި 2013 ވަނަ އަހަރުގެ ވިމްބަލްޑަން ޓެނިސް މުބާރާތާއި 2012 ވަނަ އަހަރުގެ ޔޫއެސް އޯޕަން ވެސް ކާމިޔާބު ކޮށްފަ އެވެ.
ފާއިތުވި ދެ އަހަރު އަނިޔާގެ ސަބަބުން ޑެލް ޕޮޓްރޯ ފެނިފައިވަނީ އެންމެ ހަ މުބާރާތުންނެވެ. އަތުގެ ކުޑަހުޅަށް ލިބިފައިވާ އަނިޔާގެ ސަބަބުން ޑެލް ޕޮޓްރޯ ވަނީ މިިދިޔަ ފެބްރުއަރީ މަހު ރިޓަޔަކުރަން ވެސް ނިންމައިފަ އެވެ. ނަމަވެސް އޭނާ އެ ނިންމުން ބަދަލުކުރީ މި ފަހަރު އޮލިމްޕިކްސްގައި ވާދަކުރުމަށެވެ.
އޮލިމްޕިކްސް ފައިނަލުން އުމުރުން 27 އަހަރުގެ ޑެލް ޕޮޓްރޯ ޖާގަ ހޯދީ ފުރަތަމަ ބުރުގައި ދުނިޔޭގެ އެއް ވަނަ ކުޅުންތެރިއާ ނޮވަކް ޖޮކޮވިޗް ބަލިކުރުމުގެ އިތުރުން ސެމީ ފައިނަލުގައި 2008 ވަނަ އަހަރު ބެއިޖިން އޮލިމްޕިކްސްގައި ރަން މެޑަލް ހޯދި ސްޕެއިނުގެ ރަފައެލް ނަޑާލް ކަޓުވާލުމަށް ފަހު އެވެ.
"ކުރެވުނު މަސައްކަތާއި ކުރި ހިތްވަރަށް ބަލާއިރު ރިހި މެޑަލަކީ ވެސް އަހަންނަށް ރަން މެޑެއްޔެއް. މި ކާމިޔާބީ މުޅި އުމުރަށް އަހަރެން ހަނދާން ކުރާނަން،" 2009 ވަނަ އަހަރުގެ ޔޫއެސް އޯޕަން ކާމިޔާބުކުރި ޑެލް ޕޮޓްރޯ ބުންޏެވެ.
މި އިވެންޓުން ލޯ މެޑަލް ހޯދީ ނަޑާލް ބަލިކުރުމަށް ފަހު ޖަޕާނުގެ ކެއި ނިޝިކޯރީ އެވެ.