15 ނޮވެމްބަރ 2018 - 07:37

އަންނަ މަހު ރިލީޒްކުރާ ރޯހިތު ޝެޓީގެ ފިލްމު "ސިމްބާ" އަކީ ވިޔަފާރީގެ ޓްރޭޑްމާކެއްގެ ގޮތުގައި ބޭނުންކުރާ ނަމެއް ކަމަށާއި އެ ނަން އެހެން ބަޔަކަށް ބޭނުން ނުކުރެވޭނެ ކަމަށް ބުނެ އިންޑިއާގެ ޗަތިސްގަޅުގެ ކުންފުންޏެއް ކަމަށްވާ ސޯނާ ބެވެރެޖް ކޮމްޕެނީ ލިމިޓެޑުން ދިއްލީ ހައި ކޯޓަށް މައްސަލައެއް ހުށަހަޅައިފި އެވެ.
މިކަމާ ގުޅިގެން ކޯޓުން މިހާރު ވަނީ މި މައްސަލާގައި ޖަވާބުދާރީވާން ރޯހިތުގެ ފިލްމު ކުންފުނި ރޯހިތު ޝެޓީ ޕިކްޗާޒް އަށް ނޯޓިސް ވެސް ފޮނުވައިފަ އެވެ.
ދިއްލީ ހައި ކޯޓްގެ ފަނޑިޔާރު ޕްރަތިބާ އެމް ސިންގް ވިދާޅުވީ ފޮނުވި ނޯޓިހަށް ދިން ސުންގަޑި ކަމަށްވާ އަންނަ މަހުގެ 2 ގެ ކުރިން ރޯހިތުގެ ކުންފުނިން ޖަވާބުދާރީ ނުވެއްޖެ ނަމަ، އަންނަ މަހުގެ 4 ވަނަ ދުވަހު މައްސަލާގައި ގޮތެއް ނިންމާނެ ކަމަށެވެ.
އަންނަ މަހުގެ 28 ގައި ރިލީޒް ކުރާ "ސިމްބާ" އަކީ ރޯހިތުގެ ފިލްމު ކުންފުންޏާއި ކަރަން ޖޯހަރުގެ ދަރުމާ ޕްރޮޑަކްޝަން ގުޅިގެން ގެނެސްދޭ ފިިލްމެކެވެ.
"ސިމްބާ" ގެ ނަން ފިލްމަށް ދީފައި ވަނީ ފިލްމުގެ ލީޑް ރޯލް ކުޅޭ ރަންވީރު ސިންގް ކުޅޭ ކެރެކްޓާ އެސިސްޓަންޓް ކޮމިޝަނަރު އޮފް ޕޮލިސް (އޭސީޕީ) ސަންގްރާމް ބަލެރާއޯ އަށް ކުރުކޮށް ކިޔާ ނަމުގެ ގޮތުގަ އެވެ. އަދި ފިލްމުގައި ޕޯސްޓަރުގައި އޭގެ ސްޕެލިން ލިޔެފައި އިންނަނީ ޑަބަލް އެމް ހިމެނޭ ގޮތަށެވެ.
ނަމަވެސް ސޯނާ ބެވެރެޖްގެ ޓްރޭޑްމާކްގައި "ސިމްބާ" ލިޔެފައި އިންނަނީ ސިންގަލް އެމްއަކާ އެކުގަ އެވެ. އެހެން ވިޔަސް ދެ ނަން ކިޔެނީ އެއްގޮތަކަށެވެ.
ސޯނާ ބެވެރެޖުން ކޯޓަށް ހުށަޙެޅި މައްސަލާގައި ބުނީ "ސިމްބާ" އަކީ އެ މީހުން ވިއްކާ ބިޔަރާއި ފެނާއި އެ ނޫން ވެސް އެކި ކަހަލަ ބުއިންތަކުގެ ޓްރޭޑްމާކް ކަމަށެވެ. އަދި އެ ނަން ބޭނުން ކުރަނީ ވިޔަފާރީގެ ހުއްދައިގެ ތެރެއިން ކަމަށާއި ނަން ބޭނުން ކުރާތާ ތިން އަހަރުވެފައިވާ ކަމަށް ބުންޏެވެ.
"ސިމްބާ" އަކީ 2015 ގައި ރިލީޒް ކުރި ތެލެގޫ ފިލްމު "ޓެމްޕާ" އަސްލަކަށް ބަލައިގެން ހަދާފައިވާ ފިލްމެކެވެ. މި ފިލްމުގއި ރަންވީރާ އެކު ބަތަލާގެ ރޯލް ކުޅެފައި ވަނީ ސާރާ އަލީ ހާނެވެ.
"ސިމްބާ" ގެ ޓްރެއިލާ އަންނަ މަހުގެ 3 ގައި ރިލީޒް ކުރަން ވަނީ ހަމަޖެހިފަ އެވެ.