14 ނޮވެމްބަރ 2018 - 18:15

ތެލް އަވީވް (ނޮވެމްބަރު 14) - ގާޒާ އަށް ދޭ ހަމަލާތައް ހުއްޓާލަން އިޒްރޭލުގެ ކެބިނެޓުން ނިންމުމުން އެކަމާ ހިތްހަމަނުޖެހިގެން ޑިފެންސް މިނިސްޓަރު އަވިގްދޯ ލީބަމަން އިސްތިއުފާ ދެއްވައިފި އެވެ.
ގާޒާގެ ހަމަލާތައް ހުއްޓާލުން، ޔިސްރޭލް ބެއިޓެއިން ޕާޓީގެ ލީޑަރު ލީބަމަން ސިފަ ކުރައްވާފައި ވަނީ "ޓެރަރިޒަމަށް އަމާންދިނުމުގެ" ގޮތުގަ އެވެ. ހަމާސްއާ އެކު އެއްބަސްވުމަކަށް ދިއުން ވެސް އޭނާ ވަނީ ކުށްވެރި ކުރައްވައިފަ އެވެ.
ގާޒާގައި ހަމަނުޖެހުންތައް ބޮޑުވެ ހޯމަ ދުވަހާއި އަންގާރަ ދުވަހު ވަނީ އަށް މީހުން މަރުވެފަ އެވެ. ގާޒާގެ ހަމަލާތަކުގައި ހަމާސް އިން ވަނީ އިޒްރޭލަށް 460 ރޮކެޓް ފޮނުވާލައިފަ އެވެ. އިޒްރޭލުން ވަނީ ގާޒާގެ 160 އަމާޒަކަށް ބޮން އަޅައިފަ އެވެ.
ހަމާސް އިން އަންގާރަ ދުވަހު ހަވީރު ބުނެފައި ވަނީ މިސްރު މެދުވެރިވެގެން ގާއިމްކުރި ހަމަލާތައް ހުއްޓާލުމުގެ އެއްބަސްވުން ގަބޫލްކޮށްފައިވާ ކަމަށެވެ. އަދި އިޒްރޭލުން އެ ގޮތަށް އަމަލު ކުރާނެ ކަމަށް އުއްމީދު ކުރާ ކަމަށް ވެސް ހަމާސް އިން ބުނެފައިވެ އެވެ. އިޒްރޭލުގެ ސެކިއުރިޓީ ކެބިނެޓުން ވަނީ އެކަމަށް އެއްބަސްވެފަ އެވެ.
ހަމަލާތައް ހުއްޓާލުން ދިފާއު ކުރައްވައި އިޒްރޭލުގެ ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫ ވަނީ ވާހަކަ ދައްކަވައިފަ އެވެ. ހަމަލާތައް ހުއްޓާލުން ހަމާސް އިން ވަނީ ބޮޑު ކާމިޔާބެއްގެ ގޮތުގައި ފާހަގަކޮށްފަ އެވެ.