ޝާހިދު މަޖިލީހުގައި ފަހު ދުވަސް: "ދެން ފޮރުވައިގެން ކަންކަމެއް ނުކުރެވޭނެ"!
ޝާހިދު މަޖިލީހުގައި ފަހު ދުވަސް: "ދެން ފޮރުވައިގެން ކަންކަމެއް ނުކުރެވޭނެ"!

ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ކުރިއަށް އޮތްތަނުގައި ފޮރުވައިގެން ކަންކަން ނުކުރެވޭނެ ކަމަށް، ރައްޔިތުންގެ މަޖިލީހުގައި 25 އަހަރު މެމްބަރު ކަން ކުރެއްވުމަށް ފަހު އިސްތިއުުފާ ދެއްވާ ހެންވޭރު އުތުރު ދާއިރާގެ އަބްދުﷲ ޝާހިދު މިއަދު ވިދާޅުވެއްޖެ އެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، ރައްޔިތުންގެ މަޖިލީހުގެ ރައީސްކަން ކުރައްވާފައިވާ ޝާހިދު ވިދާޅުވީ މިއަދަކީ މަޖިލިސް މެމްބަރެއްގެ ހައިސިއްޔަތުން އޭނާ މަސައްކަތް ކުރައްވާނެ އެންމެ ފަހު ދުވަސް ކަމަށެވެ. އަދި ވިދާޅުވީ މަޖިލިސް ހިސޯރުކޮށް މަޖިލީހުގެ ބާރުތައް ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ހިފެހެއްޓުމުން ވެސް ގިނަ މެމްބަރުން އެ އުސޫލުތަކާ ދެކޮޅު ހަދާފައިވާ ކަމަށެވެ. މަޖިލީހުގެ މެމްބަރު ކަމުން ޝާހިދު އިސްތިއުފާ ދެއްވަނީ އާ ސަރުކާރާ އެކު މަސައްކަތް ކުރެއްވުމަށެވެ. އެހެން ނަމަވެސް އިސްތިއުފާ ދެއްވާނެ ދުވަހެއް އޭނާ ވިދާޅެއް ނުވެ އެވެ.

ސަރުކާރުގެ ތެރެއިން ފެންނާނީ ކޮން ދާއިރާއަކުންތޯ ދެންނެވުމުން އޭނާ ވިދާޅުވީ އިންތިޚާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ)، ހަވާލު ކުރެއްވި ކޮންމެ މަސައްކަތެއް ވެސް ކުރައްވާނެ ކަމަށެވެ. މެމްބަރެއްގެ ގޮތުގައި އުޅުއްވުމާ އެކު، އޭނާ ވިދާޅުވީ އާ ސަރުކާރުގައި ހިދުމަތް ކުރަން ފަސޭހަ ވާނެ ކަމަށެވެ.

"[މެމްބަރުކަން ކުރީމަ] މަޖިލީހަކީ ކިހާ މުހިންމު ތަނެއްކަން [އެނގޭ]. ހަގީގީ ބާރު ރައްޔިތުން ދީފައިވާ މަޖިލީހަކީ މިއީކަން އަޅުގަނޑުމެންނަށް ގަބޫލު ކުރެވޭނެ... [އޭރުން] ސަރުކާރާއި ރައްޔިތުންގެ މަޖިލީހާ ގުޅިގެން ކުރަން ޖެހޭ މަސައްކަތްތަކަށް ވަރަށް ބޮޑު ލުޔެއް ލިބިގެންދާނެ،" ކުރީގެ ފޮރިން މިނިސްޓަރު ވިދާޅުވި އެވެ.

ޝާހިދު ވަނީ ވޭތުވެދިޔަ ފަސް ދައުރުގައި މަޖިލީހުގެ މެމްބަރުކަން ކުރައްވައިފަ އެވެ. އޭގެ ތެރޭގައި 1994 ވަނަ އަހަރުން ފެށިގެން މި ދައުރާ ހަމައަށް ވ. އަތޮޅުގެ މެމްބަރުކަމާއި ކެޔޮދޫ ދާއިރާގެ މެމްބަރު ކަމުގެ އިތުރުން ހެންވޭރު އުތުރު ދާއިރާގެ މެމްބަރުކަން ހިމެނެ އެވެ. މަޖިލީހުގެ ރައީސްކަން އޭނާ ކުރައްވާފައި ވަނީ ނިމިގެން ދިޔަ ދައުރު އެވެ. އެއީ އާ ގާނޫނުއަސާސީގެ ދަށުން ފުރަތަމަ އުފެދުނު މަޖިލީހުގެ ރައީސް ކަމެވެ.

އިބޫ އާ އެކު ފުރަތަމަ ފަހަރަށް މަޖިލީހަށް އިންތިޚާބުވެ ވަޑައިގެން ޝާހިދު ވަނީ ދެ ގާނޫނުއަސާސީއެއް އެކުލަވާލެއްވުމުގެ މަސައްކަތުގައި ވެސް އިސްކޮށް ހަރަކާތްތެރިވެ ވަޑައިގެންފަ އެވެ.

މަޖިލީހުގެ ރައީސްކަން ކުރެއްވިއިރު ތަފާތު ދަތިތަކާ ކުރިމަތިވެ ވަޑައިގަތް ކަމަށާއި އެކަން ހައްލު ކުރަން މަޝްވަރާގެ އުސޫލުގެ ބޭނުން ހިއްޕަވާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. އެންމެ ހިތި ތަޖުރިބާއެއްގެ ގޮތުގައި ޝާހިދު ފާހަގަ ކުރެއްވީ މި ދައުރުގައި މެމްބަރުން މަޖިލީހަށް ވަދެ ތިއްބައި ސިފައިންނާއި ފުލުހުން ވަދެ އެ މެމްބަރުން އެތަނުން ނެރުމެވެ.

"އަޅުގަނޑު އުއްމީދު ކުރި ދުވަހެއް ނޫން އެޔަކީ. އަޅުގަނޑު އުއްމީދެއް ނުކުރަން ރައްޔިތުން އިންތިޚާބުކޮށްފައި ހުރި މީހަކު މިތަނުން [މަޖިލީހުން] ނެރެގެން ގެންދާނެ ކަމަކަށް،" ޝާހިދު ވިދާޅުވި އެވެ.

ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ސަރުކާރުގައި އިސް މަގާމުތައް ވެސް ފުރުއްވި ޝާހިދު ވަނީ އޭރު ރައީސް މައުމޫން އިސްކޮށް ހުންނެވި ޑީއާރްޕީ ދެބައި ވުމުން އެމްޑީޕީއާ ގުޅިވަޑައިގެންފަ އެވެ. އެއާއެކު ޝާހިދު ގެންދަވަނީ އެ ޕާޓީގެ ލީޑާޝިޕްގައި މަސައްކަތް ކުރައްވަމުންނެވެ.