15 އޯގަސްޓް 2016 - 12:05

ރިއޯ ޑި ޖެނީރޯ (އޮގަސްޓް 15) - ސަތާރަ އަހަރުވެފައިވާ ދުނިޔޭގެ 400 މީޓަރުގެ ދުވުމުގެ ރެކޯޑް މުގުރާލައި މި އިވެންޓުން އޮލިމްޕިކް ގޭމްސްގެ ރަން މެޑަލް ދެކުނު އެފްރިކާގެ ވޭޑް ވެން ނިއެކާކް ހޯދައިފި އެވެ.
އުމުރުން 24 އަހަރުގެ ނިއެކާކް ރޭސް ނިންމީ 43.03 ސިކުންތުންނެވެ. މިއީ ކުރިން ރެކޯޑް އޮތް މައިކަލް ޖޯންސަން 1999 ވަނަ އަހަރު ރޭސް ނިންމި ޓައިމިން އަށް ވުރެ 0.15 ސިކުންތު އަވަސް ވަގުތެކެވެ.
މި އިވެންޓުން ރިހި މެޑަލް ހޯދީ 2012 ވަނަ އަހަރުގެ ލަންޑަން އޮލިމްޕިކްސްގެ ރަން މެޑަލް ހޯދި ގްރެނަޑާގެ ކިރާނީ ޖޭމްސް އެވެ. ލޯ މެޑަލް ލިބުނީ އެމެރިކާގެ ލަޝޯން މެރިޓް އެވެ.
ނިއެކާކް ބުނީ އޮލިމްޕިކްގައި ރަން މެޑަލް ހޯދުމަކީ ކުޑަ އިރުން ފެށިގެން ދެކެމުން އައި ހުވަފެނެއް ކަމަށެވެ.
"ކުޑަ އިރުއްސުރެ އެންމެ ބޭނުންވި އެއް ކަންތައް ހާސިލް މިވީ. އުއްމީދު އޮތް ކުރިން ވެސް. މި ފުރުސަތުގައި މައިކަލް ޖޯންސަން އަށް ޝުކުރު އަދާކުރަން، އަހަރެންނަށް މިކަން ހާސިލްކުރެވުނީ ޖޯންސަން އަކީ މިސާލެއްގެ ގޮތުގައި ދެކިގެން،" ނިއެކާކް ބުންޏެވެ.
ޖޯންސަން ބުނީ ނިއެކާކްގެ މުސްތަގުބަލު އުޖާލާ ކަަމަށާއި މިއީ އޭނާ އަށް ފެށުމެއް ކަމަށް ހެދިދާނެ ކަމަށެވެ.
"އުސެއިން ބޯލްޓް މިހާރު އެވަނީ ރިޓަޔަކުރަން ނިންމާފައި. ދެން އެ ލެވެލަށް ދާން ބޭނުންވާ އެތުލީޓުން މަސައްކަތް ފަށަންވީ ވަގުތު މިއީ. އަހަރެން ވަރަށް އުފާކުރަން ނިއެކާކް އެ ރެކޯޑް މުގުރާލުމުން. އޭނާ އަކީ ހުނަރުހުރި އެތުލީޓެއް. މަސައްކަތް ކޮށްފިނަމަ އިތުރަށް ކުރިއަށް ދެވޭނެ ފެންވަރު ހުރިކަން އޭނާ މި ވަނީ ސާބިތުކޮށްދީފައި،" ޖޯންސަން ބުންޏެވެ.