14 ނޮވެމްބަރ 2018 - 16:10

ޖަކާޓާ (ނޮވެމްބަރު 14) - ޖަވާ ކަނޑަށް ވެއްޓުނު އިންޑޮނީޝިއާގެ ލަޔަން އެއާގެ ބޯޓުން ދަތުރުކުރި ލޯބިވެރިޔާ މަރުވުމުން އަންހެން ކުއްޖާ އެކަނި ވެޑިން ފޮޓޯ ނަގައިފި އެވެ.

އިންޓަން ސިޔަރީ އާއި ރިއޯ ނަންދާ ޕްރަޓަމާ ކައިވެނި ކުރަން ހަމަޖެހިފައި އޮތީ ނޮވެމްބަރު 11 ގަ އެވެ. ޕްރަޓަމާ މަރުވީ ކައިވެންޏަށް އޭނާގެ ޓައުނަށް ދަތުރު ކުރަނިކޮށެވެ. ލަޔަން އެއާގެ ބޯޓު މިދިޔަ މަހު 29 ވަނަ ދުވަހު ވެއްޓުނީ ޖަކާޓާ އިން ފުރިތާ މާގިނައިރެއް ނުވަނީހެވެ.

ސިޔަރީ ބުނީ އޭނާގެ ލޯބިވެރިޔާ މަރުވި ނަމަވެސް އޭނާގެ ހުވަފެން ހަގީގަތަކަށް ހެދުމުގެ ގޮތުން ކައިވެނީގެ ހެދުމާއި އަނގޮޓިއާ އެކު ފޮޓޯ ނަގަން ބޭނުންވީ ކަމަށެވެ.
"އަހަންނަނަށް ބަޔާން ނުކުރެވޭ ވަރުގެ ހިތާމައެއް އިހްސާސް ކުރަމުންދާ އިރު ވެސް އަހަރެން ބޭނުން ވަނީ ކަލާއަށް ޓަކައި ހިނިތުންވެލަން،" ޒުވާން އަންހެން ކުއްޖާ އިންސްޓަގްރާމްގައި ލިޔެފައިވެ އެވެ. "ކަލާ އަބަދުވެސް އަހަރެން ގާތު ބުނާ ގޮތަށް އަހަރެން މިހުރީ ހިތްވަރާ އެކު."
އިންސްޓަގްރާމް ޕޯސްޓެއްގައި ސިޔަރީ ބުނެފައި ވަނީ ލޯބިވެރިޔާ ޕްރަޓަމާ ދަންނަތާ 13 އަހަރު ވެއްޖެ ކަމަށާއި ޕްރަޓަމާ އަކީ އޭނާގެ ފުރަތަމަ ލޯބިވެރިޔާ ކަމަށެވެ.
ސިޔަރީ ބުނީ ޖަކާޓާ އަށް ދިއުމުގެ ކުރިން ޕްރަޓަމާ ވަނީ އޭނާ އަށް ނާދެވިއްޖެ ނަމަ ވެޑިން ފޮޓޯތައް ނަގައި އެއިން ފޮޓޯއެއް ފޮނުވުމަށް އެދި ޕްރަޓަމާ ޖޯކް ޖެހި ކަމަށެވެ.
ލަޔަން އެއާގެ ބޯޓ ވެއްޓުނީ ޖަކާޓާ އިން ޕަންގްކަލް ޕިނާންގަށް ދަތުރު ކުރަނިކޮށެވެ. ބޯއިން 737 ގެ ބޯޓުން 189 މީހުން ދަތުރުކުރި އެވެ.
ސިޔަރީގެ ވެޑިން ފޮޓޯތައް ނަގައިދިން ފޮޓޯގްރާފަރު ވެސް ވަނީ އިންސްޓަގްރާމްގައި ބައެއް ކަންކަން ސާފުކޮށްދީފަ އެވެ. ފޮޓޯގްރާފަރު ބުނީ ޕްރަޓަމާ އާއި ސިޔަރީ އަކީ ސްކޫލް ދައުރުން ފެށިގެން ލޯބިވެރިން ކަމަށާއި ވެޑިން ހެދުން އިޚްތިޔާރު ކުރީވެސް އެ ދެ މީހުން ކަމަށެވެ.
މެޑިކަލް ޑޮކްޓަރެއް ކަމަށްވާ ޕްރަޓަމާ ޖަކާޓާ އަށް ދިޔައީ ސެމިނާރަކަށެވެ.
"ނޮވެމްބަރު 11 ގައި އަހަންނަނަށް ނާދެވިއްޖެ ނަމަ ވެޑިން ޑްރެސް ލައިގެން ފޮޓޯއެއް ނަގައި އަހަންނަށް ފޮނުވައިދީ،" ޕްރަޓަމާ ފުރަމުން ޖޯކަކަށް ބުނި ބަސްތައް ފޮޓޯގްރާފް ވެސް ކިޔައިދިނެވެ.