އިބޫ ހުވާކުރައްވާ ރަސްމިއްޔާތަށް ޗައިނާ ރައީސްގެ މަންދޫބެއް ވަަޑައިގަންނަވާނެ
އިބޫ ހުވާކުރައްވާ ރަސްމިއްޔާތަށް ޗައިނާ ރައީސްގެ މަންދޫބެއް ވަަޑައިގަންނަވާނެ

އިންތިހާބީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހް (އިބޫ) ރައީސްކަމުގެ ހުވާކުރައްވާ ރަސްމިއްޔާތަށް ޗައިނާގެ ރައީސް ޝީ ޖިންޕިންގެ މަންދޫބެއްގެ ގޮތުގައި އެ ގައުމުގެ ޓޫރިޒަމް މިނިސްޓަރު ލުއޯ ޝޫގާންގް ފޮނުވަން އެ ގައުމުން ނިންމައިފި އެވެ.

ޗައިނާ ފޮރިން މިނިސްޓްރީގެ ތަރުޖަމާނު ހުއާ ޗުންޔިން އިއްޔެ ވިދާޅުވީ އިބޫ ހުވާކުރައްވާ ރަސްމިއްޔާތުގައި ޝީ ޖިންޕިންގެ ހާއްސަ މަންދޫބެއްގެ ގޮތުގައި ބައިވެރިވެވަޑައިގެންނެވުމަށް ލުއޯ ރާއްޖެ އަށް ވަޑައިގަންނަވާނީ މާދަމާ ކަމަށެވެ. އޭނާ ރާއްޖެއިން ފުރާވަޑައިގަންނަވާނީ މި މަހުގެ 19 ވަނަ ދުވަހު އެވެ.

ޗައިނާ އަކީ އެއް ގައުމަކުން ރާއްޖެ އަށް އެންމެ ގިނަ ޓޫރިސްޓުން އަންނަ އަދި ރާއްޖޭގައި ބޮޑެތި މަޝްރޫއުތަކެއް ހިންގާފައިވާ ގައުމެކެވެ.

ހުވާ ކުރުމުގެ ރަސްމިއްޔާތަށް ލުއޯ ރާއްޖެ އަށް ކުރައްވާ ދަތުރުގައި ހަތަރު ދުވަސް ހޭދަކުރައްވާތީ އާ ސަރުކާރުގެ ވެރިންނާ ބައްދަލުކުރައްވައި ދެ ގައުމުގެ ގުޅުމާ ގުޅޭ މަޝްވަރާތައް ވެސް ކުރައްވާނެ ކަމަށް ބެލެވެ އެވެ. ނަމަވެސް އޭނާގެ ދަތުރުގެ ތަފުސީލެއް ޗައިނާ ސަރުކާރުން އަދި ހާމައެއް ނުކުރެ އެވެ.

ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ރާއްްޖެއާ ގާތް ގުޅުމެއް އޮތް ޗައިނާއިން ވަނީ އާ ސަރުކާރުން އެ ގައުމާ މެދު ގެންގުޅޭނެ ކަމަށް ބެލެވޭ ސިޔާސަތާ މެދު ކުރިން ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އެގޮތުން މިދިޔަ ސެޕްޓެމްބަރު 23 ގައި ބޭއްވި ރިޔާސީ އިންތިހާބު ނިމުނުތަނާ، އެ ޗައިނާއިން ވަނީ ރާއްޖޭގައި އެ ގައުމުން ހިންގާ މަޝްރޫއުތައް ހުއްޓައި ނުލުމަށް އިންތިހާބީ ރައީސް އިބޫއަށް ގޮވާލައިފަ އެވެ.

ޗައިނާ ސަރުކާރުގެ ދުނިޔެ އަށް ދޭން ބޭނުންވާ މެސެޖްތައް ގެނެސްދޭ، ވެރިކަން ކުރާ ކޮމިއުނިސްޓް ޕާޓީގެ ނޫސް "ދަ ގްލޯބަލް"ޓައިމްސް އިިން މިދިޔަ ސެޕްޓެމްބަރު މަހުގެ 27 ވަނަ ދުވަހު ޝާއިއުކުރި ލިއުމެއްގައި ބުނެފައިވަނީ އިބޫގެ ސަރުކާރަކީ ޕްރޯ-އިންޑިއާ ސަރުކާރަކަށް ވެއްޖެ ނަމަ އޭގެ ގެއްލުން ވާނީ ރާއްޖެ އަށް ކަމަށެވެ.

ގްލޯބަލް ޓައިމްސްގެ އެޑިޓޯރިއަލްތަކަކީ ޗައިނާ ސަރުކާރުގެ ބުނުންތަކެއްގެ ގޮތުގައި ބައިނަލްއަގްވާމީ މީޑިއާއިން އަބަދުވެސް ނަގަ އެވެ. އަދި ޗައިނާ ސަރުކާރުން އެކަމާ ދެކޮޅެއް ވެސް ނުހަދަ އެވެ.

އިބޫ ހުވާކުރެއްވުމުގެ ރަސްމިއްޔާތަށް އެކުވެރި ގައުމުތަކުގެ އިސް ބޭފުޅުން ވަޑައިގަންނަވަން ހަމަޖެހިފައި ވާއިރު ވަޑައިގަންނަވާނެ އެންމެ އިސް ބޭފުޅަކީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރާ މޯދީ އެވެ. އިބޫ ހުވާކުރައްވާ ރަސްމިއްޔާތު އޮންނާނީ އަންނަ ހޮނިހިރު ދުވަހު ގަލޮޅު ދަނޑުގަ އެވެ.