ގާޑިއޯލާ އަށް ވުރެ މޮޅީ މޮރީނިއޯ: މަރަޑޯނާ
ގާޑިއޯލާ އަށް ވުރެ މޮޅީ މޮރީނިއޯ: މަރަޑޯނާ

ބީނޯސް އޭރީޒް (ނޮވެމްބަރު 14) – މެންޗެސްޓާ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ އަށް ވުރެ މޮޅީ މެންޗެސްޓާ ޔުނައިޓެޑުގެ ކޯޗު ހޯސޭ މޮރީނިއޯ ކަމަށް ދުނިޔޭގައި އުފެދުނު އެންމެ މޮޅު އެއް ފުޓްބޯޅަ ކުޅުންތެރިޔާ އާޖެންޓީނާގެ ޑިއެގޯ މަރަޑޯނާ ބުނެފި އެވެ.

ބާސެލޯނާ އަށް ގާޑިއޯލާ ކުޅުނު ދުވަސްވަރު އެ ޓީމުގެ އެސިސްޓަންޓް ކޯޗަކަށް މަސައްކަތްކުރި މޮރީނިއޯ އަކީ ގާޑިއޯލާގެ މިހާރުގެ އެންމެ ބޮޑު ވާދަވެރިޔާ އެވެ. ވަކި ސިސްޓަމަކަށް ކުޅުވައި އެއް ފެންވަރެއްގައި ގިނަ ދުވަހު ހިފެހެއްޓުމުގައި ގާޑިއޯލާ ކުރި ހޯދާފައިވާއިރު މޮރީނިއޯ ފާހަގަކުރެވެނީ ވަކިވަކި މެޗުތަކުން ނަތީޖާ ނެރުމުގައި އެފަދަ ދެ ވަނަ އެއް ނެތް ފަދަ ކޯޗެއްގެ ގޮތުގަ އެވެ. އެކަމަކު ފަހަކަށް އައިސް މޮރީނިއޯގެ ވިދުވަރު ވަނީ ފަނޑުވެފަ އެވެ. އެކަމަކު ގާޑިއޯލާ އަންނަނީ ސިޓީގައި އޮތް ޓީމު ބިނާކޮށް ވަރުގަދަކުރަމުންނެވެ.

"އަހަންނަށް މޮރިނިއޯ އަކީ އެންމެ މޮޅު ކޯޗު،" މަރަޑޯނާ ބުންޏެވެ.

އެކަމަކު މަރަޑޯނާ ބުނީ ގާޑިއޯލާގެ ކުރީގެ ކޯޗު ޔޮހާން ކްރައިފްގެ ފަރާތުން އޭނާ އަށް ލިބުނު ކަންކަމުގެ ބޭނުން ހިފުމުގެ ކްރެޑިޓް އޭނާ އަށް ދޭ ކަމަށެވެ.

"އަހަރެން އެއް ފަހަރަށް ވުރެ ފަހަރު ބުނެފިން ޓިކި-ޓަކާ އަކީ ގާޑިއޯލާގެ ސިސްޓަމެއް ނޫނޭ. އެއީ ކްރައިފްގެ ސިސްޓަމެއް،" ބާސެލޯނާގެ މަޝްހޫރު ޕާސިން ގޭމަށް އިޝާރަތްކޮށް މަރަޑޯނާ ބުންޏެވެ.

މަރަޑޯނާ ބުނީ މި ވަގުތު ގާޑިއޯލާ އަށް އޮތް އެޑްވާންޓޭޖަކީ އޭނާ ބޭނުންވާ ކޮންމެ ކުޅުންތެރިޔަކު ގެނައުމުގެ ފުރުސަތު ކަމަށާއި އޭގެ ސަބަބުން އޭނާގެ ސިސްޓަމަށް ކުޅުވަން ފަސޭހަތަކެއްވާ ކަމަށެވެ.

މޮޅަށް ކުޅުނު ނަމަވެސް މަރަޑޯނާ އަށް ކޯޗިންގައި ކުރިއެރުމެއް ހޯދިފައެއް ނުވެ އެވެ. އާޖެންޓީނާ އަށް 2010 ވަނަ އަހަރުގެ ވޯލްޑް ކަޕުގައި ކޯޗުކޮށްދިނުން ފިޔަވައި މާބޮޑު ކަމެއް ނުކުރެވުނެވެ. އެކަމަކު މެކްސިކޯގެ ދެ ވަނަ ޑިވިޝަނުގެ ޓީމަކަށް ކޯޗުކޮށްދޭ މަރަޑޯނާ ބުނީ ކޯޗިންގައި އޭނާ ކުރިއަރާނެ ފުރުސަތު އަދި އެބައޮތް ކަމަށެވެ.

"އެ ސަބަބަށްޓަކައި އަހަރެން މެންޗެސްޓާ އަށް ގޮސް މޮރީނިއޯ ގާތުން ވަރަށް ގިނަ ކަންކަން އަހަން ބޭނުން. ސަބަބަކީ ޝައްކެއް ނެތް ގޮތެއްގައި އެންމެ މޮޅު ކޯޗަކީ އޭނާ ކަމަށް ވުން،" މަރަޑޯނާ ބުންޏެވެ.