14 ނޮވެމްބަރ 2018 - 15:27

ސަރުކާރުގެ ގިނަ ކުންފުނިތައް އޮތީ ދަރަނިވެރިވެފައި ކަމަށް، އެ ކުންފުނިތަކުގެ ހާލަތު ބެލި ޓްރާންސިޝަނަލް ކޮމެޓީތަކުން މިއަދު ބުނެފި އެވެ.
ސަބްސިޑަރީސްތައް ނުލައި ސަރުކާރު ހިއްސާވާ 28 ކުންފުނީގެ ހާލަތު ބަލަން ހެދި ކޮމެޓީތަކުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އިލްޔާސް ލަބީބް ވިދާޅުވި ގޮތުގައި، އެ ކޮމެޓީތަކުން ހެދީ ކުންފުނިތަކުގެ އެސެސްމެންޓެކެވެ. އެއީ، ތަހުގީގެއް ނުވަތަ އޮޑިޓެއް ނޫން ކަމަށާއި ކުންފުނިތަކާ ގުޅޭ ގޮތުން އެކުލަވާލި ރިޕޯޓް އިންތިޚާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އަށް ހުށަހަޅާފައިވާ ކަމަށް ވެސް ވިދާޅުވި އެވެ.
އިލްޔާސް ވިދާޅުވި ގޮތުގައި ޓްރާންސިޝަނަލް ކޮމެޓީން ކުރި މަސައްކަތްތަކަށް ރަސްމީކޮށް އެއްބާރުލުން ނުދޭ، ސަރުކާރުގެ ކުންފުނިތައް ހުއްޓެވެ. އޭގެ ތެރޭގައި ކޮރަޕްޝަންގެ ބޮޑެތި ތުހުމަތުތަކެއް އެޅިފައިވާ ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އާއި ފެނަކަ އާއި އެމްޕީއެލް އާއި އެމްޓީސީސީ އާއި އާސަންދަ އާއި ޕީއެސްއެމް އާއި ކައްދޫ އެއާޕޯޓް ކުންފުނި ހިމެނޭ ކަމަށް އިލްޔާސް ވިދާޅުވި އެވެ.
- ޖުމްލަ 28 ކުންފުނީގެ ތެރެއިން ދައުލަތަށް ފައިދާ ވަނީ އެންމެ 9 ކުންފުނިން.
- ލިބުނު މައުލޫމާތަކުން އެނގޭ ގޮތުގައި، ކުންފުނިތަކުން އެކި ފަރާތްތަކަށް 3.9 ބިލިއަން ރުފިޔާ ދައްކަން ޖެހިފައި އެބަހުރި.
- ކުންފުނިތަކަށް ލިބެން ޖެހޭ ފައިސާގެ އަދަދު 4.4 ބިލިއަން ރުފިޔާ އަރާ.
- ދައުލަތުގެ ކުންފުނިތަކުގައި 22،212 މުވައްޒަފުން އެބަތިބި.
- ޑިވިޑެންސްގެ ގޮތުގައި 2019 އަށް ލިބޭނެ ކަމަށް ލަފާކޮށްފައި ވަނީ 891 މިލިއަން ރުފިޔާ.
- ދައުލަތުން ކުންފުނިތަކަށް، 1.8 ބިލިއަން ރުފިޔާ ދައްކަން ޖެހޭ. ލިބޭ އެއްޗަކަށް ވުރެން ދައުލަތުގެ ބަޖެޓުން ކުންފުނިތަކަށް ކުރަންޖެހޭ ހޭދަ މާބޮޑު.
- ގެއްލުމުގައި ގިނަ ކުންފުނިތައް ހިންގިއަސް ފައިދާ ނެރެވޭނެ. ފައިދާ ނުވަނީ، ހިންގާ ގޮތުންނާއި އެ ކުންފުނި ތެރޭގައި ހުރި ކޮރަޕްޝަށް މަގުފަހިވާ ކަންކަން ހުރުމުން.
- އާ ސަރުކާރުން، ކުންފުނިތަކުގެ ހިންގުން ހަރުދަނާކޮށް، ފައިދާ ނެރެވޭނެ ގޮތްތައް ހަދަން ޖެހޭ.
މޯލްޑިވްސް އިންޓަގްރޭޓެޑް ޓުއަރިޒަމް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެމްއައިޓީޑީސީ) އާއި އެމްޓީޑީސީ އާއި އެމްއެމްޕީއާރުސީ އާއި ޕީއެސްއެމްގެ ހާލަތު ބެލި ކޮމެޓީގެ މުގައްރިރު، ތޮއްޔިބު މުހަންމަދު ވަހީދު ވިދާޅުވީ އެ މަސައްކަތުގައި، އެމްއެމްޕީއާރުސީ އާއި ޕީއެސްއެމްގެ ޚަރަދުތަކުގެ ތަފްސީލުތައް ނުލިބުނު ކަމަށެވެ.
އެމްއައިޓީޑީސީގެ ދައުރަކީ ކައުންސިލްތަކާ ގުޅިގެން ލޯކަލް ޓޫރިޒަމް ހިންގުން ކަމަށް ވިއަސް އެކަމުގައި ކައުންސިލްތަކުގެ މާބޮޑު ދައުރެއް ނުވަތަ ބައިވެރި ކުރުމެއް ނޯންނަ ކަމަށް ތޮއްޔިބު ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ސަރުކާރުގެ 45 ޕަސެންޓާއި އަމިއްލަ ފަރާތްތަކުގެ 55 ޕަސެންޓް ހިއްސާވާ އެމްޓީޑީސީ ވެސް ހިންގަމުން ދަނީ އުފެއްދި މަގްސަދާ އެއްގޮތަށް ނޫނެވެ. އެ ކުންފުންޏަށް 15 ރަށް ދޭން ވައުދުވެފައިވީ ނަމަވެސް ލިބުނީ 9 ރަށް ކަމަށާއި ހަތަރު ރަށް ވަކިކޮށް، ބާކީ އެމްޓީޑީސީގައި އޮތީ ދެ ރަށް ކަމަށް ވިދާޅުވި އެވެ.
އެ ކުންފުނީގައި ބޮޑެތި މައްސަލަތަކެއް ހުރި ކަން ކޮމެޓީއަށް ފާހަގަވި ކަމަށް ތޮއްޔިބު ވިދާޅުވި އެވެ.
ރާއްޖެއިން ބޭރުގައި ޓޫރިޒަމް ޕްރޮމޯޓް ކުރަން އުފެއްދި އެމްއެމްޕީއާރުސީގައި ކޮރަޕްޝަންގެ ބޮޑެތި ކަންކަން ހިނގާފައިވިޔަސް އޭގެ މައުލޫމާތެއް ކޮމެޓީއަކަށް ނުލިބެ އެވެ. ކޮމެޓީގެ އަތަށް އެރީ، ތޮއްޔިބު ވިދާޅުވި ގޮތުގައި، ކޮރަޕްޝަން ފަޅާއަރައި، ކުންފުނީގެ މެންޑޭޓަށް ބަދަލު ގެނައި ހިސާބުން ކަންކަން ހިނގާފައިވާ ގޮތެވެ.
އެ މައުލޫމާތުން ވެސް ގިނަ ކަންކަން އިސްލާހުކުރަން ޖެހިފައި ހުރި ކަން އެނގުނު ކަމަށް ތޮއްޔިބް ވިދާޅުވި އެވެ.
ޓްރާންސިޝަނަލް ކޮމެޓީން ދެ ފަހަރަށް ޕީއެސްއެމަށް ގޮސްގެން ވެސް އިސް ބޭފުޅުންނާ ބައްދަލުވީ ވަރަށް އުނދަގުލުން ކަން ފާހަގަކުރައްވައި ތޮއްޔިބު ވިދާޅުވީ އެ ކުންފުންޏަށް ދައުލަތުގެ ބަޖެޓުން އަހަރަކު ދޭ 140 މިލިއަން ހޭދަކޮށްފައި ވަނީ މެނޭޖްކުރުމެއް ނެތި ކަމަށެވެ. ޕަބްލިކް ސާވިސް މީޑިއާ އަށް ގާނޫނުގައި ކަނޑައަޅާފައި އޮންނަ މެންޑޭޓުގެ އިތުރުން، ބައެއް ކަންކަން ކުރަން އުޅުމުގެ ނަތީޖާ އަކީ ބޭކާރު ޚަރަދުތައް ގިނަވުން ކަމަށް އޭނާ ވިދާޅުވި އެވެ.
ފަހުން ފައިސާ ލިބޭނެ ކަމަށް ބަލައިގެން ވެސް، ތޮއްޔިބު ވިދާޅުވި ގޮތުގައި، ބައެއް ޚަރަދުތައް ކޮށްފައިވެ އެވެ.
"މެންޑޭޓާ އެއްގޮތަށް ނުގެންދެވުމުގެ އިތުރުން، ތަނުގެ އެޑިޓޯރިއަލް އިންޑިޕެންޑެންސަށް ވަރަށް ބޮޑަށް ބޯޑުގެ ނުފޫޒު ފޯރުވައިގެން ކަންކަން ކުރިއަށް ގެންދެވިފައިވާ ކަން. އޭގެ އިތުރަށް ޕްރޮކިއުމެންޓް ޕޮލިސީސްތަކެއް ނެތް ކަން. އަދި ބޮޑެތި ޕްރޮޖެކްޓްތަކަށް ގިނަ އަދަދެއްގެ ފައިސާ ހަވާލުކޮށްފައިވާއިރު، އެއީ އެކަށޭނެ އަދި ދައުލަތުގެ ނިޒާމްގެ ތެރެއިން ނޫން ވެސް ގެންގޮސްފައި ހުރި،" ތޮއްޔިބު ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ޕީއެސްއެމްގައި 522 މުވައްޒަފުން އެބަތިއްބެވެ. އޭގެތެރޭގައި ވަގުތީ މުވައްޒަފުންނާއި އެކަށީގެންވާ މަސްއޫލިއްޔަތެއް ނެތް މުވައްޒަފުން ވެސް ހިމެނޭ ކަމަށް ވިދާޅުވި އެވެ.
ތޮއްޔިބު ވިދާޅުވީ ކުންފުނި ހިންގުމުގެ ގޮތުން އޯޑިއަންސް ގެއްލި، ބޮޑު ގެއްލުމަކާ ވެސް ކުރިމަތިލާން ޖެހުނު ކަމަށެވެ.
ޔުޓިލީ ޚިދުމަތް ފޯރުކޮށްދެމުންދާ ދައުލަތުގެ ކުންފުނިތަކުގެ ތެރެއިން ސްޓެލްކޯ އާއި އެމްޑަބްލިއުއެސްސީ އާއި ފެނަކަ އިން ކޮމެޓީ އަށް އެކަށީގެންވާ އެއްބާރުލުމެއް ނުދިނެވެ.
އެ ކުންފުނިތަކަށް އެކުލަވާލި ކޮމެޓީގެ ފަރާތުން ވާހަކަ ދެއްކެވި ނޫމާން އަލީ ވިދާޅުވީ ވެމްކޯ ފިޔަވައި އެއްވެސް ކުންފުންޏަކުން އެންމެ ފުރިހަމަ އަށް އެއްބާރުލުމެއް ނުލިބުނު ކަމަށެވެ.
"ވެމްކޯ ވަރަށް ބޮޑަށް، އަޅުގަނޑުމެންނަށް ހުޅުވާލަ ދެއްވި. އަދި ބޭނުންވި ހުރިހާ މައުލޫމާތެއް ފޯރުކޮށްދެއްވި،" އޭނާ ވިދާޅުވި އެވެ.
ފެނަކަ އިން އެއްވެސް ވަރަކަށް އެއްބާރުލުމެއް ނުލިބުނު ކަމަށް ނޫމާން ވިދާޅުވި އެވެ. އެހެންވިޔަސް ކުންފުނިތައް އޮތް ހާލަތާ ގުޅޭ މައުލޫމާތު ހޯއްދެވި ކަމަށް ވިދާޅުވި އެވެ.