ޖަރުމަނު އޮތީ އުނދަގޫ ފައްތަރެއްގައި: ލޯ
ޖަރުމަނު އޮތީ އުނދަގޫ ފައްތަރެއްގައި: ލޯ

މިއުނިކް (ނޮވެމްބަރު 15) - ޖަރުމަނު ގައުމީ ޓީމުގެ ފުޓްބޯޅަ މިހާރު އޮތީ އުނދަގޫ ފައްތަރެއްގައި ކަމަށާއި ހާލަތު ބަދަލުކުރަން އެންމެންގެ އެހީތެރިކަން ބޭނުންވާ ކަމަށް އެ ޓީމުގެ ކޯޗު ޔަކީމް ލޯ ބުނެފި އެވެ.

މި ފަހަރުގެ ވޯލްޑް ކަޕުގެ ގްރޫޕް ސްޓޭޖުން ކެޓި ޖަރުމަނު ޓީމު އަދިވެސް އޮތީ ހަމަމަގަށް ނޭޅި އެވެ. މި އަހަރު މިހާތަނަށް ޖަރުމަނު ވަނީ ހަ މެޗުން ބަލިވެފަ އެވެ. މިއީ އެ ގައުމުގެ ތާރީހުގައި އެންމެ ނަތީޖާ ދަށް އަހަރެވެ.

"މިއީ ޖަރުމަނު ސަޕޯޓަރުންނަށް ފަސޭހަ ވަގުތެއް ނޫން. ވަރަށް އުނދަގޫ ފައްތަރެއްގައި އަހަރެމެން މި އޮތީ. އެކަމަކު އަހަރެމެން ވިސްނުންތެރިކަމާ އެކު ހުރިހާ ކަމަކާ ކުރިމަތިލައިފިއްޔާ މުސްތަގުބަލު ރަނގަޅުކުރެވޭނެ. އެކަމަކު އެއްބާރުލުން ނުދީ ޕްރެޝަރު ކުރަންޏާ ހާލަތު ބަދަލުކުރަން އުނދަގޫވާނެ." 2022 ވަނަ އަހަރު ގަތަރުގައި އޮންނަ ވޯލްޑް ކަޕުގެ ނިޔަަލަށް ޖަރުމަނާ އެކު ދާދި ފަހުން ކޮންޓްރެކްޓް އާ ކުރި ލޯ ބުންޏެވެ.

ބައިނަލްއަގްވާމީ އެކުވެރިކަމުގެ މެޗެއްގައި ޖަރުމަނު މިރޭ ރަށުންބޭރުގައި ކުޅޭނީ ރަޝިއާއާ އެވެ. ފަހަކަށް އައިސް ޖަރުމަނު ޓީމުން ލޯ ވަނީ ގިނަ ޒުވާން ކުޅުންތެރިންނަށް ފުރުސަތު ދީފަ އެވެ. އެންމެ ފަހުން އޮކްޓޫބަރު މަހު ފްރާންސާ ދެކޮޅަށް ކުޅުނު މެޗުގައި ޖަރުމަނުން ވަނީ 22 އާއި 25 އަހަރާ ދެމެދުގެ އަށް ކުޅުންތެރިންނަށް ފުރަތަމަ އެގާރައިން ފުރުސަތު ދީފަ އެވެ.

ލޯ ބުނީ ކުރިއަށް އޮތްތަނުގައި ވެސް އޭނާ މަސައްކަތްކުރާނީ ގިނައިން ޒުވާން ކުޅުންތެރިންނާ އެކު ކަމަށެވެ.

"ޒުވާން ކުޅުންތެރިން މިދިޔަ އަހަރުގެ ކޮންފެޑެރޭޝަންސް ކަޕުގައި ވެސް ތަފާތު ދެއްކި. މިހާރު ވިސްނުމަކީ ޒުވާން ކުޅުންތެރިންނާއި ތަޖުރިބާ ހުރި ކުޅުންތެރިންގެ ރަނގަޅު މިކްސްއެއް ހިމަނައިގެން ކުރިއަށް ދިއުން. ތަޖުރިބާހުރި ކުޅުންތެރިން މި ބޭނުންކުރަނީ ޒުވާން ކުޅުންތެރިންނަށް މަގުދައްކައިދޭން." ލޯ ބުންޏެވެ.

ވޯލްޑް ކަޕުން ކެޓުމުގެ މާޔޫސްކަމުން އަރައިނުގަނެވި އޮއްވައި ޔުއެފާ އިން ދާދި ފަހުން ފެށި ނޭޝަންސް ލީގުގައި ވެސް ޖަރުމަނު ފެންނަނީ ބަލިކަށިކޮށެވެ. ނޭޝަންސް ލީގުގައި މިހާތަނަށް ކުޅުނު ތިން މެޗުގެ ތެރެއިން ދެ މެޗުން ބަލިވިއިރު، އަނެއް މެޗު ވަނީ އެއްވަރުވެފަ އެވެ.

ނޭޝަންސް ލީގުގެ ފައިނަލު ބުރުގެ އެއްވެސް ފުރުސަތެއް ޖަރުމަނަށް ނެތެވެ. ގްރޫޕް އެއް ވަނައިގައި ފްރާންސް އޮތީ ތިން މެޗުން ނުވަ ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތް ނެދަލެންޑްސް އަށް ދެ މެޗުން ހަތަރު ޕޮއިންޓް ލިބިފައިވާއިރު، ގްރޫޕް ފުލުގައި އޮތް ޖަރުމަނަށް އޮތީ ތިން މެޗުން އެންމެ ޕޮއިންޓެކެވެ.

ނޭޝަންސް ލީގުގައި އަންނަ ހޯމަ ދުވަހު އަމިއްލަ ދަނޑުގައި ނެދަލެންޑްސްއާ ދެކޮޅަށް ކުޅުމުގެ ކުރިން ޖަރުމަނު ދެ ވަނަ ކެޓަގަރީ އަށް ރެލިގޭޓް ވުމުގެ ފުރުސަތު އެބައޮތެވެ. އެއީ މާދަމާރޭ ނެދަލެންޑްސް އަމިއްލަ ދަނޑުގައި ފްރާންސް އަތުން މޮޅުވެއްޖެނަމަ އެވެ.

ލޯ ބުނީ މިހާރު ވިސްނުން ބަހައްޓަނީ 2020 ވަނަ އަހަރުގެ ޔޫރޯ އަށް ކަމަށެވެ.

"ނޭޝަންސް ލީގު ދިޔައީ ދެރަކޮށް. އެކަމަކު އަހަރެމެންނަށް އެބައޮތް 2020 ވަނަ އަހަރުގެ ޔޫރޯ އަށް ރަނގަޅު ޓީމެއް ބިނާކުރަން އެއް އަހަރު. މިހާރުގެ ޕްލޭނަކީ ޔޫރޯ." 2014 ވަނަ އަހަރުގެ ވޯލްޑް ކަޕް ޖަރުމަނަށް ހޯދައިދިން ލޯ ބުންޏެވެ.

ޖަރުމަނާއި ރަޝިއާ ކުޅޭ މެޗު ފަށާނީ ރާއްޖެ ގަޑިން މިރޭ 00:45 ގަ އެވެ.