ކޮލިފައިންގައި އަންހެން ފުޓްބޯޅަ ޓީމަށް ކުރިއެރުން
ކޮލިފައިންގައި އަންހެން ފުޓްބޯޅަ ޓީމަށް ކުރިއެރުން

ޖަޕާނުގެ ޓޯކިޔޯގައި 2020 ވަނަ އަހަރު ބާއްވާ އޮލިމްޕިކްސްގެ ކޮލިފައިންގައި ރާއްޖޭގެ ގައުމީ އަންހެން ފުޓްބޯޅަ ޓީމުން ކުރިއެރުން ހޯދައިފި އެވެ.

މި އަހަރު އޮގަސްޓް މަހުގައި އޮތް އޭޝިއަން ގޭމްސްއާ އަޅާބަލާއިރު، މި ފަހަރުގެ ކޮލިފައިންގައި ރާއްޖޭގެ ނަތީޖާތައް ރަނގަޅެވެ. އޭޝިއަން ގޭމްސްގައި އިންޑޮނީޝިއާ އަތުން 6-0 އިން ބަލިވިއިރު، މި ފަހަރު ބަލިވީ 3-1 އިންނެވެ. އެ މެޗުގައި ރާއްޖޭގެ ކެޕްޓަން ފަދުވާ ޒާހިރު ޖެހި ގޯލަށް ވަރަށް ގިނަ ބަޔެއްގެ ތައުރީފު އޮހުނެވެ.

ފަލަސްތީނުގައި ކުރިއަށްދިޔަ ކޮލިފައިން ޑީގެ މެޗުތައް އިއްޔެ ނިމުނުއިރު، މި ގްރޫޕުން ރާއްޖެ ފިޔަވައި އަނެއް ތިން ޓީމު ވަނީ ދެ ވަނަ ބުރަށް ދަތުރުކޮށްފަ އެވެ. ގްރޫޕްގެ އެއް ވަނަ ހޯދީ ކުޅުނު ތިން މެޗުން ވެސް މޮޅުވެ ނުވަ ޕޮއިންޓް ހަމަކުރި ޖޯޑަން އެވެ. ދެ ވަނައިގައި އޮތް އިންޑޮނީޝިއާ އާއި ތިން ވަނަ އަށް ދިޔަ ފަލަސްތީނަށް ހަތަރު ޕޮއިންޓް ލިބުނުއިރު، ރާއްޖެ އަށް ކޮލިފައިން ނިންމާލީ ޕޮއިންޓެއް ނުލިބި އެވެ.

އެންމެ ފަހުގެ އޭޝިއަން ގޭމްސްގައި ރާއްޖެ ކުޅުނު ތިން މެޗުން 21 ގޯލު ކޮޅަށް ވަނެވެ. އެ މުބާރާތް ނިންމާލީ ލަނޑެއް ވެސް ނުޖެހި އެވެ. އެކަމަކު މި ފަަހަރުގެ އޮލިމްޕިކްސް ކޮލިފައިންގައި ރާއްޖެ ކޮޅަށް ވަނީ 11 ގޯލެވެ. ރާއްޖޭން ވަނީ ދެ ލަނޑު ޖަހައިފަ އެވެ.

އޮލިމްޕިކްސް ކޮލިފައިންގައި ރާއްޖެ ކުޅުނު ފުރަތަމަ މެޗުން ޖޯޑަން އަތުން ބަލިވީ 6-0 އިންނެވެ. ގްރޫޕްގެ ފަހު މެޗުގައި ރާއްޖެ އިއްޔެ ވަނީ ފަލަސްތީން އަތުން 2-1 އިން ބަލިވެފަ އެވެ. އިއްޔެގެ މެޗުގައި މަރިޔަމް ރިފާ ޖެހި ގޯލުން ރާއްޖެ ވަނީ ލީޑުނަގައިފަ އެވެ. އެކަމަކު ފަލަސްތީނުން އެ ޓީމު ކޮޅަށް ނަތީޖާ އަނބުރާލީ ސަޖާ އާއި ކެރޮލީން ވައްދާލި ގޯލުތަކުންނެވެ.

ގައުމީ އަންހެން ފުޓްބޯޅަ ޓީމުގެ ކޯޗު މުހައްމަދު އާތިފް އޭޝިއަން ގޭމްސްގެ ކުރިން ބުނީ ފެންވަރު ރަނގަޅު ޓީމުތަކާ ދެކޮޅަށް ކުޅޭއިރު ރާއްޖެ އިން މި ވަގުތު އިސްކުރަންވީ ކޮޅަށް ވަންނަ ގޯލު މަދުކުރުން ކަމަށާއި ތަޖުރިބާ އިތުރުކޮށް މެޗަކަށް ފަހު މެޗެއް ކުރިއެރުން ހޯދުން މުހިއްމު ކަމަށެވެ.

އަންހެން ފުޓްބޯޅައިގައި ރަސްމީކޮށް ރާއްޖޭގެ ކުޅުންތެރިން ކުޅެނީ ރާއްޖޭ ލެވެލްގައި މެޗުތަކެއް ނުކުޅެ އެވެ. އަންހެން ފުޓްބޯޅަ އަށް ހާއްސަކޮށް ރަނގަޅު މުބާރާތެއް ރާއްޖޭގައި ނުބޭއްވޭތާ ދެ އަހަރަށް ވުރެން ގިނަ ދުވަސްވެއްޖެ އެވެ. އެހެންވެ، ބައިނަލްއަގްވާމީ ލެވެލްގައި ސީދާ މުބާރާތަށް ގޮސްގެން މެޗުތައް ކުޅެގެން ނަތީޖާ ނެރުން ވަނީ އުނދަގޫވެފަ އެވެ.

ގިނަ ގޮންޖެހުންތަކަކާ އެކު ވެސް އެފްއޭއެމުން އަންނަނީ އަންހެން ފުޓްބޯޅަ ތަރައްގީ ކުރަން މަސައްކަތް ކުރަމުންނެވެ. އެ ގޮތުން އުމުރުފުރާގެ އަންހެން ޓީމުތައް އެކުލަވާލުމުގެ މަސައްކަތްތަކެއް ކުރެވެމުންދާ ކަމަށް ވެސް އެފްއޭއެމުން މީގެ ކުރިން ވަނީ ބުނެފަ އެވެ.

މިދިޔަ އަހަރު އެފްއޭއެމުން ވަނީ އަންހެން ފުޓްބޯލް ލީގެއް ބާއްވަން މަސައްކަތްކޮށްފަ އެވެ. އެކަމަކު އެކަށީގެންވާ ތަރުހީބެއް ނުލިބުމުން މުބާރާތް ޖެހުނީ ކެންސަލްކުރާށެވެ. އެ މުބާރާތުގައި ބައިވެރިވީ ނިއު ރޭޑިއަންޓުން އެކަންޏެވެ. އެހެން ޓީމުތަކުން ބައިވެރިނުވި އެއް ސަބަބަކީ ވަގުތު ކުޑަތަންވެފައި އޮއްވައި އެފްއޭއެމުން މި މުބާރާތް އިއުލާން ކުރުން ކަމަށް އޭރު ކްލަބްތަކުން ބުންޏެވެ.

ރާއްޖެ ދެން އެންމެ އަވަހަށް ނުކުންނާނީ އަންނަ މަހު ނޭޕާލްގައި ބާއްވާ ސާފް ވިމެންސް ޗެމްޕިއަންޝިޕް އަށެވެ. އަންނަ މަހު 17-26 އަށް ތާވަލްކޮށްފައިވާ މުބާރާތުގައި ރާއްޖެ އޮތީ އިންޑިއާ އާއި ސްރީލަންކާއާ އެއް ގްރޫޕެއްގަ އެވެ. ރާއްޖެ ވަނީ އެންމެ ފަހުން 2016 ވަނަ އަހަރު އޮތް ސާފް މުބާރާތުގެ ސެމީ ފައިނަލުގައި ކުޅެފަ އެވެ.