14 ނޮވެމްބަރ 2018 - 12:23

ލަންޑަން (ނޮވެމްބަރު 14) - މި އަހަރުގެ ޖެނުއަރީ މަހުގެ ޓްރާންސްފާ މާކެޓްގައި އާސެނަލްގެ ތަރި މެސުޓް އޮޒިލް އަށް އޭޝިއާގެ ކްލަބަކުން ހަފްތާއަކު އެއް މިލިއަން ޑޮލަރުގެ މުސާރައެއް ހުށަހެޅި ކަމަށް އޮޒިލްގެ އޭޖެންޓް އެރުކޫތު ސޮގުތު ބުނެފި އެވެ.
އާސެނަލުން އޮޒިލްއާ އެކު ހަދާފައިވާ އެއްބަސްވުން އިތުރު ތިން އަހަރަށް އާ ކުރީ މިދިޔަ ފެބްރުއަރީ މަހު އެވެ. އޭގެ ކުރިން އޮޒިލްގެ މުސްތަގުބަލާ ގުޅުވައިގެން ގިނަ ވާހަކަތަކެއް ދެކެވުނެވެ. އޮޒިލް އަށް ހުށައެޅުން ލިބުނީ އާ ކޮންޓްރެކްޓުގެ މަސައްކަތްކުރި ދުވަސްވަރު ކަމަށް އޭޖެންޓް ބުންޏެވެ.
"އޭޝިއާގެ ކްލަބްތަކުން އޮޒިލް އަށް ވަރަށް ބޮޑެތި ހުށަހެޅުން ލިބުނު. ހަފްތާ އަކު 1.2 މިލިއަން ޑޮލަރުގެ ހުށަހެޅުމެއް ވެސް ލިބުނު. އެކަމަކު އޮޒިލް އަކީ ހަމައެކަނި މުސާރަ އަކަށް ބަލައިގެން ކްލަބް ބަދަލުކުރާނެ ކުޅުންތެރިޔެއް ނޫން،" އިވްނިން ސްޓެންޑާޑް ނޫހަށް ދިން އިންޓަވިއުއެއްގައި އެރުކޫތު ބުންޏެވެ.
އާސެނަލްގެ އާ އެއްބަސްވުމުގައި ފެބްރުއަރީ މަހު އޮޒިލް ސޮއިކުރީ ހަފްތާ އެކު 454،000 ޑޮލަރުގެ މުސާރަ އަކަށެވެ. މިއީ އާސެނަލްގެ ތާރީހުގައި އެ ޓީމުން ކުޅުންތެރިއަކަށް ދޭ އެންމެ ބޮޑު މުސާރަ އެވެ.
އެރުކޫތު ބުނީ ސޯޝަލް މީޑިއާ އަށް ބަލާއިރު އިނގިރޭސި ޕްރިމިއާ ލީގުގައި އެންމެ ހައިބަތު ބޮޑު ކުޅުންތެރިއަކީ އޮޒިލް ކަމަށާއި ކްލަބް ބަދަލުކުރާއިރު ބަލަން ޖެހޭ ގިނަ ކަންތައްތަކެއް ހުންނަ ކަމަށެވެ.
"އޮޒިލްގެ ޖޯޒީ ވިއްކައިގެން ލިބޭ އާމްދަނީ ވެސް އިންތިހާ އަށް ގިނަ. ސޯޝަލް މީޑިއާގައި ވެސް ޕްރިމިއާ ލީގަށް ބަލާނަމަ އޮޒިލް އެންމެ ކުރީގައި އުޅެނީ. މިއީ ފުޓްބޯޅައިގައި ޓްރާންސްފާ އެއް ކުރާއިރު ވަރަށް ބަލަންޖެހޭ ކަންތައް. ކުޅުންތެރިންގެ ކޮމާޝަލް ވެލިއު އަކީ ވަރަށް މުހިއްމު ކަމެއް،" އެރުކޫތު ބުންޏެވެ.
މި ފަހަރުގެ ވޯލްޑް ކަޕްގައި ޖަރުމަނު ޓީމުގައި ދިމާވި ކަންތައްތަކަށް ފަހު އޮޒިލް ވަނީ ގައުމީ ޓީމަށް ކުޅުން ހުއްޓާލައިފަ އެވެ. އެރުކޫތު ބުނީ ވޯލްޑް ކަޕަށް ފަހު ޖަރުމަނުން ޔުއެފާ ނޭޝަންސް ލީގަށް ކުރިއަށް ގެންދިޔަ ޕްރޮމޯޝަންތަކުގައި އޮޒިލް ނެތުމުން ގިނަ މައްސަލަތައް ކުރިމަތިވި ކަމަށެވެ.
"ޖަރުމަނުގައި އޮޒިލްގެ ޖޯޒީ އަށް ވަރަށް ޑިމާންޑް އޮވޭ. އޮޒިލް ގައުމީ ޓީމަށް ކުޅުން ހުއްޓާލި ފަހުން. އެ މަންޒަރު ވަރަށް ސާފުކޮށް އެބަފެނޭ،" އޭނާ ބުންޏެވެ.