އަގު ވަޒަންކުރާތީ ވަރަށް އުފާވޭ: ރޫނީ
އަގު ވަޒަންކުރާތީ ވަރަށް އުފާވޭ: ރޫނީ

ލަންޑަން (ނޮވެމްބަރު 14) - އޭނާ ގައުމީ ޓީމަށް ކޮށްދިން ހިދުމަތުގެ އަގުވަޒަންކުރަން އިނގިރޭސި އެފްއޭ އިން ނިންމުމުން ލިބުނީ ވަރަށް ބޮޑު އުފަލެއް ކަމަށް ތަޖުރިބާކާރު ފޯވާޑް ވޭން ރޫނީ ބުނެފި އެވެ.

މީގެ ދެ އަހަރު ކުރިން ގައުމީ ޓީމަށް ކުޅުން ހުއްޓާލި އުމުރުން 33 އަހަރުގެ ރޫނީ ގައުމީ ޓީމަށް ކުޅުމުގެ ފުރުސަތު އަލުން ދޭން ނިންމީ އިންގްލެންޑަށް އޭނާ ކޮށްދިން ހިދުމަތުގެ އަގުވަޒަންކުރުމުގެ ގޮތުން ކަމަށް އެ ޓީމުގެ ކޯޗު ގަރެތު ސައުތުގޭޓް ވަނީ ބުނެފަ އެވެ.

އިނގިރޭސި އެފްއޭ އިން ބުނީ ރޫނީ އަށް ހާއްސަކޮށް މި މެޗު ކުޅެން ނިންމި ސަބަބަކީ އޭނާ އަކީ އިންގްލެންޑަށް އެންމެ ގިނަ ލަނޑު ޖަހައިދިން ކުޅުންތެރިޔާ ކަމަށްވުމާއީ ޝަރަފްވެރިކަމާ އެކު ގައުމީ ޓީމަށް ކުޅުން ހުއްޓާލުމުގެ ފުރުސަތު ދިނުމުގެ ގޮތުން ކަމަށެވެ.

މާދަމާރޭ އެމެރިކާއާ ދެކޮޅަށް ވެމްބްލީގައި ކުޅޭ މެޗުން ލިބޭ ފައިސާ ހަދިޔާ ކުރުމަށް ހަމަޖެހިފައިވަނީ "ދި ވޭން ރޫނީ ފައުންޑޭޝަން އިންޓަނޭޝަނަލް" އަށެވެ. މި މެޗަށް ނަން ދެވިފައިވަނީ ވެސް އެ ގޮތަށެވެ.

"އިންގްލެންޑަށް ވަރަށް ގިނަ ހިދުމަތްތަކެއް ކޮށްދިން ކުޅުންތެރިން އެބަތިބި. އިންގްލެންޑާ އެކު ވޯލްޑް ކަޕް ތަށި އުފުލާލި ކުޅުންތެރިންނާ މެދު ވެސް ކަންތައް ކުރީ އެންމެ ރަނގަޅަކަށް ނޫން. މިއީ އެފްއޭގައި މިހާރު ތިބި ބައެއްގެ އިހުމާލެއް ނޫން. އަހަންނަށް މިހާރު މި ފެންނަނީ އުއްމީދުކުރި މަންޒަރުތަކެއް ނޫން. އަގުވަޒަންކުރަން ނިންމުމުން ވަރަށް އުފާވޭ،" އިންގްލެންޑަށް 53 ލަނޑު ޖަހައިދީފައިވާ ރޫނީ ބުންޏެވެ.

"މިއީ އިނގިރޭސި އެފްއޭ ރަނގަޅު މިސްރާބަކަށް ދާ ކަމުގެ ހެއްކެއް. ގައުމީ ޓީމަށް ކުޅޭ ކުޅުންތެރިންނަށް އެންމެ ޝަރަފްވެރިކޮށް ރިޓަޔަކުރުމުގެ ފުރުސަތެއް ލިބެންޖެހޭ."

ރޫނީ އަށް އެ ފުރުސަތު ދޭތީ އެންމެ ބޮޑަށް ހިތްހަމަ ނުޖެހުން ފާޅުކުރީ އިންގްލެންޑްގެ ކުރީގެ ގޯލްކީޕަރު ޕީޓަ ޝިލްޓަން އެވެ. އިންގްލެންޑަށް 125 ފަހަރު ކުޅެދިން ޝިލްޓަން އަކީ ގައުމީ ޓީމަށް އެންމެ ގިނަ މެޗު ކުޅެދިން ކުޅުންތެރިޔާ އެވެ. ރޫނީ އަށް މެޗު ކުޅެން ފުރުސަތު ދިނުމުން ޝިލްޓަން ބުނީ ކުޅުންތެރިންނަށް މި ގޮތަށް ހަދިޔާއެއްގެ ގޮތުގައި މެޗުތައް ދިނުމަކީ ރަނގަޅު ގޮތެއް ނޫން ކަމަށެވެ.

އެމެރިކާގެ ޑީސީ ޔުނައިޓެޑަށް ކުޅެމުން އަންނަ ރޫނީ ބުނީ ގައުމީ ޓީމަށް އަލުން އެނބުރި އަންނަން އޭނާ ޑިމާންޑްތަކެއް ނުކުރާ ކަމަށެވެ. އަދި މީގެ ދެ އަހަރު ކުރިން ރިޓަޔަކުރި ފަހުން އެންމެ މެޗެއް ކުޅެން ވެސް އަލުން މި ޓީމަށް އެނބުރި އަންނާނެ ކަމުގެ އުއްމީދެއް ނެތް ކަމަށް ބުންޏެވެ.

އިންގްލެންޑުން އެމެރިކާއާ ދެކޮޅަށް ކުޅޭ މެޗު ވެގެންދާނީ އޭނާ ގައުމީ ޓީމަށް ކުޅެދޭ 120 ވަނަ މެޗަށެވެ. މި މެޗުގައި އޭނާ ކުޅެން އަރުވާނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ދެ ވަނަ ހާފުގައި ކަމަށް ރިޕޯޓްތައް ބުނެ އެވެ.