ޑެހެއާ ގޮތެއް ނުނިންމައިގެން ޔުނައިޓެޑު ކަންބޮޑުވެއްޖެ
ޑެހެއާ ގޮތެއް ނުނިންމައިގެން ޔުނައިޓެޑު ކަންބޮޑުވެއްޖެ

މެންޗެސްޓާ (ނޮވެމްބަރު 15) - މެންޗެސްޓާ ޔުނައިޓެޑުން ހުށަހެޅި އާ އެއްބަސްވުމާ މެދު އެ ޓީމުގެ ގޯލްކީޕަރު ޑޭވިޑް ޑެހެއާ ގޮތެއް ނިންމުން ލަސްވާތީ އެ ޓީމު ކަންބޮޑުވެއްޖެ އެވެ.

އުމުރުން 28 އަހަރުގެ ޑެހެއާއާ އެކު ޔުނައިޓެޑުން ހަދާފައިވާ އެއްބަސްވުން އަންނަ އަހަރުގެ ޖޫން އަށް ހަމަވާނެ އެވެ. އެކަމަކު ޔުނައިޓެޑުން ބޭނުން ނަމަ ޑެހެއާއާ އެކު އެ އެއްބަސްވުން އިތުރު އެއް އަހަރަށް އާ ކުރުމުގެ އިހުތިޔާރު އޮވެ އެވެ. އެކަމަކު ޑެހެއާ ބޭނުންވާ ބައެއް ކަންތައްތައް ފުރިހަމަނުވެ އޮއްވައި އެއްބަސްވުމުގެ މުއްދަތު ހަމަވެއްޖެނަމަ ޔުނައިޓެޑަށް އިތުރު އެއް އަހަރަށް ކޮންޓްރެކްޓް އާ ނުކުރެވޭނެ ކަމަށް ރިޕޯޓްތައް ބުނެ އެވެ.

އިނގިރޭސި މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި ޔުނައިޓެޑުން އޮތީ ޑެހެއާ އަށް ހަފުތާ އަކު 300،000 ޑޮލަރުގެ މުސާރައެއް ލިބޭ ގޮތަށް ދިގު މުއްދަތުގެ އެއްބަސްވުމެއް ހުށަހަޅައިފަ އެވެ. ޔުނައިޓެޑުން އަންނަނީ ޑެހެއާގެ އެއްބަސްވުމުގެ މަޝްވަރާތައް މިދިޔަ އޮގަސްޓް މަހު ފަށައިފަ އެވެ. އެކަމަކު މިހާތަނަށް އެކަމަށް އެންމެ އެކަށީގެންވާ ކުރިއެރުމެއް ލިބިފައިނުވެ އެވެ.

ދާދި ފަހުން ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން ޑެހެއާގެ މުސްތަގުބަލާ ބެހޭގޮތުން ޔުނައިޓެޑްގެ ކޯޗު ހޯސޭ މޮރީނިއޯ އަށް ސުވާލުތަކެއް ކުރިމަތިވި އެވެ. މޮރީނިއޯ ބުނީ ޑެހެއާ މަޑުކުރާނެ ކަމުގެ ޔަގީންކަމެއް ވެސް ނުދެވޭނެ ކަމަށާއި އަދި އެހާ ބޮޑަށް ހާސްވާން ޖެހޭ ސަބަބެއް ވެސް ނެތް ކަމަށެވެ. އަދި އެ ވާހަކަތައް އޮޅުފިލުވައިދޭން ބޭނުންކުރާނެ ލަފުޒުތައް އޭނާ އަށް ނޭނގޭ ކަމަށް ބުންޏެވެ.

ސްޕެއިނުގެ މީޑިއާ ރިޕޯޓްތައް ބުނާގޮތުން މޮރީނިއޯގެ މި ވާހަކަތަކުގެ ސަބަބުން ޑެހެއާ ހުރީ ހިތްހަމަ ނުޖެހިފަ އެވެ. އަދި މި ސީޒަން ނިމުމުން ޔުނައިޓެޑް ދޫކޮށްލުމުގެ ފުރުސަތު އެބައޮތް ކަމަށް ވެސް ބުނެ އެވެ.

ޑެހެއާ ހޯދަން ކޮންމެ ޓްރާންސްފާ މާކެޓެއްގައި ވެސް މީގެ ކުރިން ރެއާލް މެޑްރިޑުން މަސައްކަތް ކުރި އެވެ. އޭގެ ތެރެއިން 2015 ވަނަ އަހަރުގެ އޮގަސްޓް މަހު އޭނާ އެ ޓީމަށް ބަދަލުނުވީ ކިރިޔާ އެވެ. އެ ފަހަރު ލިޔެކިޔުންތަކެއް ބަދަލުކުރުމުގައި ދިމާވި މައްސަލަތަކާ ހެދި އޭނާ އަށް ކްލަބް ބަދަލުނުކުރެވުނުއިރު ފަހުން އޭނާ ވަނީ ކޮންޓްރެކްޓް އާކޮށްފަ އެވެ.

ރެއާލުން ޑެހެއާ ހޯދުމަށް ކުރި މަސައްކަތް ހުއްޓާލުމަށް ފަހު ވަނީ މި ފަހަރުގެ ޓްރާންސްފާ މާކެޓްގައި ޗެލްސީގެ ގޯލްކީޕަރު ބެލްޖިއަމްގެ ތިބައު ކޯޓުއާ ގެންގޮސްފަ އެވެ. ޑެހެއާ ހޯދުމުގެ ރޭހުގައި މިހާރު އުޅެނީ އޭނާގެ ކުރީގެ ކްލަބް އެތުލެޓިކޯ މެޑްރިޑާއި ޔުވެންޓަސް އަދި ޕީއެސްޖީ އެވެ. އެތުލެޓިކޯ އަށް ކުޅޭ ސްލޮވީނިއާ ގޯލްކީޕަރު ޔެން އޮބްލަކް އެ ކްލަބްގައި ހުރުމާ މެދު ދެ ވަނަ ވިސްނުމަކަށް ގޮސްފައިވާ ކަމަށް ރިޕޯޓްތައް ބުނެ އެވެ.

އެތުލެޓިކޯ މެޑްރިޑް ދޫކޮށް ޑެހެއާ ޔުނައިޓެޑަށް ބަދަލުވީ 2011 ވަނަ އަހަރު އެވެ. ތަޖުރިބާކާރު އެޑްވިން ވަންޑަސާ ރިޓަޔަކުރި ފަހުން އޭނާ ނެތްތަން ފޫބައްދަން ފުރަތަމަ ސީޒަނުގައި ޑެހެއާ އަށް އުނދަގޫތަކަކާ ކުރިމަތިލާން ޖެހުނެވެ. އެކަމަކު ސީޒަނަކަށް ފަހު ސީޒަނެއް ރަނގަޅު ކުރަމުން އައިސް ފާއިތުވި ތިން ވަރަކަށް އަހަރު ޑެހެއާ އަންނަނީ ތަފާތު މޮޅު ކުޅުމެއް ދައްކަމުންނެވެ.